އިނގިރޭސި ލީގު ކަޕްގައި ރޭ އިޕްސްވިޗް އާއި ދެކޮޅަށް އާސެނަލް ކުޅުނު މެޗު 4-2 ގެ ނަތީޖާއަކުން އާސެނަލް މޮޅުވެ މުބާރާތުގެ ހަތަރުވަނަ ބުރުގެ ޖާގައެއް ހޯދައިފިއެވެ.
އިޕްސްވިޗްގެ ޕޯޓްމަން ރޯޑްގައި ކުޅުނު މި މެޗުގައި އާސެނަލް އިން ޖެހި ހަތަރު ލަނޑުގެ ތެރެއިން ދެ ލަނޑު ޖަހާފައިވަނީ އުމުރުން 16 އަހަރުގެ މެކްސް ޑައުމަން އެވެ.
ޕްރިމިއާ ލީގުގައި މި ސީޒަނުގެ ހުރިހާ މެޗަކުން މޮޅުވެފައިވާ އާސެނަލް އިން މި މެޗަށް ނިކުތްއިރު ކޯޗު މިކޭލް އާޓޭޓާ ވަނީ ޓީމަށް ގިނަ ބަދަލުތަކެއް ގެނެސްފައެވެ. އެގޮތުން 16 އަހަރުގެ ޑައުމަންގެ އިތުރުން 17 އަހަރުގެ މާލީ ސަލްމަން އަށް ވަނީ ފުރަތަމަ ޓީމުގެ މި ސީޒަނުގައި ފުރަތަމަ ފަހަރަށް ފުރުސަތު ދީފައެވެ.
އާސެނަލް އިން މި މެޗުގައި ލީޑު ނަގާފައިވަނީ މެޗުގެ 7 ވަނަ މިނިޓުގައި ޑައުމަން ކާމިޔާބުކޮށްދިން ލަނޑުންނެވެ. އަދި މެޗުގެ 16 ވަނަ މިނިޓުގައި ނޯނީ މަޑުއެކޭ ވަނީ އިތުރު ލަނޑެއް ޖަހާ މެޗުގެ ނަތީޖާ 2-0 އަށް ބަދަލުކޮށްފައެވެ.
މެޗުގެ ދެވަނަ ހާފުގެ ކުޅުން ފެށުނުތާ ދެވަނަ މިނިޓުގައި ޑައުމަން ވަނީ އިތުރު ލަނޑެއް ޖަހާ ދެ ޓީމުގެ ދެމެދުގައިވާ ފަރަގު ބޮޑުކޮށްފައެވެ.
އާސެނަލް އިން މި މެޗުގައި ޖެހި ހަތަރުވަނަ ލަނޑު މެޗުގެ 58 ވަނަ މިނިޓުގައި އެ ޓީމަށް ކާމިޔާބުކޮށްދީފައިވަނީ މިކޭލް މެރީނޯ އެވެ.
އިޕްސްވިޗް އިން މި މެޗުގައި އާސެނަލްގެ ކޮޅަށް ފުރަތަމަ ލަނޑު ޖަހާފައިވަނީ މެޗުގެ 62 ވަނަ މިނިޓުގައި އަނިސް މެހްމެޓީ ކާމިޔާބުކޮށްދިން ލަނޑުންނެވެ. އަދި މެޗުގެ ފުރިހަމަ ވަގުތު ހަމަވެ އިންޖަރީ ވަގުތުގެ ފުރަތަމަ މިނިޓުގައި ޗުބާ އަކްޕޮމް ވަނީ އިތުރު ލަނޑެއް ޖަހާ މެޗުގެ ނަތީޖާ 4-2 އަށް ބަދަލުކޮށްފައެވެ.
އާސެނަލް އާއި ދެކޮޅަށް ހަތަރުވަނަ ބުރުގައި ކުޅޭނެ ޓީމެއް އެނގިގެންދާނީ މިރޭ މެންޗެސްޓަރ ޔުނައިޓެޑް އާއި ބްރައިޓަން މިރޭ ކުޅޭ މެޗަށްފަހުގައެވެ.