ޚަބަރު

ރައީސް މުއިއްޒުއަށް ރިޔާސީ ޓިކެޓް؛ ތަރައްޤީ މެދުނުކެނޑި ކުރިއަށް


  • ރިޔާސީ ޓިކެޓް އެރުވީ މިހާތަނަށް ރާއްޖޭގައި ބޭއްވި ޕާޓީއެއްގެ އެންމެ ބޮޑު ކޮންގްރެސްގައި

  • ތަރައްޤީގެ މަސައްކަތް އެގޮތުގައި ކުރިއަށްގެންދިއުމަށް ރައީސް މުޢިއްޒުއަށް ޓިކެޓް ދިނުން މުހިއްމުކަން ފާހަގަކުރި

ވެރިކަން ކުރާ ޕީޕަލްސް ނޭޝަނަލް ކޮންގްރެސް (ޕީއެންސީ) ގެ ގައުމީ ކޮންގްރެސްގައި ބައިވެރިވި ހުރިހާ މެންބަރުންގެ އިއްތިފާގުން، 2028 ވަނަ އަހަރުގެ ރިޔާސީ އިންތިޚާބުގެ ޕީއެންސީ ޓިކެޓު، ޕްރައިމަރީއަކާ ނުލައި ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒަށް އެރުވުމަށް މިވަނީ ނިންމާފައެވެ. މި ގަރާރު ފާސްވެގެންދިޔައީ ރާއްޖޭގެ އެންމެ ބޮޑު ސިޔާސީ ޕާޓީގެ ކޮންގްރެސްގައި ބައިވެރިވި 1,119 މަންދޫބުންގެ އާނބަހާއެކުގައެވެ. މިހާތަނަށް ރާއްޖޭގައި ބޭއްވި ސިޔާސީ ޕާޓީއެއްގެ އެންމެ ބޮޑު ހަރަކާތުގެ ތެރެއިން ރައީސް މުއިއްޒުއަށް ރިޔާސީ ޓިކެޓް އެރުވުމަކީ ރައީސް ډރ. މުއިއްޒު ގައުމުގެ ސިޔާދަތާއި، އިގްތިސާދީ ފުދުންތެރިކަމާއި، ހުރިހާ ދާއިރާއަކުން ގެންނަވަމުންދާ އިންގިލާބީ ތަރައްގީއަށް ރައްޔިތުން ކުރާ އިތުބާރު ރަމްޒުކޮށްދޭ ބޮޑު ނިންމެވުމެކެވެ.

ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒަށް ޕްރައިމަރީއަކާއި ނުލައި ޓިކެޓް އެރުވުމަށް ޕީއެންސީގެ އާއްމު މެންބަރަކު ހުށަހެޅުއްވި ގަރާރަށް ތާއީދުކުރައްވައި ވާހަކަފުޅު ދައްކަވަމުން، ޕީއެންސީގެ ޗެއާޕަރސަން އަދި ރައްޔިތުންގެ މަޖިލީހުގެ ރައީސް އަބްދުއްރަހީމް އަބްދުއްﷲ ވިދާޅުވީ، ރައީސް ޑރ. މުއިއްޒުގެ ތަޞައްވުރާ އެއްގޮތަށް ގައުމުގެ ސިޔާސަތުތައް ކުރިއަށްގެންދިއުމަކީ ގައުމީ އެންމެ ބޮޑު މަސްލަހަތު ކަމަށެވެ. ނައިބު ރައީސް ހުސައިން މުހައްމަދު ލަތީފްވެސް ވަނީ، ރައީސް މުއިއްޒު ވެރިކަމާ ހަވާލުވެވަޑައިގެންނެވި ފަހުން ގައުމަށް ހޯއްދަވައިދެއްވި ކާމިޔާބީތަކަކީ ދިވެހި ރައްޔިތުންގެ ލާބަޔާއި މަންފާއަށް ކުރެއްވި އިންގިލާބީ މަސައްކަތްޕުޅުތަކެއްކަން ފާހަގަކުރައްވާފައެވެ. ޕީއެންސީގެ މަތީ މަޖިލީހުން ރައީސް މުއިއްޒުއަށް އެ ޕާޓީގެ ރިޔާސީ ޓިކެޓް އެރުވުމަށް ނިންމި މައިގަނޑު ސަބަބަކީ ދަތި އުނދަގޫތަކާއެކުވެސް ސަރުކާރު ހިންގެވުމުގައި ހޯއްދަވާފައިވާ، އަދި ހޯއްދަވަމުން ގެންދަވާ ކާމިޔާބީތަކެވެ. ސިޔާސީގޮތުން ކުރިމަތިކުރުވާ ގޮންޖެހުންތަކަށް ބެއްލެވުމެއް ނެތި ރައްޔިތުންނަށް ވެވަޑައިގެންފައިވާ ވަޢުދުތައް ފުއްދެވުމުގެ މަސައްކަތުގައި ދެގޮތެއް ނުވެ ދެމިހުންނެވުމަކީވެސް ރައީސް މުޢިއްޒުއަށް ރިޔާސީ ޓިކެޓް އެރުވި ސަބަބެކެވެ.

