ހަމައެކަނި ފަތުރުވެރިކަމަށް ރާއްޖެ ބަރޯސާވެފައި އޮންނަ އޮތުން ނިމުމަކަށް ގެނައުމަށް ސަރުކާރުން ރާއްވަވާފައިވާ އެންމެ ބޮޑު އެންމެ ބިޔައެއް މަޝްރޫޢަކީ އިހަވަންދިއްޕޮޅުގައި ތަރައްޤީކުރެއްވުމަށް ސަރުކާރުން މަސައްކަތް ކުރައްވަމުން ގެންދަވާ ޚާއްޞަ އިޤްތިޞާދީ ސަރަޙައްދު "އައި-ހަވަން" މަޝްރޫޢުއެވެ. މިއީ ރައީސް ޢަބްދުﷲ ޔާމީންގެ އިޤްތިޞާދީ ތަޞައްވުރުގައި ހިމެނޭ އެންމެ ބޮޑު އެއް މަޝްރޫޢުވެސްމެއެވެ.
ސަރުކާރުގެ ޢަމާޒަކީ ބޮޑު ޓްރާންސްޝިޕްމަންޓް ބަނދަރެއްގެ އިތުރުން އެއަރޕޯޓަކާއި ޔޮޓް މެރީނާއަކާއި ކްރޫޒް ހަބަކާއި ޑޮކްޔާޑް އަދި ބަންކަރިން ފެސިލިޓީއާއެކު އައިހެވަން ތަރައްޤީ ކުރެއްވުމެވެ.
މިމަޝްރޫޢުގެ ފީސިބިލިޓީ މަސައްކަތް މިހާރު ވަނީ ނިމިފައެވެ. އިހަވަންދިއްޕޮޅުގައި ހިންގެވުމަށް ސަރުކާރުން ހަމަޖައްސަވާފައިވާ އައި-ހަވަން މަޝްރޫޢުގެ މާސްޓަރ ޕްލޭން ތައްޔާރުކުރުމުގެ އެއްބަސްވުމުގައި ސިންގަޕޫރުގެ ކުންފުންޏަކާއެކު ސަރުކާރުން ސޮއިކުރެއްވީ މިމަހުގެ ތެރޭގައެވެ. މި މަސައްކަތް ސަރުކާރުން ހަވާލުކުރެއްވީ ސިންގަޕޫރުގެ ސުރްބަނާ ޖުރޮންގް ކޮންސަލްޓަންޓްސްއާއެވެ.
ސަރުކާރުގެ މި 3 އަހަރުގެ ތެރޭގައި އައިހަވަން މަޝްރޫޢު ހިންގުމަށް ކުރެއްވި މަސައްކަތްތަކުގެ ތެރެއިން މަޝްރޫޢުގެ ބައެއް "ކޮމްޕޯނެންޓްތަކަށް" ސަޢޫދީ ޢަރަބިއްޔާއިން ފަންޑު ދޭން ވަނީ އެއްބަސްވެފައެވެ. އަދި މި މަޝްރޫޢަކީ ކާމިޔާބު ކަމާއެކު ހިންގިދާނެ މަޝްރޫޢެއްކަމުގައި ސަރުކާރުން ޤަބޫލުކުރައްވައެވެ.
img:http://s4.psmnews.mv/images/660x400/14679106709825.jpg|ރާއްޖޭގައި ތެޔޮ ހުރިތޯ ބެލުމަށް ސާވޭ ކުރުމަށް ރާއްޖެއައި ބޯޓު: ފައިލް ފޮޓޯ: ފިޝަރީޒް މިނިސްޓަރ
އައިހަވަން ޕްރޮޖެކްޓްގެ ބިން ހިއްކުމުގެ މަސައްކަތް މިއަހަރު ފައްޓަވާނެ ކަމަށް ރައީސުލްޖުމްހޫރިއްޔާ ޢަބްދުﷲ ޔާމިން ޢަބްދުލްޤައްޔޫމް ވަނީ ވިދާޅުވެފައެވެ. ރައީސް ޔާމީންގެ ތަޞައްވުރަކީ، އަހަރަކު އެތައް ޓްރިލިޔަން ޑޮލަރެއްގެ މުދާބަރުކޮށްގެން ރާއްޖެ ކައިރިން ދަތުރުކުރާ އިންޓަރނޭޝަނަލް ޝިޕިންގ ލައިންގެ މައިމަރުކަޒަކަށް ދިވެހި ރާއްޖެ ހެއްދެވުމެވެ. ހުޅަނގާއި އިރުމަތީގެ މުދާތައް ބަދަލުކުރެވޭ މަރުކަޒަކަށް ރާއްޖެވުމެވެ.
ސަރުކާރުން ރާއްވަވާ ހިންގަވާ ބިޔަ މަޝްރޫޢުތަކުގެ ތެރެއިން ދެން އެންމެ ފާހަގަކޮށްލެވެނީ ރާއްޖެއިން ތެޔޮ ހޯއްދެވުމުގެ މަޝްރޫޢުއެވެ. މިމަޝްރޫޢުގެ ދަށުން މިމަސައްކަތް ކުރުމަށް ރާއްޖެއާއެކު ބައިވެރިވާ ކުންފުންޏާއެކު އެއްބަސްވުމަކާ ހަމައަށް އައުމަށް ގެންދަވަނީ މަޝްވަރާކުރައްވަމުންނެވެ. ރާއްޖެއިން ތެޔޮ ހޯދިދާނެކަން އެއްވެސް އޮޅުމެއް ނެތްމިންވަރަށް ރާއްޖެއާއެކު ތެޔޮ ހޯދުމުގެ މަސަތްކަތަށް ޝައުޤުވެރިކަން ފާޅުކޮށްފައިވާ ފަރާތްތަކުން ދެއްވާފައިވާކަމަށް އިކޮނޮމިކް ކައުންސިލްގައި ހިމެނިވަޑައިގަންނަވާ، ފިޝަރީޒް މިނިސްޓަރ ޑރ. މުޙައްމަދު ޝައިނީ ވަނީ ވިދާޅުވެފައެވެ. ތެޔޮ ހޯދުމަށް ކުރާ މަސައްކަތުގައި ބައިވެރިވުމަށް ވަރަށް ގިނަ ފަރާތްތަކުން ޝައުޤުވެރިކަން ފާޅުކޮށްފައިވާކަންވެސް މިނިސްޓަރ ފާހަގަކުރެއްވިއެވެ.
ރާއްޖެއިން ތެޔޮހޯއްދެވުމަށް ކުރެވޭ މަސައްކަތަކީ ރައީސުލްޖުމްހޫރިއްޔާ ޢަބްދުﷲ ޔާމީން ޢަބްދުލް ޤައްޔޫމްގެ ރިޔާސީ ވަޢުދުތަކުގެ ތެރޭގައި ހިމެނޭ މުހިއްމު ވަޢުދެކެވެ.