ޚަބަރު

ތުރާކުނުގެ ޔުޓިލިޓީ ޚިދުމަތްތައް ސްޓެލްކޯއަށް


  • ހއ.އަތޮޅުގެ އިތުރު ރަށްތަކުގެ ޔުޓިލިޓީ ޚިދުމަތްތަކާވެސް ހަވާލުވާނެ

  • އުތުރާއި ދެކުނުގެ ފެނަކައިގެ މަސައްކަތްތަކާއި ވަނީ ހަވާލުވެފައި

ރާއްޖޭގެ އެންމެ އުތުރުން ހއ. ތުރާކުނުގެ ޔުޓިލިޓީ ޚިދުމަތްތައް ދިނުމަށް ސްޓެލްކޯއިން ހަވާލުވެއްޖެއެވެ. އެރަށުގެ ޚިދުމަތްތަކާއި ހަވާލުވުމާއެކު، އެކުންފުނިން ވަނީ ރާއްޖޭގެ އެންމެ އުތުރާއި ދެކުނުގައިވެސް މި ޚިދުމަތްތައް ދޭން ފަށާފައެވެ.

ސްޓެލްކޯއިން އުތުރުގެ ރަށްތަކުގައި ޔުޓިލިޓީ ޚިދުމަތް ދިނުމާއި ހަވާލުވުމަށް ކުރަމުންދާ ދަތުރުގައި އެކުންފުނީގެ މެނޭޖިންގ ޑިރެކްޓަރ ޑރ. ޢަލީ އަޒުވަރާއި ކުންފުނީގެ ބައެއް އިސްވެރިން ދަނީ އެއަތޮޅުގެ ރަށްތަކަށް ޒިޔާރަތް ކުރައްވަމުންނެވެ. މިގޮތުން ތުރާކުނު އިންޖީނުގޭގައި ވަނީ، ސްޓެލްކޯގެ ދިދަ ނެގުމަށް ޚާއްޞަ ރަސްމިއްޔާތެއް ބާއްވާފައެވެ.


ތުރާކުނުގެ ކަރަންޓާއި، ފެނާއި ނަރުދަމާ ޚިދުމަތާއި ރަސްމީކޮށް ހަވާލުވުމަށް އެކުންފުނިން ހަވާލުވުމުގެ ގޮތުން ބޭއްވި ރަސްމިއްޔާތުގައި ޤައުމީ ދިދަ ނަންގަވައިދެއްވީ، މެނޭޖިންގ ޑިރެކްޓަރ ޑރ. ޢަލީ އަޒުވަރުއެވެ. އަދި ސްޓެލްކޯގެ ދިދަ ނަންގަވައިދެއްވީ، ޑެޕިއުޓީ މެނޭޖިންގ ޑިރެކްޓަރ ޢަބްދުﷲ ނާޒިރެވެ.

ދިދަ ނެންގެވުމުގެ ރަސްމިއްޔާތަށްފަހު މެނޭޖިންގ ޑިރެކްޓަރާއި އިސްވެރިން ވަނީ، އެ ދެ ރަށުގެ އިންޖީނުގެއާއި އޮފީހުގެ މަސައްކަތްތައް ހިނގަމުންދާ ގޮތް ބައްލަވާލައްވާފައެވެ. އަދި އިންޖީނުގެ ހިންގުމާއި ޚިދުމަތްތަކާއި ގުޅޭގޮތުން މަޝްވަރާކުރެއްވިއެވެ.

ހއ.އަށް ކުރައްވަމުން ގެންދަވާ ދަތުރުފުޅުގައި ސްޓެލްކޯގެ އިސްވެރިން ވަނީ، ހއ.ހޯރަފުށީ އިންޖީނުގެއާއި ބޮޓްލިންގ ޕްލާންޓުގެ މަސައްކަތް ގޮސްފައިވާ ހިސާބު ބައްލަވާލައްވާފައެވެ.

ސްޓެލްކޯއިން ވިދާޅުވީ، ކުރިއަށް އޮތް ދުވަސްތަކުގައި ހއ.އަތޮޅުގެ އިތުރު ރަށްތަކުގައި ފެނަކައިގެ ދަށުން ދެމުންދިޔަ ޚިދުމަތްތަކާއި އެކުންފުނިން ހަވާލުވާނެ ކަމަށެވެ.

ސްޓެލްކޯއިން ހއ. އަތޮޅުގެ ރަށްތަކުގެ ޚިދުމަތްތަކާއި ހަވާލުވުމުގެ މަސައްކަތް ކުރަމުންދާއިރު، ރާއްޖޭގެ އެންމެ ދެކުނުން އައްޑޫސިޓީ އަދި އައްޑުއަތޮޅު ހުޅޫދޫއާއި މީދޫގެ ކަރަންޓުގެ ޚިދުމަތާއިވެސް އެކުންފުނިން ވަނީ ހަވާލުވެފައެވެ. މިއާއެކު ރާއްޖޭގެ އެންމެ އުތުރާއި ދެކުނުގައި ސްޓްލްކޯއިން ޚިދުމަތް ދޭން ފަށާފައިވާކަން އެކުންފުނިން ފާހަގަކުރެއެވެ.