ޚަބަރު

ޑެނިއެލް މަލްޑިނީ ކާރު އެކްސިޑެންޓެއްވެ، ލައިސަންސް ހިފަހައްޓައިފި


  • ހޯމަ ދުވަހު ޓީމްގެ ފަރިތަކުރުންތަކަށް ނިކުންނާނެ

އިޓަލީ ގައުމީ ޓީމަށްވެސް ކުޅޭ, ކަގްލިއާރީގެ އެޓޭކިންގ މިޑްފީލްޑަރ ޑެނިއެލް މަލްޑިނީ ކާރު އެކްސިޑެންޓެއްވެ, އޭނާގެ ލައިސަންސް ފުލުހުން ހިފަހައްޓައިފިއެވެ.

24 އަހަރުގެ މިޑްފީލްޑަރު ކާރު އެކްސިޑެންޓްވީ އިތުރު ބަޔަކާވެސް އެކު ދަތުރުކުރަމުން ދަނިކޮށް އާދިއްތަ ދުވަހުގެ ރެއެވެ. އެކްސިޑެންޓާ ގުޅިގެން ހެދި ޓެސްޓްތަކުން ޑެނިއެލް މަލްޑިނީ ވަނީ އަލްކަހޯލަށް ޕޮޒިޓިވްވެފައި ކަމަށް ރިޕޯރޓްތައް ބުނެއެވެ. އިޓަލީގެ ޤާނޫނު ހިއްދަ ކުރާ މިންވަރަށްވުރެ އިތުރަށް އޭނާ އަލްކަހޯލް ބޭނުންކޮށްފައިވާ ކަމަށް ރިޕޯރޓްތައް ބުނެއެވެ.

މަޝްހޫރު ޕައުލޯ މަލްޑިނީގެ ދަރިފުޅު ޑެނިއެލް މަލްޑިނީގެ އެކްސިޑެންޓާ ގުޅިގެން އޭނާގެ ކްލަބް ކަގްލިއާރީން ވެސް ވަނީ ބަޔާނެއް ނެރިފައެވެ. ކްލަބްގެ ބަޔާނުގައި ބުނެފައިވަނީ އެކްސިޑެންޓާ ގުޅިގެން ޑެނިއެލް މަލްޑިނީ ހޮސްޕިޓަލަށް ގެންގޮސް ޓެސްޓްތަކެއް ހަދާފައިވާ ކަމަށެވެ. އޭނާއަށް ބޮޑު އަނިޔާއެއް ނުލިބެއެވެ. ހޯމަ ދުވަހު ޓީމްގެ ފަރިތަކުރުންތަކާ ގުޅޭނެ ކަމަށް ކްލަބުން ބުނެފައިވެއެވެ. އެކްސިޑެންޓާ ގުޅިގެން ހަ މީހަކަށް ކުދިކުދި އަނިޔާތައް ލިބުނު ކަމަށް ރިޕޯރޓްތައް ބުނެއެވެ.

އެކްސިޑެންޓްގެ ކުރިން ލީގުގައި ކަގްލިއާރީ އެޓްލާންޓާ އަތުން މޮޅުވި މެޗުގައި ޓީމް މޮޅުކޮށްދިން ލަނޑު ޖެހީވެސް ޑިނިއެލް މަލްޑިނީ އެވެ. އޭނާ ވަނީ ގައުމީ ޓީމަށް ހަ މެޗު ކުޅެދީފައެވެ. ޑިނިއެލް މަލްޑިނީ އަކީ މަލްޑިނީ އާއިލާގެ ފުޓްބޯޅައިގެ ތިންވަނަ ޖެނެރޭޝަނެވެ,