ރައީސް މުޢިއްޒުގެ ސަރުކާރުން ހޯއްދަވާފައިވާ ބައެއް ކާމިޔާބީތަކާއި ކުރައްވާފައިވާ ބޮޑެތި މަސައްކަތްތަކަށް ބަލާއިރު، ގައުމުގެ މިނިވަންކަމާއި އިސްތިގުލާލު ސިޔާދަތު ދެމެހެއްޓުމަށް އަސްކަރީ ގޮތުންނާއި ދާހިލީ ގޮތުން މިގެކުރިން އެހެން އެއްވެސް ސަރުކާރަކަށް އަޅަން ކެރިވަޑައި ނުގެންނެވި އެތައް ފިޔަވަޅު ތަކެއް އެޅުއްވުން ހިމެނެއެވެ. ބޭރުގެ ސިފައިން ފޮނުވާލައްވައި، އަސްކަރިއްޔާ ވަރުގަދަކުރައްވައި، ކަނޑުގެ ސަރަހައްދު ބެލެހެއްޓުމުގެ ގާބިލުކަން އިތުރުކޮށް، ގައުމީ މިނިވަންކަން ކަށަވަރުކުރެއްވިއެވެ. ދިނާއި ޤައުމިއްޔަތު ދިރުވައި އާލާކުރުމަށް ވަތަނީ ހިދުމަތުގެ ޕްރޮގްރާމާއި ޒުވާނުން ހަތީބުން ތަމްރީންކުރުމުގެ ޕްރޮގްރާމްތައް ފެއްޓެވުމުގެ އިތުރުން، ރާއްޖޭގެ މިހާތަނަށް ބިނާކުރާ އެންމެ ބޮޑު މިސްކިތް ހިމެނޭ ގޮތަށް އެތައް މިސްކިތްތަކަކާއި އިސްލާމީ މަރުކަޒުތައް ދަނީ ބިނާކުރަމުންނެވެ. ތައުލީމާއި މަތީ ތައުލީމުގެ ދާއިރާއަށް ސަރުކާރުން އެތައް ބިލިޔަން ރުފިޔާއެއް އިންވެސްޓްކުރަމުންދާއިރު، މިއީ ތައުލީމީ އަދި ހުނަރުވެރި ޖީލެއް މުސްތަޤްބަލަށް ބިނާކުރުމަށް ރައީސް މުޢިއްޒު ދެއްވާ އަހަމިއްޔަތުކަން ހާމަވާކަމެކެވެ. ތައުލީމާއި ހުނަރުގެ އިތުރުން، ދުޅަހެޔޮ މުޖްތަމަޢުއެއް ބިނާކުރުމުގެ ގޮތުން ދުންފަތާއި ދެކޮޅަށް އަޅުއްވާ ފިޔަވަޅުތައް ބައިނަލްއަޤްވާމީގޮތުންވެސް ފާހަގަކުރަމުންދާއިރު، ރަށްރަށުގައި ފިޓްނަސް ސެންޓަރުތަކާއި ކަސްރަތު ކުރެވޭ ގޮތަށް ތަރައްޤީކުރާ އިންޑޯ ޕާކުތަކަކީ މުޖްތަމަޢުގެ ދުޅަހެޔޮކަމަށް ކުރައްވާފައިވާ މުހިއްމު މަސައްކަތްތަކެކެވެ.

