ޚަބަރު

މޯލްޑިވިއަންގެ ދަތުރުތައް ކުޑަހުވަދުއަށް، ތަރުހީބު ބޮޑު


  • ކޮންމެ ދުވަހަކުވެސް ޝެޑިއުލް 4 ދަތުރުކުރާނެ

  • މޯލްޑިވިއަންއިން ދަތުރުކުރާ އެތެރޭގެ މަންޒިލްތަކުގެ އަދަދު 18 އަށް ވަނީ އިތުރުވެފައި

ދިވެހިރާއްޖޭގެ ޤައުމީ އެއަރލައިން، މޯލްޑިވިއަންގެ އެތެރޭގެ އުދުހުންތަކުގެ ވިއުގަ ފުޅާކުރުމުގެ ގޮތުން މާލެއާއި ދ. ކުޑަހުވަދޫއާ ދެމެދު ޝެޑިއުލް ދަތުރުތައް ފަށައިފިއެވެ.

ކުޑަހުވަދޫއަށް ދަތުރުތައް ފެށުމާއެކު މޯލްޑިވިއަންއިން ދަތުރުކުރާ އެތެރޭގެ މަންޒިލްތަކުގެ އަދަދު 18 އަށް ވަނީ އިތުރުވެފައެވެ. މިއީ އެއެއަރލައިންގެ ކުރިއެރުމަށާއި، މުޅި ރާއްޖެއަށް އިތުބާރުހުރި ވައިގެ ދަތުރުފަތުރުގެ ޚިދުމަތް ފޯރުކޮށްދިނުމަށް ކުރާ މަސައްކަތަށް ލިބުނު އިތުރު ކުރިއެރުމެކެވެ.

މޯލްޑިވިއަންއިން ވިދާޅުވީ ކުޑަހުވަދުއަށް މިހާރު ދަތުރުތައް ފަށާފައިވާއިރު ތަރުހީބު ވަރަށް ރަނގަޅުކަމަށެވެ. މި އައު ރޫޓުގައި ކޮންމެ ދުވަހަކު ދަތުރުތައް ކުރުމަށް ހަމަޖެހިފައިވާއިރު، ކޮންމެ ދުވަހަކުވެސް ޝެޑިއުލް 4 ދަތުރުކުރާނެކަމަށް މޯލްޑިވިއަންއިން ވިދާޅުވިއެވެ. ދަތުރުތައް ފެށުމުގެ މުނާސަބަތުގައި ޕްރޮމޯޝަނަލް އަގެއްގެ ގޮތުގައި 1,111 ރުފިޔާއަށް ޓިކެޓު ދަނީ ވިއްކަމުންނެއެވެ.

މި ދަތުރުތަކުގެ ސަބަބުން ދ. އަތޮޅުގެ ރައްޔިތުންނަށް ޞިއްޙީ، ތަޢުލީމީ، ވިޔަފާރި އަދި ވަޒީފާގެ ބޭނުންތަކަށް މާލެއަށް ދަތުރުކުރުމުގައި ލުއިފަސޭހަތަކެއް ލިބިގެންދާނެކަމަށް މޯލްޑިވިއަންއިން ދެކެއެވެ. އަދި ދ. އަތޮޅުގައި ފުޅާވަމުން އަންނަ ފަތުރުވެރިކަމުގެ ދާއިރާއަށާއި ލޯކަލް ވިޔަފާރިތަކަށްވެސް މިކަމުގެ ސަބަބުން ބޮޑު މަންފާއެއް ކުރާނެއެވެ.

މި ދަތުރުތަކުގެ ޓިކެޓު ސެޕްޓެންބަރު 13 އިން ފެށިގެން މޯލްޑިވިއަންގެ ވެބްސައިޓާއި، މޮބައިލް އެޕްލިކޭޝަނާއި، ޓިކެޓިންގ އޮފީސްތަކުގެ އިތުރުން ސޭލްސް އޭޖެންޓުން މެދުވެރިކޮށް ވަނީ ދޫކުރަން ފަށާފައެވެ. މޯލްޑިވިއަންގެ ފްލީޓުގައި 25 މަތިންދާބޯޓު ހިމެނެއެވެ. އެ އެއަރލައިނުންދަނީ ރާއްޖޭގެ އެތެރޭގެ އުދުހުންތަކުގެ އިތުރުން އޮސްޓްރޭލިއާ، ބަންގްލަދޭޝް، އިންޑިއާ އަދި ޗައިނާ ފަދަ ޤައުމުތަކަށް އިންޓަރނޭޝަނަލް ދަތުރުތައްވެސް ކުރަމުންނެވެ.

މޯލްޑިވިއަންގެ އެތެރޭގެ އުދުހުންތަކުގެ ވިއުގަ ފުޅާކުރަމުންދާއިރު، އެ އެއެއަރލައިންގެ މައިގަނޑު އަމާޒަކީ މުޖުތަމަޢުތައް ގުޅުވައިދީ، ސަރަޙައްދީ ތަރައްޤީއަށް އެއްބާރުލުންދީ، ރާއްޖޭގެ އެކި ކަންކޮޅުތަކަށް ދަތުރުފަތުރުގެ ޚިދުމަތް ފުޅާކުރުންކަމަށް މޯލްޑިވިއަންއިން ވިދާޅުވެއެވެ.