ޚަބަރު

ބިލީ ޖީން ކަޕްގެ ސެމީ އަށް އިޓަލީއާއި ޔޫކްރެއިން


  • އިޓަލީވިލާތް ސެމީ ފައިނަލުން ޖާގަހޯދީ ޗައިނާ 2 މެޗު އެއް މެޗުން ބަލިކޮށްގެން

  • ޔޫކްރެއިން ސެމީ ފައިނަލްގެ ޖާގައެއް ކަށަވަރު ކުރީ ބެލްޖިއަމް 2 މެޗު އެއް މެޗުން ބަލިކޮށްގެން

ޗައިނާގެ ޝެންޒެންގައި މިހާރު ކުރިއަށްދާ ބިލީ ޖީން ކަޕް އަންހެން ޓެނިސް މުބާރާތުގެ ސެމީ ފައިނަލުން އެންމެ ފަހުގެ ޗެމްޕިއަން އިޓަލީވިލާތުގެ އިތުރުން ޔޫކްރެއިން ޖާގަހޯދައިފިއެވެ.

މިމުބާރާތުގެ ސެމީ ފައިނަލުން އިޓަލީވިލާތުގެ ޓީމު ޖާގަހޯދީ ކްއާޓަރ ފައިނަލްގައި މުބާރާތް ބާއްވާ ޤައުމު ޗައިނާ އާއި ބައްދަލުކޮށް 2 މެޗު އެއް މެޗުން ކުރި ހޯދައިގެންނެވެ. މިދެޓީމުގެ ކުރިމަތިލުމުގެ ފެށުން ރަނގަޅުވީ ޗައިނާއެވެ. މިގޮތުން ފުރަތަމަ މެޗުގައި ޗައިނާގެ ޝުއާއި ޒޭންގ ވަނީ އިޓަލީވިލާތުގެ އެލިސަބޭޓާ ކޮސިއަރޭޓޯ އާއި ބައްދަލުކުރި މެޗު ހީކުރި ވަރަށް ވުރެ ފަސޭހަ ކަމާއެކު ހައެއް ސުމެއް އަދި ހައެއް ދެއަކުން ކާމިޔާބު ކޮށްފައެވެ. ނަމަވެސް ޖެހިގެން އައި ސިންގަލްސް ދެވަނަ މެޗުގައި އިޓަލީވިލާތުގެ ޖޭސްމީން ޕައޮލީނީ ވަނީ ޗައިނާގެ ގިންވެން ޒެން އާއި ބައްދަލުކުރި މެޗު ސީދާ ދެ ސެޓުން ކާމިޔާބު ކޮށްފައެވެ. އެއީ ފުރަތަމަ ސެޓު ހައެއް ތިނެއް އަދި ދެވަނަ ސެޓު ޓައި ބްރޭކަކަށް ގޮސް ހަތެއް ހަޔަކުންނެވެ.

މިދެޓީމުގެ މެދުގައި ކުޅުނު ޑަބަލްސް ފަހު މެޗުގައި އިޓަލީވިލާތުގެ ޕައޮލީނީ އާއި ސާރާ އިރާނީ، ޗައިނާގެ ހަންޔޫ ގާއޮ އާއި ޒިންޔޫ ޖިއާންގ އާއި ބައްދަލުކުރި މެޗު ދެ ސެޓު އެއް ސެޓުން ކާމިޔާބު ކޮށްފައިވަނީ އިޓަލީވިލާތުގެ ޓީމެވެ. މިގޮތުން ފުރަތަމަ ސެޓު އިޓަލީވިލާތުގެ ޓީމު ހައެއް ތިނަކުން ކާމިޔާބު ކުރިއިރު ދެވަނަ ސެޓު ފަހެއް ހަތަކުން ކާމިޔާބު ކޮށްފައިވަނީ ޗައިނާގެ ޓީމެވެ. އަދި ފަހު ސެޓު ޕައޮލީނީ އާއި އިރާނީގެ ޓީމު ކާމިޔާބު ކޮށްފައިވަނީ ހައެއް ތިނަކުންނެވެ.

މިކާމިޔާބީ އާއެކު މިމުބާރާތުގެ ތަށި ޖެހިޖެހިގެން ތިންވަނަ ފަހަރަށް ހޯދުމަށް މަސައްކަތް ކުރަމުންދާ އިޓަލީވިލާތުން ސެމީ ފައިނަލްގެ ޖާގައެއް ކަށަވަރު ކޮށްފައިވާއިރު ސެމީ ފައިނަލްގައި އެޓީމު ވާދަކުރާނީ ޔޫކްރެއިން އާއެވެ.

މިމުބާރާތުގެ ސެމީ ފައިނަލުން ޔޫކްރެއިން ޖާގަހޯދާފައިވަނީ ކްއާޓަރ ފައިނަލްގައި ބެލްޖިއަމް އާއި ބައްދަލުކޮށް 2 މެޗު އެއް މެޗުން ކުރި ހޯދައިގެންނެވެ. މިދެޓީމުގެ މެދުގައި ކުޅުނު ފުރަތަމަ މެޗުގައި ޔޫކްރެއިންގެ އަންހެލީނާ ކަލިނީނާ އާއި ބެލްޖިއަމްގެ ޔާނާ އޮޓްޒްޕީކާ ބައްދަލުކުރި މެޗު ދެ ސެޓު އެއް ސެޓުން ކާމިޔާބު ކޮށްފައިވަނީ ކަލިނީނާއެވެ. އެއީ ފުރަތަމަ ސެޓު ޓައި ބްރޭކަކަށް ގޮސް ހައެއް އަށަކުން އޮޓްޒްޕީކާ ކާމިޔާބު ކޮށްފައިވަނިކޮށް ފަހަތުން އަރާ ޖެހިގެން އައި ދެސެޓު ހައެއް އެކެއް އަދި ހައެއް އެކަކުން ކަލިނީނާ ކާމިޔާބު ކޮށްގެންނެވެ.

ޔޫކްރެއިންގެ އެލީނާ ސްވިޓޮލީނާ އާއި ބެލްޖިއަމްގެ ގްރީޓް މިނެން ބައްދަލުކުރި ދެވަނަ މެޗުގެ ފުރަތަމަ ސެޓު ސްވިޓޮލީނާ ޓައިބްރޭކަކަށް ގޮސް ފަހެއް ހަތަކުން ކާމިޔާބު ކުރި ނަމަވެސް ޖެހިގެން އައި ދެ ސެޓު މިނެން ކާމިޔާބު ކޮށްފައިވަނީ ހައެއް ހަތަރެއް އަދި ހައެއް ހަތަރަކުންނެވެ. ނަތީޖާ އަކަށް ވެގެންދިޔައީ މޮޅުވާ ޓީމެއް ބެލުމަށް ޑަބަލްސް މެޗު ކުޅެން ޖެހުމެވެ. ޑަބަލްސް މެޗުގައި ޔޫކްރެއިންގެ ކަލިނީނާ އާއި ލިޔުޑްމީލާ ކިޗެނޯކް ކުރި ހޯދީ ބެލްޖިއަމްގެ މަގާލީ ކެމްޕެން އާއި ލާރާ ސަލްޑެން އާއި ބައްދަލުކޮށް ހައެއް ތިނެއް އަދި ހައެއް ތިނަކުންނެވެ.