ޚަބަރު

"8 މަސް ދުވަހުގެ ތެރޭގައި ދަރަނިތައް އަަދާކުރުމަށް 10 ބިލިޔަން ރުފިޔާ"


  • ކޯވިޑަށްފަހު ދަރަނި ދައްކަން ޖެހޭ މިންވަރު އިތުރުވި

  • މިއީ ފާއިތުވި 9 އަހަރާ އަޅާބަލާއިރު އިތުރު އަދަދެއް

މިދިޔަ 8 މަސް ދުވަހުގެ ތެރޭގައި ދަރަނިތައް އަަދާކުރުމަށް 10 ބިލިޔަން ރުފިޔާ ހޭދަކޮށްފައިވާ ކަމަށް މާލީ ކަންކަމާއި ސަރުކާރު ކުންފުނިތަކާބެހޭ ވަޒީރު ޙަސަން ޒަރީރު ވިދާޅުވެއްޖެއެވެ.

ވަޒީރު ވިދާޅުވީ، މިއީ ފާއިތުވި 9 އަހަރުގެ ތެރޭގައި ދަރަނިތައް ދެއްކުމަށް ދައުލަތުން ހޭދަކުރި މިންވަރަށްވުރެ އިތުރު އަދަދެއް ކަމަށެވެ.

ވެރިކަންކުރާ ޕާޓީ ޕީޕަލްސް ނޭޝަނަލް ކޮންގްރެސް ޕީއެންސީން ބޭއްވި 'މަތީ މަޖިލިސް ކޮންގްރެސް 2026'ގައި މާލީ ވަޒީރު ޙަސަން ޒަރީރު ވަނީ ފާއިތުވި ދެއަހަރާއި ބައިގެ ތެރޭގައި މާލީ ދާއިރާއިން ސަރުކާރުން ހޯދާފައިވާ ކާމިޔާބީތަކުގެ މައްޗަށް އަލިއަޅުއްވާލައްވާ ޕްރެޒެންޓޭޝަނެއް ދެއްވާފައެވެ.

މާލީ ވަޒީރު ޙަސަން ޒަރީރު ވިދާޅުވީ، 2015 ވަނަ އަހަރުން 2020 ވަނަ އަހަރާ ހަމައަށް ދަރަނީގެ ގޮތުގައި ދައްކަން ޖެހުނު މިންވަރު ވަރަށް ދަށް ކަމަށެވެ. އެހެންނަމަވެސް ކޮވިޑަށްފަހު، 400އެއްހާ މިލިޔަން ރުފިޔާގެ ދަރަނި ދައްކަން ޖެހުނުއިރު، އޭގެ ފަހުން ދަރަނި ދައްކަން ޖެހޭ އަދަދުތައް މަތިވަމުންދިޔަ ކަމަށް ވަޒީރު ވިދާޅުވިއެވެ.

ވަޒީރު ވިދާޅުވީ، 2024ވަނަ އަހަރު ނިމުނުއިރު ދަރަނީގެ ގޮތުގައި ދައްކަންޖެހޭ މިންވަރު 3.3 ބިލިޔަން ޑޮލަރަށް އަރާފައިވާ ކަމަށެވެ. އަދި އެގޮތަށް ދަރަނީގެ ގޮތުގައި ދައްކަންޖެހޭ މިންވަރު އިތުރުވަމުންގޮސް، މިދިޔަ އަހަރާއި މިއަހަރަކީ ދައުލަތުގެ ހަޔާތުގައިވެސް އެންމެ ބޮޑެތި ލޯނުތަކެއް ދައްކަންޖެހުނު އަހަރުތައް ކަމަށް ވަޒީރު ވިދާޅުވިއެވެ.

"މިއަހަރު މިހާތަނަށް މިދިޔަ 8 މަސްދުވަހުގެ ތެރޭގައި 10 ބިލިޔަން ރުފިޔާގެ ލޯނު ދެއްކިފައެބަވޭ. އެއީ ގާތްގަނޑަށް 2015އިން ފެށިގެން 2023ވަނަ އަހަރާ ހަމައަށް ދައްކަންޖެހުނު އަދަދާއި ދާދި އެއްވަރުގެ އަދަދެއް ޓްރެންޑުން ފެންނަ ގޮތުން. އެހެންކަމުން ދައުލަތަށް ލިބޭ ގިނަ އަދަދެއްގެ ޑޮލަރު މިއަދު މިބޭނުންކުރެވެނީ ލޯނު ސާވިސިންއަށް،" ވަޒީރު ވިދާޅުވިއެވެ.

ފައިސާގެ ރިޒާވުން ދަރަންޏާއި ތެލަށް ކުރަން ޖެހުނު ހޭދައިގެ ތަފުސީލުތައް ހިއްސާކުރައްވާ ވަޒީރު ވިދާޅުވީ، މިދިޔަ 7 އަހަރު ތެރޭ ތެޔޮ އިމްޕޯޓު ކުރުމަށް އެންމެ ބޮޑު ޚަރަދެއް ހިނގީ 2022ގައި ކަމަށެވެ. އެގޮތުން އެ އަހަރު އެކަނިވެސް 831 މިލިޔަން ޑޮލަރު އެކަމަށް ހޭދަވިއިރު، ޖެހިގެން އައި 3 އަހަރު އެ އަދަދު ހުރީ 700 މިލިޔަން ޑޮލަރުން މަތީގައި ކަމަށެވެ. އަދި މި އަހަރުގެ މިހާތަނަށް ތެލަށް ކުރި ހޭދަ ދަށްވެ، އެ އަދަދު 683 މިލިޔަން ޑޮލަަރުގައި ހުރި ކަމަށް މާލީ ވަޒީރު ވިދާޅުވިއެވެ.