މާލޭގެ ހުޅަނގު ހާބަރު ސަރަޙައްދު އިތުރަށް ތަރައްޤީކުރުމަށް ހިންގާ މަޝްރޫޢަށް އެ ބިން ހުސްކުރުމުގެ ގޮތުން، އެތަނުގައި ހިންގަމުންދާ ފުޑްކޯޓުތައް ހުސްކުރުމަށް ސްޓޭޓް ޓްރޭޑިންގ އޯގަނައިޒޭޝަން، އެސްޓީއޯއިން އަންގައިފިއެވެ.
އެސްޓީއޯއިން އެތަނުގައި ހިނގާ ވިޔަފާރިތަކަށް ފޮނުވި ނޯޓިހެއްގައި ވިދާޅުވެފައިވަނީ ދެފަރާތުގެ ދެމެދުގައި ވެފައިވާ އެއްބަސްވުމުގެ 14 ވަނަ މާއްދާގެ (ހ) ގެ ދަށުން، ނޯޓިސް ލިބޭ ތާރީހުން ފެށިގެން 90 ދުވަހުގެ މުއްދަތެއްގެ ތެރޭގައި ތަންތަން ހުސްކޮށް އެ ކުންފުންޏާ ހަވާލުކުރަން ޖެހޭނެ ކަމަށެވެ. އެ މުއްދަތުގައި ޔުނިޓުތައް ހަވާލުކުރުމުން، 15 އޮކްޓޫބަރު 2022 ގައި ވެފައިވާ ކުއްޔަށް ދޫކުރުމުގެ އެއްބަސްވުން ބާތިލުވާނެ ކަމަށް އެސްޓީއޯއިން ވަނީ ވިދާޅުވެފައެވެ.
މީގެ އިތުރުން، ކުއްޔާއި މަރާމާތު ފީގެ ގޮތުގައި އެއްވެސް ފައިސާއެއް ދައްކަން އޮތް ނަމަ، އެ ފައިސާގެ ތަފުސީލާއި އެ ފައިސާ އަދާކުރަން ޖެހޭ ތާވަލު މި 90 ދުވަހުގެ ނޯޓިސް މުއްދަތު ހަމަވުމުގެ ކުރިން ފޮނުވާނެކަމަށް އެސްޓީއޯއިން ވަނީ ވިދާޅުވެފައެވެ.
މާލޭގެ ދެކުނު ހާބަރު ސަރަޙައްދުގައި ހުރި ކެފޭ، ރެސްޓޯރެންޓް އަދި ހޮޓާ ފަދަތަންތަން ނެގުމަށްފަހު، އެތަނުގައި ފުޑް ހަޓްތަކެއް ޤާއިމުކޮށް، ޒަމާނީ ފެންވަރަކަށް ތަރައްޤީކުރުމުގެ މަސައްކަތް ކުރުމަށް ސްޓޭޓް ޓްރޭޑިން އޯގަނައިޒޭޝަން، އެސް.ޓީ.އޯއާއި ހަވާލުކޮށްފައިވަނީ 2016 ވަނަ އަހަރުގެ ޖަނަވަރީމަހުގެ 13 ވަނަ ދުވަހުއެވެ.
32 މިލިއަން ރުފިޔާ ހަރަދުކޮށްގެން އެސްޓީއޯއިން ތަރައްގީކުރި އެ ފުޑްކޯޓުތަކަކީ 2018 ވަނަ އަހަރުގެ މޭ މަހު ހިދުމަތް ދޭން ފަށައި، އެ އަހަރުގެ ޖުލައި 23 ގައި ރަސްމީކޮށް ހުޅުވި ތަނެކެވެ. މާލޭ ހުޅަނގު ދެކުނު ހާބަރު ސަރަޙައްދުގައި 26 ފުޑްކޯޓް ތަރައްޤީކޮށް ހިންގަމުންދާއިރު މި ފުޑް ކޯޓުގައި ބާރަސަތޭކަ ފަސްދޮޅަސް އަކަފޫޓާއި، ނުވަސަތޭކަ ފަސްދޮޅަސް އަކަފޫޓާއި، ފަސްދޮޅަސް އަކަފޫޓުގެ ތަންތަން ހިމެނެއެވެ.