އިޤްތިޞާދީ ދުޅަހެޔޮކަން

ސަރުކާރަށް 3 އަހަރު - ގެޓްސެޓް ލޯނާއެކު ޒުވާނުން ބާރުވެރިކޮށްފި


ޒުވާނުން ބާރުވެރިކުރުވުމަށް މިސަރުކާރުގެ ހިންގާވާ ޕްރޮގްރާމުތަކުގެ ތެރެއިން އެންމެ ބޮޑަށް ފާހަގަވެގެންދިޔަ އެއްކަމަކީ ޒުވާނުން ވިޔަފާރި ދާއިރާއަށް ނުކުތުމަށް ހުޅުވާލި ގެޓްސެޓްލޯނެވެ. ޒުވާނުންނަށް ސަރުކާރުން ފަހިކޮށްދިން މި ކާމިޔާބު މި ޕްރޮގްރާމާއި އެކު ގިނަ ޒުވާނުން ވިޔަފާރި ފަށާ އަމިއްލަ ފައިމައްޗަށް ތެދުވެ ނަފާ ހޯދަން ފަށާފައިވާކަން ފާހަގަކޮށްލެވެއެވެ. މި ކާމިޔާބީއާއި ގުޅިގެން ސަރުކާރުން ވަނީ އަންނަ އަހަރުވެސް ގެޓްސެޓް ލޯނު ދޫކުރެއްވުމަށް ނިންމަވާފައެވެ.

މި ޕްރޮގްރާމްގެ ދަށުން ދޫކުރައްވަން ސަރުކާރުން ނިންމެވީ ތިންސަތޭކަ ހާހާއި އަށްސަތޭކަ ހާހާ ދެމެދުގެ ލޯނެކެވެ. މިގޮތުން މިއަހަރު ހުޅުވާލި މި ފުރުސަތުގައި ތިރީސް ހަތަރު ލޯނެއް ދޫކުރައްވާފައިވެއެވެ. މި ލޯނު މިހާތަނަށް ހަތްދިހަ ދެ ޒުވާނަކު ނަގާފައިވާއިރު އޭގެތެރެއިން ގިނަ ޒުވާނުންވަނީ ވިޔަފާރި ފަށާފައެވެ. އަދި އެވިޔަފާރިތައް އަންނަނީ ކުރިއަރަމުންނެވެ. ޒުވާނުންނަށް އަމާޒުކުރި މި ލޯނު ދައްކާ ޚަލާސްކުރަން ނުވަ އަހަރުގެ މުއްދަތެއް ދެއްވާފައިވާއިރު އެއް އަހަރުގެ ގްރޭސް ޕީރިއަޑެއް ވަނީ ދެއްވާފައެވެ. ރާއްޖޭގެ އުތުރުން ފެށިގެން ދެކުނުގައި ދިރިއުޅޭ ޒުވާނުން މި ލޯނުގެ ބޭނުން ހިފާ ލޯކަލް ޓުއަރިޒަމް، ރެސްޓޯރެންޓްސް، ސްޕޯޓްސް ޖިމް، ގޭމް އާރކޭޑްސް، މިޔުޒިކް އެންޑް އިވެންޓް މެނޭޖްމަންޓް، އެގްރިކަލްޗަރ އަދި ރީޓެއިލް ޓްރޭޑްސް ފަދަ ވިޔަފާރިތަކަށް އެ ޒުވާނުން ވަނީ އިންވެސްޓްކޮށް ފައިދާ ހޯދަން ފަށާފައެވެ.

img:http://s3.psmnews.mv/images/660x400/14711714302412.jpg|އިކޮނޮމިކް މިނިސްޓަރ ގެޓްސެޓް ޕްރޮގްރާމްގެ ބައިވެރިންނާއި ބައްދަލުކުރެއްވުމަށް ބޭއްވި ރަސްމިއްޔާތެއްގެ ތެރެއިން / ފޮޓޯ: ޕީއެސްއެމް

ސަރުކާރުގެ ވަޢުދުތަކުގެ ތެރޭގައި ޒުވާނުން ބާރުވެރިކުރުވުން ހިމެނޭއިރު ރައިސުލްޖުމްހޫރިއްޔާގެ ވިސްނުންފުޅަކީ ޒުވާނުން، އާ ވިޔަފާރިތަކެއް އުފެއްދުންކަމަށާއި އޭގެ ނަތީޖާ މިހާރު ފެންނަމުންދާކަމަށް އިކޮނޮމިކް މިނިސްޓަރ މުޙައްމަދު ސަޢީދު ވަނީ ވިދާޅުވެފައެވެ. ގެޓްސެޓް ޕްރޮގްރާމްގެ ދަށުން އަލަށް ވިޔަފާރި ފަށާ ބަޔަކަށް އެ މިނިސްޓްރީން ވަރަށް ބޮޑު އެހީތެރިކަމެއް ފޯރުކޮށްދެއްވަމުން ގެންދަވާއިރު ވިޔަފާރި ހިނގައިގަންނަންދެންވެސް އެ މިނިސްޓްރީން ވަރަށް ގާތުން އެކަން ބަލަމުންދާކަމަށް ގެޓްސެޓްގެ ބައިވެރިން ބުނެއެވެ.