މުޅި ދުނިޔޭގެ އާބާދީއަށް ބަލާއިރު، ފިރިހެނުންގެ ތެރެއިން ކޮންމެ 22 މީހަކުން އެކަކީ، ނަފްސާނީ ބަލިމަޑުކަމެއް ތަޙައްމަލުކުރާ މީހެކެވެ. އަދި ކޮންމެ 14 އަންހެނަކުން އެކަކީ ނަފްސާނީ ކޮންމެވެސް ޙާލަތެއް ތަޖުރިބާ ކުރާ މީހެކެވެ. ފުރާވަރުގެ ކޮންމެ 7 ކުއްޖަކުން އެއް ކުއްޖަކީ، ނަފްސާނީ ބަލިމަޑުކަމާއި ކުރިމަތިލާން ޖެހިފައިވާ ކުއްޖެކެވެ. 70 އަހަރުން މަތީގެ އާބާދީގެ ތެރެއިން ކޮންމެ 8 މީހަކުން އެކަކު ދަނީ، މިފަދަ ކޮންމެވެސް ހާލަތަކާއި ކުރިމަތިލަމުންނެވެ.
ރާއްޖޭގައި 2020-2021އަށް އެކުލަވާލި ޑަބްލިއެޗްއޯ ސްޓެޕް ސަރވޭގެ ތަފާސްހިސާބުތަކަށް ބަލާނަމަ، ފިރިހެނުންގެ ތެރެއިން ކޮންމެ 10 މީހަކުން 3 މީހަކީ ކުޑަމިންވަރަކަށް ނަމަވެސް ޑިޕްރެޝަންގެ އަލާމާތްތައް ފެންނަން ހުރި މީހުންނެވެ. އަދި އަންހެނުންގެ ތެރެއިން ކޮންމެ 10 މީހަކުން 4 މީހުންނަކީ، މިފަދަ އަލާމާތްތައް ފެންނަ މީހުންނެވެ. ޒުވާނުންގެ އާބާދީއާއި މެދު އުމުރުގެ އާބާދީއަށް ބަލާއިރުވެސް ކޮންމެ 10 މީހަކުން 4 މީހަކު ކުޑަކޮށް ނަމަވެސް ޑިޕްރެޝަންގެ ކޮންމެވެސް ކަމަކާއި ކުރިމަތިލާން ޖެހެއެވެ.
ނަފުސާނީ ދުޅަހެޔޮކަމާއި ގުޅުންހުރި އިތުރު ތަފާސްހިސާބަކަށް ބަލާނަމަ، ޖޫން މަހު ސިއްޙަތާއި ބެހޭ ވުޒާރާއިން ޢާއްމުކުރި ތަފާސްހިސާބުތަކުން އެނގޭ ގޮތުން 2023 ވަނަ އަހަރާއި، 2025 ވަނަ އަހަރާ ދެމެދު ރާއްޖޭގައި 70،000 އަށްވުރެ ގިނަ މީހުން ނަފްސާނީ ބަލިތަކަށް ފަރުވާ ހޯދާފައިވެއެވެ. އޭގެ ތެރެއިން 45،000 އަށްވުރެ ގިނަ މީހުންނަކީ، ގްރޭޓަރ މާލެ ސަރަހައްދުން ޑޮކްޓަރަށް ދައްކާފައިވާ މީހުންނެވެ.
މީގެއިތުރުން 2024 ވަނަ އަހަރުގެ ފެބްރުއަރީ މަހު ޤައުމީ ނަފްސާނީ ސިއްހަތުގެ ހެލްޕްލައިން އިފްތިތާޙުކުރި ފަހުން 2026 ވަނަ އަހަރުގެ ސެޕްޓެމްބަރު މަހުގެ ނިޔަލަށް ނަފްސާނީ ބަލިތަކާއި ގުޅޭ ހެލްޕްލައިނަށް 23،679 ކޯލު ވަނީ ލިބިފައެވެ.
މިއިން ކޮންމެ ތަފާސްހިސާބެއް ކޮންމެ އަދަދެއްގެ ފަހަތުގައި ވަނީ އިންސާނެއްގެ ތަޖުރިބާއެވެ. ނަފްސާނީ ދުޅަހެޔޮކަމަކީ ގިނަ ފަހަރަށް ހިނިތުންވުންތަކާއި، ހިމޭންކަމާއި އަދި ދިރިއުޅުމުގެ އާންމު ކަންކަމުގެ ފަހަތުގައި ފޮރުވިފައި އޮންނަ ކަންކަމެވެ. އެހެންކަމުން ގިނަ ފަހަރު ނަފްސާނީ ބަލީގެ ތަޖުރިބާ ކުރުކޮށް ގުނާލެވެނީ ތަފާސް ހިސާބާއި، ގްރެފިކްސް ޗާޓުގެ މައްޗަށެވެ.
