ޚަބަރު

ނަތަންޔާހޫ ޕޯޑިއަމަށް އެރުމާއެކު ދިވެހި ވަފުދު މިފަހަރުވެސް މާލަމުން ބޭރަށް


  • މިއީ މިގޮތަށް އާންމު މަޖިލީހުގެ ޖަލްސާ ދިވެހި ވަފުދުން ދޫކޮށްދާ 3 ވަނަ އަހަރު

  • ބައިނަލްއަޤްވާމީ ޤާނޫނުތަކަށް ތަބާވާ ނުވާ މާހައުލެއްގައި ދިވެހިރާއްޖެ ނުތިބޭނެ

  • ޔަހޫދީން ފަލަސްޠީނުގެ ރައްޔިތުންނަށް ދޭ އަނިތައް ދިވެހި ސަރުކާރުން މިހާރު ހަރު އަޑުން ކުށްވެރިކުރޭ

ޔަހޫދީންގެ ބޮޑުވަޒީރު އދ. އާންމު މަޖިލީހުގައި ވާހަކަ ދައްކަން ފެށުމުގެ ކުރިން އެކަމާ ދެކޮޅަށް އިހްތިޖާޖު ކުރުމުގެ ގޮތުން ދިވެހި ރާއްޖޭގެ ވަފުދުން އާންމު މަޖިލީހުގެ ޖަލްސާ ދޫކޮށް ނިކުމެއްޖެއެވެ.

މިހާރު ކުރިއަށްދާ އދ. އާންމު މަޖިލީހުގެ ޖަލްސާގައި ޔަހޫދީން ބޮޑުވަޒީރު، ބެންޖަމިން ނަތަންޔާހޫގެ ވާހަކައިގެ ކުރިއަށް ރާއްޖެ ހިމެނެހޭން ގިނަ ޤައުމުތަކުން ވަނީ އާންމު މަޖިލީހުގެ ޖަލްސާ ދޫކޮށް ނުކުމެވެ. މިއީ މިގޮތަށް ދިވެހިރާއްޖެއިން ޢަމަލު ކުރި 3 ވަނަ އަހަރެވެ. މިއަހަރު އާންމު މަޖިލީހުގެ ބައްދަލުވުމުގައި ދިވެހި ސަރުކާރުގެ ވަފުދުގެ އިސްވެރިއެއްގެ ގޮތުގައި ވަޑައިގެންފައިވަނީ ރައީސުލްޖުމްހޫރިއްޔާގެ ނައިބު ހުސެއިން މުޙައްމަދު ލަތީފްއެވެ.

އާންމު މަޖިލީހުގެ ޖަލްސާ ކުރިއަށްދިޔަ މާލަން ދޫކޮށް ދިވެހި ވަފުދުން ނިކުތް ނިކުތުމަށް އިޝާރާތްކުރައްވައި މީސްމީޑިއާގައި ހިއްސާކުރެއްވި ޕޯސްޓެއްގައި ޚާރިޖީ ވަޒީރު އިރުތިޝާމް އާދަމް ވަނީ، ބައިނަލްއަޤްވާމީ ޤާނޫނުތަކަށް ހުރިހާ ޤައުމަކަށްވެސް އެއް ހަމައަކުން ތަބާވާންޖެހޭ ކަމަށް ވިދާޅވުެފައެވެ. އަދި އެއްވެސް ޤައުމަކީ އެ ޤާނޫނުތަކުގެ މަތިން އޮތް ޤައުމެއް ނޫން ކަމަށް ވިދާޅުވިއެވެ. ވަޒީރު އިރުތިޝާމް ވަނީ ރާއްޖެއިން އެފަދަ މާހައުލެއްގައި ހާޒިރުވުން ނުދޭނެ ކަމަށާއި، މިފަދަ ޢަމަލުތައް އާންމުވުމުގެ ފުރުސަތުވެސް ރާއްޖެއިން ނުދޭނެ ކަމަށް ވިދާޅުވިއެވެ.

ވަޒީރު އިރުތިޝާމް ވަނީ ދިވެހި ރާއްޖެ އޮތީ ފަލަސްޠީނާއެކުކަން ތަކުރާރުކުރައްވާފައެވެ. އަދި ފަލަސްޠީނުގެ މިނިވަން ދައުލަތެއް 1967 ވަނަ އަހަރުގެ ކުރީގެ ބޯޑަރުތަކަށް ބިނާކޮށް ޤާއިމްކުރުމަށާއި، އެޤައުމުގެ ވެރިރަށަކީ އިރުމަތީ ޤުދުސް ކަމުގައި ބަލައިގަނެ އދ. ފުރިހަމަ މެންބަރުކަން ފަލަސްޠީނަށް ދިނުމަށް ދިވެހިރާއްޖެއިން ގޮވާލާ ގޮވާލުން ތަކުރާރު ކުރެއްވިއެވެ.

ޔަހޫދީ ދައުލަތުން ފަލަސްޠީނުގެ ޣައްޒާގައި ހިންގަމުންދާ ނަސްލު ނައްތާލުމުގެ ޤަތުލްޢާމާއި އަދި ހުޅަނގު އަސާރީގެ ބިންތައް ފޭރިގަނެ ބައިނަލްއަޤްވާމީ ޤާނޫނުތަކާއި ޚިލާފަށް ފަލަސްޠީނުގެ ރައްޔިތުން ވަޒަނުން ބޭރުކުރުމަށް ހިންގަމުންދާ ޖަރީމާތައް ބައިނަލްއަޤްވާމީ އެކި މަންސަތަކުގައި ދިވެހިރާއްޖެއިން ދަނީ ހަރުއަޑުން ކުށްވެރިކުރަމުންނެވެ. އަދި ޔަހޫދީން ޖަވާބުދާރީ ކުރުވައި އިންސާފުގެ ކުރިމައްޗަށް ގެނައުމަށް ދިވެހިރާއްޖެއިން ދަނީ ތަކުރާރުކޮށް ގޮވާލަމުންނެވެ.

ފަލަސްޠީނު މައްސަލައިގައި އަދުގެ ސަރުކާރުން ވަނީ ކުރިއަށްވުރެ ހަރުކަށިކޮށް ބައިނަލައްޤްވާމީ މަންސަތަކުގައި އެ މައްސަލައިގަ ވާހަކަ ދައްކަވަން ފަށާފައެވެ. ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވަނީ ދިވެހި ރާއްޖޭގެ ޚާރިޖީ ސިޔާސަތަކީ ޔަހޫދީ ދައުލަތް ފިޔަވައި ހުރިހާ ޤައުމަކާއެކުވެސް ދިވެހިން އިސްކުރުމުގެ ތެރެއިން ރަނގަޅު ގުޅުމެއް ބޭއްވުންކަމަށް ވިދާޅުވެފައެވެ. މިގޮތުން ދިވެހިރާއްޖެއިން ވަނީ އިސްރާއިލުގެ ޕާސްޕޯޓުގައި ރާއްޖެ އެތެރެނުވެވޭނެހެން ޤާނޫނުވެސް އިސްލާހުކޮށްފައެވެ.

އދ. ގެ މަންސަތަކުގެ އިތުރަށް ދިވެހިރާއްޖެ ތަމްސީލްކުރަން ލިބޭ އެހެން ހުރިހާ މަންސައެއްގައިވެސް ފަލަސްޠީނުގެ މައްސަލަ ދިވެހިރާއްޖެއިން ނަގައި، ފަލަސްޠީނަށް އިންސާފު ހޯދައި ދިނުމަށް މިހާރު ދަނީ ގޮވާލަމުންނެވެ.