ދިރާގު ދިވެހި ޕްރިމިއާ ލީގުގައި ގދ. ގައްދޫއަށް ނިސްބަތްވާ، ގައްދޫ ރެކްރިއޭޝަން ކުލަބްގެ މައްޗަށް 4-2 ގެ ނަތީޖާއަކުން ކުރިހޯދާ ޓީސީ ސްޕޯޓްސް ކުލަބުން ލީގުގެ ފުރަތަމަ މޮޅު ހޯދައިފިއެވެ.
ލީގުގައި ޓީސީން ކުޅުނު ފުރަތަމަ މެޗުގައި ވިކްޓްރީ އަތުން ބަލިވީ 5-1 ގެ ނަތީޖާއަކުންނެވެ. އަދި ގައްދޫން ލީގުގެ ފުރަތަމަ މެޗުގައި ނިއުރޭޑިއަންޓް ސްޕޯޓްސް ކުލަބް އަތުން ބަލިވީ 2-0 ގެ ނަތީޖާއަކުންނެވެ.
ގައްދޫގައި ބުދަ ދުވަހު ހަވީރު ކުޅުނު މެޗު ފަށައިގެން އަށްވަނަ މިނިޓްގައި ޓީސީން ވަނީ ގޯލު ޖަހައި ލީޑު ނަގައިފައެވެ. މި ގޯލު އެ ޓީމަށް ޖަހައިދިނީ މުހައްމަދު އަޝްރަފް މުސްތަފާއެވެ. އަދި އޭގެ ހަތަރު މިނިޓް ފަހުން މުސްތަފާ ވަނީ އިތުރު ގޯލެއް ޖަހައި ޓީސީގެ ލީޑު ފުޅާކޮށްފައެވެ.
މެޗުގެ ފުރަތަމަ ހާފު ނިމުމުގެ ކުރިން ޓީސީގެ ތިންވަނަ ގޯލު އެ ޓީމަށް ޖަހައިދިނީ ޖެސޭ ޑޮއެރާޑޯ އެވެ. މިއީ ލިބުނު ޕެނަލްޓީއަކުން އޭނާ ކާމިޔާބުކޮށްދިން ލަނޑެކެވެ.
ފުރަތަމަ ހާފު ނިމުމުގެ ކުރިން ގައްދޫގެ އުރޯސް ޖެމޮވިޗް ވަނީ ގޯލު ޖަހައި ފަރަގު ކުޑަކޮށްދީފައެވެ. އަދި މެޗުގެ 85 ވަނަ މިނިޓްގައި ގައްދޫގެ އެމެނުއަލް މަކިންޑޭ ވަނީ އިތުރު ގޯލެއް ޖަހައި ފަރަގު އެއް ލަނޑަށް ކުޑަކޮށްފައެވެ.
މެޗުގައި ޓީސީން ކާމިޔާބުކުރި ހަތަވަނަ ގޯލު އިތުރު ވަގުތުގައި އެ ޓީމަށް ޖަހައިދިނީ މާޔިޒް ވަހީދުއެވެ.
މި މޮޅާއެކު ޓީސީއަށް ދެ މެޗުން ތިން ޕޮއިންޓް ވަނީ ލިބިފައެވެ. ގައްދޫއަށް ދެ މެޗުން ޕޮއިންޓެއް ނުލިބެއެވެ.