ކޮންމެ އަހަރެއްގެ އޮކްޓޫބަރު މަހުގެ 10 ވަނަ ދުވަހު ފާހަގަކުރާ ދުނިޔޭގެ ނަފުސާނީ ދުޅަހެޔޮކަމުގެ ދުވަހާ ގުޅިގެން މި އަހަރު ކަނޑައަޅާފައިވާ ޝިއާރުގެ މަޤުސަދަކީ މި އާދަ ބަދަލުކޮށްލުމެވެ. "ލިވްޑް އެކްސްޕީރިއަންސަސް ހާޑް: ރިއަލް ވޮއިސަސް، ރިއަލް ޗޭންޖް" ނުވަތަ "ތަޖުރިބާކޮށްފައިވާ މީހުންގެ އަޑު އެހުން: ހަގީގީ އަޑުތަކުން ހަގީގީ ބަދަލަކަށް" މި ޝިއާރުން ބާރުއަޅަނީ ހަމައެކަނި ހޭލުންތެރިކުރުމުގެ ކެމްޕޭންތަކެއް ހިންގުމުގެ ބަދަލުގައި، ނަފްސާނީ ބަލިތައް ތަހައްމަލުކޮށްފައިވާ މީހުންގެ ތަޖުރިބާގެ އަލީގައި ނަފްސާނީ ސިއްހަތުގެ ޚިދުމަތްތަކާއި، ސިޔާސަތުތަކާއި އަދި އާންމު ރައްޔިތުންގެ ވިސްނުމަށް ހަގީގީ ބަދަލުތަކެއް ގެނައުމަށެވެ.
ނަފުސާނީ ބަލީގެ ކޮންމެ ތަފާސްހިސާބެއްގެ ފަހަތުގައި އިންސާނީ ހިތްދަތި ވާހަކައެއްވާކަން ޤަބޫލުކޮށް، އެ އަޑުތައް އަހަން ބާރު އެޅުމަކީ މި އަހަރުގެ ޝިޢާރުގެ މަޤުސަދެވެ. ހަޤީގަތަކީ ނަފްސާނީ ބަލިތަކަކީ ކޮންމެ އުމުރެއްގެ، ކޮންމެ ފަންތިއެއްގެ އަދި ކޮންމެ މުޖުތަމައެއްގެ މީހަކަށްވެސް ކުރިމަތިވެދާނެ ކަމެއް ކަމެވެ.
މާޔޫސްވުމާއި (ޑިޕްރެޝަން)، ހާސްކަން (އެންޒައިޓީ) އަދި މިނޫންވެސް ނަފުސާނީ ދަތިތަކުގެ ސަބަބުން އާއިލީ ގުޅުންތަކަށާއި، ތައުލީމަށާއި، ވަޒީފާއަށް އަދި ދިރިއުޅުމުގެ އާންމު ކަންކަމަށް ހީވެސް ނުކުރާފަދަ ގޮތްގޮތަށް ނޭދެވޭ އަސަރުތައް ކުރެއެވެ. އެހެންނަމަވެސް، މުޖުތަމައުގައި އޮންނަ ނުބައި ތަސައްވުރުތަކުގެ ސަބަބުން ނުވަތަ އެކަށީގެންވާ ފަރުވާ ނުލިބުމުގެ ސަބަބުން ގިނަ ބަޔަކު އަދިވެސް ދަނީ ހިމޭނުން ތިބެ މި ތަކުލީފުތައް އުފުލަމުންނެވެ.
ދުނިޔޭގެ ސިއްހަތު ޖަމްއިއްޔާ، ޑަބްލިއު.އެޗް.އޯގެ ތަފާސްހިސާބުތައް ދައްކާގޮތުން 2023 ވަނަ އަހަރާ ހަމައަށް ދުނިޔޭގެ އާބާދީގެ ގާތްގަނޑަކަށް 1.2 ބިލިއަން މީހުން ދަނީ، ނަފުސާނީ އެކި ބަލިތަކާ ކުރިމަތިލަމުންނެވެ. މީގެ ތެރެއިން އެންމެ ބޮޑު އިންސައްތައެއް ހިއްސާކުރަނީ، ހާސްކަމާއި މާޔޫސްވުމުގެ ބަލިތަކެވެ.
މި ހިސާބުތަކަކީ، ހަމައެކަނި އަދަދުތަކެއް ނޫނެވެ. މިއީ ހެނދުނު ހޭލައިގެން ތެދުވަން އުނދަގޫވެފައިވާ މީހުންނާއި، ކްލާސްތަކުގައި ކިޔެވުމަށް ސަމާލުކަން ދޭން މަސައްކަތްކުރާ ދަރިވަރުންނާއި، ޒިންމާތައް އަދާކުރުމުގައި ތަހައްމަލު ކުރަންޖެހޭ ބުރަ އުފުލާ މައިންބަފައިންގެ އިތުރުން ހިތްދަތި ތަޖުރިބާތަކަށްފަހު ދިރިއުޅުން އަލުން އާރާސްތުކުރަން މަސައްކަތްކުރާ ފަރުދުންގެ ހަގީގީ ހާލަތެވެ.
