ކެޕްޓަން ލަޔޮނަލް މެސީ ކުޅުން ހުއްޓާލި ނަމަވެސް އާޖެންޓީނާ އަށް އަދިވެސް ވާދަވެރި ޓީމެއްގެ ގޮތުގައި ދެމި އޮވެވޭނެ ކަމަށް ކޯޗު ލަޔޮނަލް ސްކަލޯނީ ބުނެފި އެވެ.
އަންނަ ޑިސެންބަރު މަހަށް ކޮންޓްރެކްޓް ހަމަވި ނަމަވެސް ޓީމާއެކު ދެމި ހުންނާނެ ކަމުގެ އިޝާރާތެއް ދެމުން ސްކަލޯނީ މިހެން ބުނީ މެސީ ގައުމީ ޓީމަށް ކުޅުން ހުއްޓާލުން ފާހަގަ ކުރި މެޗަށް ފަހު ވާހަކަ ދައްކަމުންނެވެ.
އަށް ފަހަރު ދުނިޔޭގެ މޮޅު ކުޅުންތެރިޔާގެ މަގާމު ހޯދާފައިވާ މެސީ އަކީ ގިނަ ބަޔަކު ފާހަގަ ކުރާ ގޮތުގައި ދުނިޔެ ދުށް އެންމެ މޮޅު ކުޅުންތެރިޔާ އެވެ. އޭނާ ވަނީ އާޖެންޓީނާ އަށް 2022 ވަނަ އަހަރުގެ ވޯލްޑް ކަޕާއި 2021 އަދި 2025 ވަނަ އަހަރުގެ ކޮޕާ އެމެރިކާ އާއި 2022 ވަނަ އަހަރުގެ ފައިނަލިސިމާ ތަށި ހޯދައިދީފަ އެވެ. އަދި ތިން ފަހަރު ވޯލްޑް ކަޕް ފައިނަލް ކުޅެ 2022ވަނަ އަހަރު ތަށި ހޯދުމުގެ އިތުރަށް ދެ ފަހަރު ވޯލްޑް ކަޕުގެ މޮޅު ކުޅުންތެރިޔާގެ މަގާމު ހޯދައިފަ އެވެ. އަދި ވޯލްޑް ކަޕުގެ ތާރީޚުގައި ދެ ވަނަ އަށް އެންމެ ގިނަ ގޯލު ޖެހި ކުޅުންތެރިއަކީ ވެސް އޭނާ އެވެ.
"މެސީ އަކީ އެންމެ މޮޅު ކުޅުންތެރިޔާ. ޝައްކެއް ވެސް ނެތް. އޭނާ ގައުމީ ޓީމުގައި ހުރެގެން ޓީމު ކުޅުމާ ނެތި ކުޅުން ތަފާތުވާނެ. އެކަމަކު ދެން އެ ދުވަހެއް ނާންނާނެ. އޭނާ ހުރުމަކީ ހުރިހާ ގޮތަކުން ވެސް ތަފާތު ކަމެއް. ނަމަވެސް އަހަރެން ބުނާނީ އޭނާ ނެތި ވެސް އާޖެންޓީނާ އަށް ވާދަވެރި ޓީމެއްގެ ގޮތުގައި އޮވެވިދާނެއޭ،" ކޯޗު ބުންޏެވެ.
ފާއިތުވެދިޔަ 8 އަހަރު އާޖެންޓީނާ އަށް ކޯޗުކޮށްދިން ކުރީގެ ޑިފެންޑަރު ސްކަލޯނީ ބުނީ އާޖެންޓީނާގައި ހުނަރުވެރި ޒުވާން ކުޅުންތެރިން އެބަތިބި ކަމަށެވެ.
"މިހާރު އަހަރުމެން ވިސްނަންވީ މެސީ ނެތި ކުރިއަށް އޮތް ދުވަސްތަކަށް. މެސީ ނެތި އަހަރުމެން ވާދަވެރި ޓީމެއް ބިނާ ކުރުމަށް. އެކަން ކުރެވިދާނެ. މިހާރު ތިބި ކުޅުންތެރިންނާއި ޒުވާން ކުޅުންތެރިން އެކުވެގެން ރަނގަޅު ޓީމެއް އަދިވެސް ބޭއްވިދާނެ،" ކޯޗު ބުންޏެވެ.
އޭނާ ބުނީ އުމުރުން 39 އަހަރުގައި މެސީ ކުޅުން ހުއްޓާލީ ގައުމީ ޓީމަށް ކޮށްދޭންޖެހޭ ހުރިހާ ކަމެއް ކޮށްދީފައި ކަމަށާއި އަލުން އެދުވަސް ނާންނާނެކަން އެންމެން ވެސް ގަބޫލު ކުރަން ޖެހޭ ކަމަށެވެ.