ސިޔާސީ

"ޕީއެންސީން ތަންފީޒުކުރަނީ އިސްލާމްދީނަށް ނަޞްރުދިނުމުގެ ސިޔާސަތު"


  • ޤައުމަށް އޮތް އެންމެ ފައިދާހުރި ގޮތަކީ ޕީއެންސީއާއެކު ކުރިއަށްދިއުންކަމަށް ވިދާޅުވި

  • ޕީއެންސީއަކީ ޤައުމީ ފިކުރުކަމަށް ރައީސް ވިދާޅުވި

ޕީޕަލްސް ނޭޝަނަލް ކޮންގްރެސް، ޕީއެންސީން ތަންފީޒުކުރަނީ އިސްލާމްދީނަށް ނަޞްރުދިނުމުގެ ސިޔާސަތުކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.

ރައީސުލްޖުމްހޫރިއްޔާ މިފަދައިން ވިދާޅުވީ މިރޭ، ޕީޕަލްސް ނޭޝެނަލް ކޮންގްރެސް، ޕީއެންސީގެ މަތީ މަޖިލިސް ނިންމުމުގެ ރަސްމިއްޔާތުގައި ވާހަކަފުޅުދައްކަވަމުންނެވެ.

ރައީސް ވިދާޅުވީ، ޕީއެންސީގެ ހުރިހާ އަމަލެއް ބިނާވަނީ އިސްލާމްދީނާ ޤައުމިއްޔަތުގެ މައްޗަށްކަމަށެވެ. ޕީއެންސީގެ ސަރުކާރުން ފުރަތަމަ ދުވަހުން ފެށިގެން މަސައްކަތްކުރަމުންދަނީ ދީނަށް ނަޞްރުދީ، އިސްލާމީ ހަޟާރަތު އާލާކުރުމަށްކަމަށް ރައީސް ވިދާޅުވިއެވެ.

މާޒީއާއި މިހާރު ކަންކަން ހިނގާ ގޮތަށް ބަލާއިރު، ޕީއެންސީގެ ފިކުރު ނޫން ބަޔަކަށް ވެރިކަން ލިބުނު ކޮންމެ ފަހަރަކު ފެނުނީ ފަނާކުރުވަނިވި ފިކުރެއްގެ މަތީގައި ކަންކަން ކުރި މަންޒަރުކަމަށްވެސް ރައީސް ވިދާޅުވިއެވެ. އެހެންކަމުން ޤައުމަށް އޮތް އެންމެ ފައިދާހުރި ގޮތަކީ ޕީއެންސީއާއެކު ކުރިއަށްދިއުންކަމަށް ރައީސް ވިދާޅުވިއެވެ. މި ސަރުކާރުން ކޮންމެ ދުވަހެއްވެސް ހޭދަކުރަނީ ރައްޔިތުންގެ ފަޅީގައި ތިބެގެންކަމަށާއި ސަރުކާރު ހިންގަނީ ރައްޔިތުން ބޭނުންވާ ގޮތަށްކަމަށް ރައީސް ވިދާޅުވިއެވެ.

ރައްޔިތުން ނިންމާ ނިންމުމެއްގެ ސަބަބުން، ޤައުމުގެ މުސްތަޤްބަލް ބަނަވެގެން ހިނގައިދާނެކަމަށް ރައީސް ވިދާޅުވިއެވެ. ސިޔާސީ އޮއިވަރުގައި ޖެހިގެން އެންމެ ރަނގަޅު ނޫން ނިންމުންތައް ނިންމާފައިވާކަން މާޒީއަށް ބަލާއިރު ފެންނަން ހުރިކަމަށާ، ނިންމުންތައް ނިންމާއިރު ރައްޔިތުން އިސްކުރަންވީ ޤައުމުކަމަށް ރައީސް ވިދާޅުވިއެވެ.

މި ރަސްމިއްޔާތުގައި ވާހަކަފުޅުދައްކަވަމުން، ދިވެހިންގެ ރީތި އާދަތައް ނެތި ދާން ފެށީ ސިޔާސީ އޮއިވަރުގެ ސަބަބުންކަމަށް ރައީސް ވިދާޅުވިއެވެ. އެގޮތުން އިޚްތިރާމް އަދާކުރުމުގެ ރީތި އާދަ ނެތުނީ ރާއްޖެއަށް ސިޔާސީ ނިޒާމު އައި ވަގުތު، ބަޔަކު ޤައުމުގެ އިސްވެރިންގެ އަބުރު ގެއްލުވާލުމަށް ރޭވިގެން ކުރި މަސައްކަތްތަކުގެ ސަބަބުންކަމަށް ރައީސް ވިދާޅުވިއެވެ. އެއީ އިސްލާމްދީނާ، ދިވެހިންގެ އާދަކާދައާއި ދިމާ އިިދިކޮޅަށް ކުރާކަމެއްކަމަށް ރައީސް ވިދާޅުވިއެވެ.