ވެރިކަމާއި ހަވާލުވެވަޑައިގެންނެވިއިރު އިނދަޖެހިފައިވާ ގައުމު އިގްތިސާދު ބަނގުރޫޓްވިޔަނުދީ އަލުން ކޮޅަށް ޖެއްސެވުމަށް ހިކުމަތްތެރި އިގްތިސާދީ ސިޔާސަތެއް އެކަށައަޅައި، މާލީ ނިޒާމާއި ބޭރު ފައިސާ ނިޒާމް ހަރުދަނާ ކުރެއްވުމަށް އެޅުއްވި ފިޔަވަޅުތަކަކީ ދުނިޔެއިންވެސް ބަލައިގެންފައިވާ މަސައްކަތްތަކެކެވެ. ނިމިދިޔަ ސަރުކާރުތަކުން ނަގާފައިވާ ރެކޯޑް އަދަދުގެ ލޯނުތައް ދައްކާ ޚަލާސް ކުރައްވަމުންދަނީ ރައްޔިތުންނަށް އިތުރު ތަކުލީފެއް ޖެއްސުމަކާއި ނުލާކަން ކްރެޑިޓް ރޭޓިން އެެޖެންސީތަކުން ފާހަގަކުރަމުންދާއިރު، ކުދި ވިޔަފާރިތައްވެސް ހިމެނޭގޮތަށް ރާއްޖޭގެ އިގްތިސާދު މުޅިން އެހެން ހަރުފަތަކަށް ގެންދިއުމަށް ޑިޖިޓަލް މޯލްޑިވްސް 2.0 ފަދަ ޕްރޮގްރާމްތަކުގެ ތެރެއިން އިގްތިސާދު ސިންދަފާތުކުރުމަށް ފެށި އިންގިލާބީ މަސައްކަތްތަކުގެ ނަތީޖާ މިއަދު އެ ދަނީ ފެންނަމުންނެވެ.

ވަކި އަތަކަށް ބަރޯސާވެފައިވާ ހާރިޖީ ސިޔާސަތު މުރާޖައާކޮށް، އިސްރާއީލު ފިޔަވައި ހުރިހާ ގައުމަކާއިވެސް ގުޅުން ބޭއްވުމުގެ މައްޗަށް އެކުލަވާލާފައިވާ "މޯލްޑިވްސް ފަސްޓް" ހާރިޖީ ސިޔާސަތުގެ ދަށުން ކުރެވުނު މަސައްކަތްތަކާއެކު ރާއްޖެއަކީ މިއަދު ބައިނަލްއަގުވާމީ މައިދާނުގައި ބަސް ވިކޭ ގައުމެކެވެ. އެއްވެސް ޤައުމަކާއި ރާއްޖެއާ ދެމެދު އޮތް ގުޅުން ހީނަރުވެފައި ނުވާއިރު، މިނިވަންކަމަށް އަސަރުކުރާ ވަރުގެ ޙާރިޖީ ގުޅުމެއް އެއްވެސް ޤައުމަކާއެކު މި ސަރުކާރުން ނުބާއްވާނެކަން މިއީ މިއަދު ފެންނަން އޮތް ހަޤީޤަތެކެވެ. އަދި ކުދި ޖަޒީރާ ޤައުމުތަކުގެ ހައްގުގައި އަދި ފަލަސްތީނު ރައްޔިތުންގެ ހައްގުގައި ރާއްޖެއިން ކުރަމުންދާ މަސައްކަތްތަކަކީ ދުނިޔޭގެ އެހެން ގައުމުތަކުން މިސާލު ނަގަމުންދާ މަސައްކަތްތަކެކެވެ.

