ޚަބަރު

ވިލިމާލޭގައި އިމާރާތްކުރާ މިސްކިތުގެ ބިންގާ އަޅައިފި


  • މިއީ 1000 މީހުންނަށް ނަމާދު ކުރެވޭނެ މިސްކިތެއް

  • ނަމާދުކުރާ ބައިގެ އިތުރުން 2 ކުލާސްރޫމާއި އިމާމު ރޫމް ހިމެނޭ

ވިލިމާލެ "މަސްޖިދުއްސަލާމް" މިހާރު ހުރި ބިމުގައި ބިނާކުރާ ޒަމާނީ އައު މިސްކިތުގެ ބިންގާ އަޅުއްވައިދެއްވައިފިއެވެ.

މިކަމަށްޓަކައި ވިލިމާލޭގައި ބޭއްވި ޚާއްސަ ރަސްމިއްޔާތެއްގައި މިސްކިތުގެ ބިންގާ އަޅުއްވައިދެއްވީ، އިސްލާމީ ކަންތައްތަކާއި އައުޤާފާ ބެހޭ ވަޒީރު ޑރ.މުޙައްމަދު ޝަހީމް ޢަލީ ސަޢީދެވެ.

ފިޔަ ފައުންޑޭޝަންއިން ބިނާކުރާ މި މިސްކިތަކީ، މިއީ 1000 މީހުންނަށް ނަމާދު ކުރެވޭ ގޮތަށް އިމާރާތް ކުރާ މިސްކިތެކެވެ. މި މިސްކިތް ވެގެންދާނީ، ވިލިމާލޭގައި އަޅާ ޖާގަ ތަނަވަސް މިސްކިތަކަށެވެ.

ޒަމާނީ ފެންވަރަށް ބިނާކުރުމަށް ހަމަޖެހިފައިވާ މި މިސްކިތަކީ، ދެ ބުރީގެ މިސްކިތެކެވެ. މި މިސްކިތުގައި ނަމާދު ކުރާ ބައިގެ އިތުރުން 2 ކުލާސްރޫމާއި، އިމާމު ރޫމް ހިމެނޭނެއެވެ.

ރާއްޖޭގެ އެކިކަންކޮޅުތަކުގައި އިސްލާމީ ދާއިރާއިން ގިނަ މަޝްރޫޢުތަކެއް ކުރިއަށްދާއިރު، މަޝްރޫޢުތައް ބާރު ދުވެލީގައި ކުރިއަށް ގެންދިއުމަށް ގިނަ މަސައްކަތްތަކެއް ކުރަމުންދާކަމަށް އިސްލާމީ ކަންތައްތަކާ ބެހޭ ވުޒާރާއިން ވިދާޅުވިއެވެ. މިސްކިތްތައް ބިނާކުރުމާއި، އިސްލާމީ މަރުކަޒުތަކާއި ޤުރުއާނާ ބެހޭ ޤައުމީ މަރުކަޒުގެ ގޮފިތަކުގެ އިތުރުން ވަޤުފު އިމާރާތްތައް ބިނާކުރުން ހިމެނޭހެން 70 އަށްވުރެ ގިނަ މަޝްރޫޢުގެ މަސައްކަތް މިހާރުވެސް ކުރިއަށް ގެންދާ ކަމަށް އެވުޒާރާއިން މައުލޫމާތުދެއްވައެވެ.