"ފިކުރީގޮތުން ދިމާ އިދިކޮޅު ފަނާކުރުވަނިވި ފިކުރުން ޤައުމު ހިންގި ކޮންމެފަހަރަކު އިސްކުރީ ޤައުމެއް ނޫން. ބައެއް ފަހަރު ދީނާ ޚިލާފުކަންކަން ހިނގާފައި އެބަހުރި. ސައްތަން ސައްތައިން ސައްތަ އިސްލާމް ދީނުގެ ދިފާއުގައި ދިވެހިން އެއްވާންޖެހުނީ ކަންތައްތަކެއްވީމަ." ރައީސުލްޖުމްހޫރިއްޔާ ޑރ.މުޙައްމަދު މުޢިއްޒު ވިދާޅުވިއެވެ.

ރައީސް ވަނީ ޕީއެންސީއާއި އެހެނިހެން ފިކުރުތަކާއި ހުރި ތަފާތު ދެނެގަތުމަށް ވިސްނާ، ކަންކަން އަޅާކިޔުމަށް އެދިވަޑައިގެންފައެވެ. އެގޮތަށް ވިސްނުމުން ޕީއެންސީގެ ފިކުރަކީ އަދުލުވެރިކަމާއި، އިންސާފާއި، އިޚުލާސްތެރިކަމުގެ ޕާޓީކަން ހާމަވާނެކަމަށް ރައީސް ފާހަގަކުރެއްވިއެވެ. ޕީއެންސީން އަބަދުވެސް އިސްކޮށްފައިވާނީ ޤައުމަށް ފައިދާހުރި ގޮތްކަމަށް ރައީސް ވިދާޅުވިއެވެ. ޕީއެންސީއަކީ ބިނާކުރުމުގެ ފިކުރުގެ މަތީގައި ދެމިއޮތް ހަމައެކަނި ޕާޓީކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.

"ޕީއެންސީ ކުރިއަށްދާނީ މި ފަލްސަފާގެ މަތީގައި. އެހެންވެ އަޅުގަނޑުމެން ތެރޭގައި އެކުވެރިކަން އޮތީ. މި ސަފުތައް އެހާ ބަދަހީ." ރައީސުލްޖުމްހޫރިއްޔާ ޑރ.މުޙައްމަދު މުޢިއްޒު ވިދާޅުވިއެވެ.

ޕީއެންސީގެ ފިކުރަކީ ޒިންމާދާރުކުރުމުގެ ސިޔާސަތުކަމަށްވެސް ރައީސް ވިދާޅުވިއެވެ. އެހެންކަމުން އެންމެ ފުރަތަމަ ޤައުމު އިސްކުރާބަޔަކު ޕީއެންސީގެ ފަލްސަފާއާ ދެބަސް ނުވާނެކަމަށާ، ސަރުކާރުން ކުރާ ކަންކަމަށް އެއްބާރުލުން ދެއްވާނެކަމަށްވެސް ރައީސް ވިދާޅުވިއެވެ.

ރައީސްގެ ވާހަކަފުޅުގައި މި ވެރިކަމުގައި ކަންކަން އިސްލާޙުކުރުމަށް ކުރައްވާފައިވާ މަސައްކަތްތަކަށް އަލިއަޅުވާލެއްވިއެވެ. މި ސަރުކާރު ވެރިކަމަށް އައިސް ކަންކަން ފަށަން ޖެހުނީ ސުމަކުންކަމަށާ، ޤައުމު އޮތީ އިޖުތިމާޢީ އަނދަވަޅަކަށް ވައްޓާލާފައިކަމަށް ރައީސް ވިދާޅުވިއެވެ.

ދަރަނިދެއްކުމާއި، ސިޔާސީ ފިކުރު މިނިވަންކަމާއެކު ބޭނުންކުރުމާއި، އަދުލުވެރިކަން ފުރިހަމަ މާނާގައި ޤާއިމްކުރުމަށް މުހިންމު މަސައްކަތްތަކެއް ކުރެވިފައިވާކަމަށް ރައީސް ވިދާޅުވިއެވެ. އަދި ތަފާތު ކުށްތައް ހުއްޓުވުމަށް ހަރުދަނާ ފިޔަވަޅުތަކެއް އަޅުއްވާފައިވާކަން ރައީސް ފާހަގަކުރެއްވިއެވެ. ހަމައެހެންމެ ކޮރަޕްޝަން ނައްތާލާ، ހިންގުމުގެ ނިޒާމު ހަރުދަނާކުރުމާއި، ދިފާޢީ ރައްކާތެރިކަން ވަރުގަދަކުރުމަށް ރަނގަޅު ފިޔަވަޅުތަކެއް އަޅާފައިވާކަމަށް ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ.