ޚަބަރު

ދިއްދޫ އަތުން ވިކްޓްރީއަށް ހަނި މޮޅެއް


  • ދިއްދޫގެ މައްޗަށް ވިކްޓްރީ ކުރިހޯދީ 4-3 ގެ ނަތީޖާއަކުން

  • ލީގުގައި ވިކްޓްރީން ކުޅުނު ދެ މެޗު ވަނީ ކާމިޔާބުކޮށްފައި

ދިރާގު ދިވެހި ޕްރިމިއާ ލީގުގައި ދިއްދޫ ސްޕޯޓްސް ކުލަބް އަތުން ވިކްޓްރީ ސްޕޯޓްސް ކުލަބުން ހަނި މޮޅެއް ހޯދައިފިއެވެ.

ލީގުގެ ފުރަތަމަ މެޗުގައި ވިކްޓްރީން ވަނީ ޓީސީ ސްޕޯޓްސް ކުލަބްގެ މައްޗަށް 5-1 ގެ ނަތީޖާއަކުން ކުރިހޯދައިފައެވެ. އަދި ދިއްދޫން ކުޅުނު ފުރަތަމަ މެޗުގައި ބުރު ސްޕޯޓްސް ކުލަބްގެ މައްޗަށް 1-0 ގެ ނަތީޖާއަކުން ކުރިހޯދިއެވެ.

ގައުމީ ފުޓުބޯޅަ ދަނޑުގައި ބުދަ ދުވަހުގެ ހަވީރު ކުޅުނު މެޗުން ވިކްޓްރީ މޮޅުވީ 4-3 ގެ ނަތީޖާއަކުންނެވެ.

މި މެޗުގެ ފުރަތަމަ ހާފު ވިކްޓްރީން ނިންމާލީ 3-0 ގެ ނަތީޖާއަކުން ލީޑުގައި އޮވެގެންނެވެ.

މެޗުގެ ހަވަނަ މިނިޓްގައި ވިކްޓްރީގެ ކެޕްޓަން ނާއިޒް ހަސަން (ދާދު) ގޯލު ޖަހައި އެ ޓީމަށް ލީޑު ނަގައިދިން ނަމަވެސް ރެފްރީވަނީ ނާއިޒްގެ ގޯލަކީ އޮފްސައިޑް ލަނޑެއް ކަމަށް ނިންމާފައެވެ.

މެޗުގައި ވިކްޓްރީން ލީޑު ނެގީ 30 ވަނަ މިނިޓްގައި އަހްމަދު ރިޒްވާން (ރިޒޭ) ޖަހައިދިން ގޯލުންނެވެ. މިއީ ދިއްދޫގެ ކީޕަރު މުހައްމަދު ޝިފާން ކުރިއަށް ނުކުމެ ހުރުމުގެ ފައިދާ ނަގައި ހާފުގެ މެދެއްހާ ހިސާބުގައި ހުރެފައި ރިޒްވާން ފޮނުވާލި ބޯޅައެއް ގޯލުގެ މަތީ ކަނަށް އަމާޒުކޮށްލައިގެން އޭނާ ކާމިޔާބުކުރި ލަނޑެކެވެ.

އޭގެ ދެމިނިޓް ފަހުން ވިކްޓްރީގެ ނާއިޒް ގޯލުޖަހައި އެ ޓީމުގެ ލީޑު ފުޅާކޮށްދިނެވެ. މިއީ ރިޒްވާންގެ އެހީތެރިކަމާއެކު ނާއިޒް ކާމިޔާބުކުރި ލަނޑެކެވެ. އަދި ފުރަތަމަ ހާފު ނިމުމުގެ ކުރިން ވިކްޓްރީން ޖެހި ތިންވަނަ ގޯލު އެ ޓީމަށް ޖަހައިދިނީ ވެސް ރިޒްވާންއެވެ. މިއީ ދިއްދޫގެ ކީޕަރު ޝިފާން ކައިރިން ނައްޓާލުމަށްފަހު ހުސް ގޯލުގެ ތެރެއަށް ބޯޅަ އަމާޒުކޮށްލައިގެން ރިޒްވާން ޖެހި ލަނޑެކެވެ.

ދެވަނަ ހާފު ފަށައިގެން ދިއްދޫން އެ ޓީމުގެ ކުޅުން ރަނގަޅުކުރިއިރު، މެޗުގެ 55 ވަނަ މިނިޓްގައި ޓެޓޭ ގިޑެގޮން ވަނީ ގޯލު ޖަހައި ފަރަގު ކުޑަކޮށްފައެވެ. މިއީ ލިބުނު ޕެނަލްޓީއަކުން އޭނާ ކާމިޔާބުކުރި ލަނޑެކެވެ.

މެޗުގެ 63 ވަނަ މިނިޓްގައި ދިއްދޫގެ ހުސެއިން ޒިމްޔާން ވަނީ އިތުރު ލަނޑެއް ޖަހައި ފަރަގު ކުޑަކޮށްފައެވެ. މިއީ ވިކްޓްރީގެ ކީޕަރު މުހައްމަދު ޔާމީން އަށް ހެދުނު ގޯހެއްގެ ފައިދާ ނަގައި ޒިމްޔާން ޖެހި ލަނޑެކެވެ. އަދި މެޗުގެ 83 ވަނަ މިނިޓްގައި ޓެޓޭ ވަނީ ހިތްގައިމު ގޯލެއް ޖަހައި ނަތީޖާ ހަމަހަމަ ކޮށްފައެވެ. މިއީ ހާފްގެ މެދަކާ ހިސާބުގައި ހުރެފައި ޓެޓޭ ފޮނުވާލި ހަމަލާއެއް ގޯލުގެ ތެރެއަށް އަމާޒުކޮށްލައިގެން އޭނާ ކާމިޔާބުކުރި ލަނޑެކެވެ.

މެޗުން ވިކްޓްރީ މޮޅުވީ ދިއްދޫގެ އާދަމް ނަސީމް އަތުން ބައިކޮޅަށް ވަން ގޯލުންނެވެ. މިއީ ވިކްޓްރީގެ އަލީ ސާމިސް (ތޮއްޕެ) ނަގައިދިން ހުރަހެއް ދިފާއުކުރަން އުޅުމުގެ ތެރޭގައި ނަސީމް ފައިގައި ޖެހިފައި ވަން ލަނޑެކެވެ.

މި ނަތީޖާއާއެކު ވިކްޓްރީއަށް ދެ މެޗުން ހަ ޕޮއިންޓް ވަނީ ލިބިފައެވެ. ދިއްދޫއަށް ދެ މެޗުން ލިބެނީ ތިން ޕޮއިންޓްއެވެ.