އުމްރާނީ ތަރައްގީއާއި އިޖުތިމާއީ ފުދުންތެރިކަން އިތުރުކުރުމަށް ރައީސް މުއިއްޒުގެ ސަރުކާރުން ފައްޓާފައިވާ މަސައްކަތުގެ މައިގަނޑު މަގްސަދަކީ ހުރިހާ ދާއިރާއެއްގައި ހުރި މައްސަލަތަކަށް ވަށާޖެހޭ ހައްލުތަކެއް ގެނެސް، ޒަމާންވީ ބޮޑެތި މައްސަލަތައް އެއްކޮށް ނިމުމަކަށް ގެނައުމެވެ. ޤައުމުގެ ތަރައްޤީ އެއް މިސްރާބަކަށް ގެންދިއުމުގެ ގޮތުން، ކުރިއަށް އޮތް 20 އަހަރަށް ރާއްވައިގެން އެކުލަވާލާ ތަރައްގީގެ މަސްޓަރ ޕްލޭންގެ މަސައްކަތް ކުރިއަށްދާއިރު، ރާއްޖޭގެ 7 ސަރަހައްދެއްގައި އުމްރާނީ ގޮތުން ތަރައްގީވެފައިވާ އެންމެ ޒަމާނީ ސަހަރުތައް ނުވަތަ އާރބަން ސެންޓަރުތައް ގެންދަވަނީ ތަރައްޤީކުރަމުންނެވެ. ފަތުރުވެރިކަން މުޅި ރާއްޖެއަށް ފުޅާކޮށް، ރާއްޖެ ދަތުރުފަތުރުގެ އެކި ނިޒާމްތަކުން ގުޅާލުމަށް ބޭނުންވާ އިންފްރާސްޓްރަކްޗަރއާއި އެހެނިހެން ވަސީލަތްތައް ދަނީ ގާއިމްކުރައްވަމުންނެވެ. މަސްވެރިކަމާއި ދަނޑުވެރިކަމާއި އެނޫންވެސް ސިނާއަތްތައް ކުރިއަރުވަައި، ތަރައްޤީވެފައިވާ ޤައުމަކަށް ރާއްޖެ ބަދަލުކޮށްލުމަށް ދަނީ ގިނަ މަސައްކަތްތަކެއް އެއްފަހަރާ ހިނގަވަމުންނެވެ.

ރައްޔިތުންނަށް ދިމާވެފައިވާ އެންމެ ބޮޑު މައްސަލަކަމަށްވާ ބޯހިޔާވަހިކަމުގެ މައްސަލަ ހައްލުކުރުމަށް މުޅި ރާއްޖޭގައި ހައުސިން މަޝްރޫއުތައް ކުރިއަށްދާއިރު، ގެދޮރު ބިނާކުރުމަށް ބޭނުންވާ ފަރާތްތަކަށް ހާއްސަ ލޯނު ސްކީމްތައް ވަނީ ތައާރަފްކޮށްފައެވެ. ބޯހިޔާވަހިކަމަށް މިހާތަނަށް ހިންގާ އެންމެ ބޮޑު މަޝްރޫއު، ރަސްމާލޭގެ މަސައްކަތް ކުރިއަށްދާއިރު، މި މަޝްރޫޢު ނިމޭއިރު މާލެ ސަރަހައްދުގެ 18 އަހަރުވެފައި މީހުންގެ ތެރެއިން ބޯހިޔާވަހިކަމެއް ނެތް މީހަކު ނުހުންނާނެއެވެ.

