ޚަބަރު

އެފްއެޗްއޭއެމް ފެއަރ: ފުރަތަމަ ފަހަރަށް އެންމެ މޮޅު ޝެފުގެ އެވޯޑު ދިވެހި އަންހެނަކަށް


  • މި މަގާމު ހާސިލްކޮށްފައިވަނީ ދުސިތު ޑީ2 ފޭދޫ މޯލްޑިވްސްގެ މުސްލިމާ އާދަމް

  • އޭނާ ވަނީ ވާދަކުރި ދާއިރާތަކުން 3 ރަން މެޑެއްޔާއި 1 ރިހި މެޑަލް ވަނީ ހާސިލުކޮށްފައި

ރާއްޖޭގެ ފަތުރުވެރިކަމުގެ ދާއިރާގެ އެންމެ ބޮޑު އެއް ހަރަކާތް ކަމަށްވާ ފުޑް އެންޑް ހޮސްޕިޓަލިޓީ އޭޝިއާ މޯލްޑިވްސް، އެފްއެޗްއޭއެމްގެ "ބެސްޓް ޝެފް"ގެ މަގާމު ދިވެހި އަންހެނަކު ހާސިލްކޮށްފިއެވެ. މިމަގާމު ހާސިލްކޮށްފައިވަނީ ދުސިތު ޑީ2 ފޭދޫ މޯލްޑިވްސްގެ މުސްލިމާ އާދަމްއެވެ.

ފުޑް އެންޑް ހޮސްޕިޓަލިޓީ އޭޝިއާ މޯލްޑިވްސް 2026 ނިންމުމުގެ ރަސްމިއްޔާތާއި ކަލިނަރީ ޗެލެންޖުގެ އިނާމު ދިނުން ބާއްވާފައިވަނީ ހުޅުލެ އައިލެންޑް ހޮޓެލްގައެވެ. ސެޕްޓެންބަރު މަހުގެ 10 ވީ ބުރާސްފަތި ދުވަހު ހެނދުނު ބޭއްވި ރަސްމިއްޔާތުގައި، މުބާރާތުގައި ވާދަކުރި ޝެފުންގެ ހުނަރާއި ހޯދި ކާމިޔާބީތަކުގެ އަގު ވަޒަންކޮށްފައިވެއެވެ.

އެފްއެޗްއޭއެމްގެ ކަލިނަރީ ޗެލެންޖުގެ އެންމެ ޝަރަފުވެރި ވަނަ ކަމަށްވާ "ބެސްޓް ޝެފް"ގެ މަގާމު ހާސިލުކޮށްފައިވަނީ، ދުސިތު ޑީ2 ފޭދޫ މޯލްޑިވްސްގެ މުސްލިމާ އާދަމްއެވެ. މިއީ އެފްއެޗްއޭއެމްގެ ތާރީޚުގައިވެސް އެންމެ މޮޅު ޝެފުގެ އެވޯޑު ދިވެއްސަކު އަދި ދިވެހި އަންހެން ޝެފަކު ކާމިޔާބުކުރި ފުރަތަމަ ފަހަރެވެ.

މި އަހަރުގެ މުބާރާތުގައި އޭނާ ވާދަކުރި 4 ކެޓަގަރީންވެސް ވަނީ ގިނަ އެވޯޑުތަކެއް ހާސިލްކޮށްފައެވެ. އޭނާ ވަނީ ވާދަކުރި ދާއިރާތަކުން 3 ރަން މެޑެއްޔާއި 1 ރިހި މެޑަލް ހާސިލުކޮށްފައެވެ. މުސްލިމާގެ މި ކާމިޔާބީއަކީ ރާއްޖޭގެ ކަލިނަރީ ދާއިރާގައި މަސައްކަތްކުރާ އަންހެނުންނަށް ލިބުނު ވަރަށް ބޮޑު ކުރިއެރުމެއްގެ އިތުރުން، ފަތުރުވެރިކަމުގެ ސިނާއަތުގައި ދިވެހި ހުނަރުވެރިންގެ ފެންވަރު ސާބިތުކޮށްދިން މުހިންމު ކާމިޔާބީއެކެވެ.

މީގެ އިތުރުން، މި މުބާރާތުގެ "މޯސްޓް އައުޓްސްޓޭންޑިންގ އޯގަނައިޒޭޝަން" އެވޯޑު ހާސިލުކޮށްފައިވަނީ ދުސިތު ޑީ2 ފޭދޫ މޯލްޑިވްސް އިންނެވެ.

މިއަހަރުގެ ކަލިނަރީ ޗެލެންޖުގައި ޖުމްލަ 20 އަށްވުރެ ގިނަ ވާދަވެރި ކެޓަގަރީ ހިމެނުނެވެ. މިއީ މި ދާއިރާގެ ޝެފުންނަށް އެމީހުންގެ ފަންނީ ހުނަރާއި އުފެއްދުންތެރިކަން އަދި ތަޖުރިބާ މި ދާއިރާގެ ތަޖުރިބާކާރުންގެ ކުރިމަތީގައި ދައްކާލުމަށް ލިބުނު ވަރަށް އަގުހުރި ފުރުސަތެއް ކަމަށް މި ފެއާ އިންތިޒާމުކުރި ދިވެހި އެކްސްޕޯއިން ފާހަގަކުރެއެވެ.

ފުޑް އެންޑް ހޮސްޕިޓަލިޓީ އޭޝިއާ މޯލްޑިވްސްގައި މިހާތަނަށް އެންމެ ގިނަ ޤައުމުތަކުން ބައިވެރިވެފައިވަނީ މިއަހަރުއެވެ. މިއަހަރު 22 އަށްވުރެ ގިނަ ޤައުމުގެ 100 އަށްވުރެ ގިނަ އެގްޒިބިޓަރުން ބައިވެރިވާއިރު، މީގެ ތެރޭގައި ބައިނަލްއަޤްވާމީ ހަތަރު ޕެވިލިއަން ހިމެނެއެވެ. މިހަރަކާތުގެ ސަބަބުން ބައިނަލްއަޤްވާމީ ސަޕްލަޔަރުންނާއި ރާއްޖޭގެ ހަލުވިކަމާއެކު ކުރިއަރަމުން އަންނަ ފަތުރުވެރިކަމުގެ ދާއިރާއާ ދެމެދު ވަރުގަދަ ގުޅުމެއް އުފެދޭނެކަމަށް ދިވެހި އެކްސްޕޯއިން ފާހަގަކުރެއެވެ.

މިއަހަރުގެ ފުޑް އެންޑް ހޮސްޕިޓަލިޓީ އޭޝިއާ މޯލްޑިވްސް އެފްއެޗްއޭއެމްއަށް ލިބުނު ތަރުހީބާއެކު އަންނަ އަހަރުވެސް ބޭއްވުމަށް ވަނީ ނިންމާފައެވެ. އެގޮތުން ރާއްޖޭގެ ކަލިނަރީ ޕްރޮފެޝަނަލުންނާއި ފަތުރުވެރިކަމުގެ ދާއިރާގެ އެކި ފަރާތްތައް އެއްތަނަކުން ބައްދަލުވެ ގުޅުން ބަދަހިކުރުމަށް މަގުފަހިކޮށްދޭ މި ހަރަކާތް އަންނަ އަހަރުގެ ސެޕްޓެންބަރު މަހުގެ ފުރަތަމަ ހަފްތާގައި ބާއްވާނެއެވެ.