ކޮންމެ ބައްޔެއްގެ ފަހަތުގައިވެސް ވަނީ އެމީހެއްގެ ތަޖުރިބާތައް ދެނެގަނެ އިންސާނީ ކަރާމާތް ރައްކާތެރިކޮށް އަދި އެންމެ އެކަށީގެންވާ ވަގުތުގައި އެހީތެރިކަން ފޯރުކޮށްދީގެން އަލުން ދުޅަހެޔޮ ދިރިއުޅުމަކަށް ރުޖޫއަވާން ބޭނުންވެފައިވާ އިންސާނެކެވެ.
ނަފުސާނީ ދަތިތަކެއް ތަހައްމަލުކުރާ މީހަކަށް އެމީހެއްގެ ވާހަކަތައް އަޑުއަހާނެ މީހަކު ހުރުމަކީ، ވަރަށް ބޮޑު ބަދަލެއް އަތުވެދާނެ ކަމެކެވެ. އިތުބާރު ހުރި ރަހުމަތްތެރިއަކާ، އާއިލާގެ މެންބަރަކާ ނުވަތަ ދާއިރާގެ މާހިރަކާ ވާހަކަ ދެއްކުމަކީ އެހީތެރިކަން ހޯދުމަށް އެޅޭ އެންމެ މުހިންމު ފުރަތަމަ ފިޔަވަޅެވެ.
އެހެންނަމަވެސް، އަޑުއެހުމަކީ ހަމައެކަނި ބުނާ ބަސްތަކެއް ކަނުލާ އެހުމެއް ނޫނެވެ. އޭގެ މާނައަކީ އެމީހަކާ މެދު ގޯސް ގޮތަކަށް ނުވިސްނައި، އެމީހެއްގެ ތަޖުރިބާތަކަށް އިހުތިރާމްކޮށް އަދި ބަލިން ފަސޭހަވުމުގެ މަރުހަލާއަކީ، ކޮންމެ މީހަކަށްވެސް ތަފާތު ގޮތަކަށް ކުރިމަތިވާނެ ކަމެއްކަން ބަލައިގަތުމެވެ.
2026 ވަނަ އަހަރުގެ ޝިއާރު ގޮވާލަނީ، ނަފްސާނީ ބަލިތައް ތަހައްމަލުކޮށްފައިވާ މީހުންނަށް ފަރުވާ ދިނުމުގައި ނިންމާ ނިންމުންތަކުގައި އެމީހުންގެ ބައިވެރިވުން އިތުރު ކުރުމަށެވެ. އެމީހުންގެ ތަޖުރިބާގެ އަލީގައި، ސިއްހީ ޚިދުމަތްތަކުގައި ހުރި ހުސްތަންތަން ދެނެގަތުމަށާއި، ސަރުކާރުތަކުން މިއަށްވުރެ ހަރުދަނާ ސިޔާސަތުތައް އެކުލަވާލުމަށާއި އަދި މުޖުތަމައުގައި ހުރި ނުބައި ތަސައްވުރުތައް ނައްތާލުމަށް މަގުފަހިވެގެންދާނެއެވެ.
ހުރިހާ އުމުރުފުރާއެއްގެ މީހުންނަށްވެސް ލަދުގަތުމެއް ނުވަތަ ތަފާތު ކުރުމެއް ކުރިމަތިވެދާނެ ކަމުގެ ބިރެއްނެތި، އެމީހުންގެ އިހުސާސްތަކާ ބެހޭގޮތުން ވާހަކަ ދެއްކޭނެ ރައްކާތެރި މާހައުލެއް ބޭނުންވެއެވެ. ނަފްސާނީ ދަތިތައް ދެނެގަނެ، ހުޅުވާލެވިފައިވާ މާހައުލެއްގައި ވާހަކަ ދެއްކުމަށް ހިތްވަރުދީ، އެހީތެރިކަން ހޯދައިދިނުމުގައި ސްކޫލުތަކާއި، އާއިލާތަކާއި އަދި ވަޒީފާ އަދާކުރާ ތަންތަނުގެ ދައުރު ބޮޑެވެ.
އެންމެ މުހިންމު ކަމަކީ ނަފުސާނީ ދުޅަހެޔޮކަމުގެ ވާހަކަތަކަކީ، ހަމައެކަނި ހޭލުންތެރިކުރުމުގެ ދުވަހަކަށް ޚާއްސަ ކަމަކަށް ނުހެދުމެވެ. ހަގީގީ ބަދަލެއް ގެނެވޭނީ، މުޅި އަހަރު ދުވަހު މެދުކެނޑުމެއްނެތި މި މަސައްކަތް ކޮށްގެންނެވެ.