ސިއްހީ ޚިދުމަތްތައް ފުޅާކުރުމާއި، އިސްރަށްވެހިންނާއި އެކަނިވެރިން މައިން އަދި ބަފައިންނަށް ދެވޭ އިޖުތިމާއީ ރައްކާތެރިކަން އިތުރުކުރުމަށް ގިނަ މަސައްކަތްތަކެއް ކޮށްފައިވާއިރު، މުޖްތަމަޢުގައި އެހީތެރިކަން ބޭނުންވާ އެހެނިހެން ފަރާތްތަކާމެދު ސަރުކާރުން ބަހައްޓަވާ އޯގާތެރިކަމަކީ މީގެކުރިން އެހެން ސަރުކާރެއްގައި ފެނިފައިވާ މަންޒަރުތަކެއް ނޫނެވެ. ރައްޔިތުންގެ ގާތަށް ވަޑައިގެން ރައްޔިތުން ބޭނުންވާ ގޮތް އަމިއްލަފުޅަށް ބައްލަވައި، އޮޅުންފިލުއްވަން ރައީސް މުޢިއްޒު ވަރަށް ބޮޑު އިސްކަމެއްދެއްވާއިރު، އެކަން އެންމެ ބޮޑަށް ހާމަވަނީ ވެރިކަމުގެ ފުރަތަމަ ދެ އަހަރު ތެރޭގައި ރާއްޖޭގެ ހުރިހާ ރަށަކަށް ވަޑައިގެން ރައްޔިތުންނާއި ބައްދަލުކުރެއްވުމުންނެވެ. އެއްވެސް ހުރަހެއް ނެތި ބޭނުން ކޮންމެ ކަމެއް ރައީސަށް ދެންނެވުމުގެ ފުރުސަތު ހުޅުވާލާފައިވާއިރު، ވަކިން ރައީސާއި ބައްދަލުކޮށް ބޭނުންވާ ކަންކަމާއި ފާޅުކުރަން ބޭނުންވާ ޝުޢޫރު ފާޅުކުރެއްވުމުގެ ފުރުސަތު މި ސަރުކާރުން ހުޅުވާލާފައިވަނީ މީގެކުރީ އެއްވެސް ސަރުކާރަކުން ހުޅުވާލާފައި ނުވާ މިންވަރަށެވެ.

ރައްޔިތުންނާއި ގުޅިގެން ތަރައްޤީގެ މަގުން ރައީސް މުޢިއްޒު ކުރައްވާ މަސައްކަތްޕުޅާއެކު ގިނަ ރައްޔިތުން އެމަނިކުފާނު ސިފަކުރަނީ ރައްޔިތުންގެ ވެރިކަން، ރައްޔިތުން ބޭނުންވާގޮތަށް، ރައްޔިތުންނަށްޓަކައި ކޮށްދޭ ލީޑަރެއްގެ ގޮތުގައެވެ.

ޕީއެންސީގެ އަސާސީ ގަވާއިދުގެ 88 ވަނަ މާއްދާގެ ދަށުން، ޕްރައިމަރީއަކާ ނުލައި ރައީސް މުއިއްޒަށް ޓިކެޓު ދިނުމަށް ނިންމި ނިންމުމަކީ ގައުމުގެ ތަރައްގީއަށް ފައްޓަވާފައިވާ އެތައް ބިލިޔަން ރުފިޔާއެއްގެ މަޝްރޫޢުތައް ހުއްޓުމެއްނެތި ކުރިއަށްގެންދިއުމަށް ނިންމި މުހިންމު ނިންމުމެކެވެ. އަދި ގައުމުގައި ގާއިމްވެފައި އޮތް ހަމަޖެހުމާއި އަމާންކަން އެގޮތުގައި ދަމަހައްޓައި، ދީނާއި ގައުމިއްޔަތަށް ލޯބިކުރާ މުޖްތަމަޢެއް ބިނާކުރުމަށް ފަށާފައިވާ ގައުމީ މަސައްކަތް ދެމެހެއްޓުމަށްވެސް މުހިއްމު ނިންމުމެކެވެ. ތަރައްގީއާއި ކުރިއެރުމުގެ މައްޗަށް ބިނާވެފައިވާ ބިނާކުރަނިވި ފިކުރު ދަމަހައްޓައި، އިންސާނީ ބިނާކުރުނާއި އުމްރާނީ ބިނާކުރުމުގެ ފަލްސަފާގެ މައްޗަށް ބިނާވެފައިވާ ރައީސް މުއިއްޒުގެ ދިވެހީންގެެރާއްޖޭގެ ތަސައްވުރު ހަޤީގަތަކަށް ހަދައި، އަންނާން އޮތް ޖީލުތަކަށް ފާގަތި މުސްތަގުބަލެއް ހޯދައިދިނުމަށްޓަކައިވެސް ރައީސް ޑރ. މުއިއްޒުއަށް ރިޔާސީ ޓިކެޓް އެރުވުމަކީ ކޮންމެހެން ކުރަންޖެހޭ ކަމެއްކަމަށް ކޮންގްރެސްގައި ބައިވެރިވި ހާހަކަށްވުރެ ގިނަ މަންދޫބުންގެ އިއްތިފާގުން ވަނީ ނިންމާފައެވެ.