ފޯވަޑް ކީލިއަން އެމްބާޕޭ ކޯޗު ހޯސޭ މޮރީނިއޯގެ އިރުޝާދުތަކަކަށް ބޯނުލަނބާ ކަމަށް ސަޕޯޓަރުން ދެކުނު ނަމަވެސް ކޯޗު އެކަމާ ދިފާއު ކޮށްފި އެވެ.
ރެއާލްގެ ސަޕޯޓަރުން ނުރުހުނީ ފްރާންސްގެ ގައުމީ ޓީމަށް ކުޅެނިކޮށް ހާނިއްކަވި ކުޅުންތެރިޔާ ފަރުވާގެ މަރުހަލާގައި ސްވިޒަލޭންޑަށް ދިއުމުންނެވެ. ސެޕްޓެމްބަރު މަހުގެ 25ގައި ތުރުކިޔޭއާ ދެކޮޅަށް ކުޅެނިކޮށް ކަކުލަށް ތަދުވުމުން އެމްބާޕޭ ފަރުވާ ހޯދުމުގައި ހޭދަކުރީ ފްރާންސާއި ސްވިޒަލޭންޑްގަ އެވެ. ހިޔާލު ތަފާތުވުން އުފެދުނީ ފްރާންސްގެ ނައިޓް ކުލަބަކަށް އެމްބާޕޭ ވަންނަ މަންޒަރު ފެނުމުންނާއި ސްވިޒަލޭންޑްގައި ބައިސްކަލެއް ދުއްވާ މަންޒަރު ފެނުމުންނެވެ.
މިއީ މޮރީނިއޯގެ އެންގުމާ ހިލާފު އަމަލެކެވެ. އެއީ އޭނާ ވަނީ ކުޅުންތެރިން ޗުއްޓީ ދުވަސް ދުވަހު ބައިސްކަލް ދުއްވުމާއި ސްކީ ކުރުން ފަދަ ކަންކަން ނުކުރަން އިރުޝާދު ދީފަ އެވެ. ރެއާލްގެ ސަޕޯޓަރުން ދެކެނީ މިއީ މޮރީނިއޯގެ އިރުޝާދުތަކަށް ގަސްތުގައި ގޮންޖަހަން އެމްބާޕޭ ކުރި ކަމެއް ކަމަށެވެ.
ނަމަވެސް ހުސްވި ދެ ސީޒަނާއި މި ސީޒަނުގައި ވެސް ރެއާލް އަށް އެންމެ ގިނަ ގޯލު ޖަހައިދީފައިވާ ފޯވަޑްގެ އަމަލުތައް މޮރީނިއޯ ދިފާއު ކުރި އެވެ.
އޭނާ ބުނީ މެޑްރިޑްގައި ހުރުމަށްވުރެ ބޮޑަށް އެމްބާޕޭ ފްރާންސަށް ދިޔައީ ކަކުލަށް އަނިޔާވުމުގެ ތާރީހެއް އޭނާގެ އޮތުމުން ހާއްސަ ޑޮކްޓަރުންތަކެއްގެ ލަފާ ހޯދުމަށް ކަމަށެވެ. އަދި ސްވިޒަލޭންޑްގައި އޭނާ ހުރި ހޮޓަލުގައި ބައިސްކަލް ދުއްވުމަކީ އާއްމުކޮށް މީހުން ކުރާ ކަމެއް ކަމަށާއި އާއްމު ތަނެއްގައި އެފަދަ ކަމެއް ކުރުމަކީ މައްސަލައެއް ނޫން ކަމަށެވެ.
"އެއީ މުޅިން ގޯސް ވާހަކައެއް. އަހަރެންނާއި އެމްބާޕޭއާ އެއްވެސް މައްސަލައެއް ނެތް. އޭނާ ދަނީ ވަރަށް ބަރާބަރަށް ފަރުވާގެ ކަންކަން ކުރަމުން. އަހަރެންނާ އޭނާ ބަރާބަރަށް މުއާލަމާތް ކުރޭ. އެގޮތަށް ވާހަކަ އެ ދައްކަނީ ކޮންމެވެސް ކަމެއް ހޯދައިގެން ކަމެއް ގޯސް ކުރެވޭތޯ ބަލަން ވެގެން،" މޮރީނިއޯ ބުންޏެވެ.
ވާދަވެރި ބާސެލޯނާ ހަ ޕޮއިންޓްގެ ފަރަގެއްގައި އޮތުމުން ރެއާލް މެޑްރިޑަށް ކްލެސިކޯގެ ކުރިން މި ފަހަރު ކުޑަ ކުރަން ވަނީ ޖެހިފަ އެވެ. މި ދެ ޓީމު ކުޅޭ ކްލެސިކޯ މެޗު އޮންނާނީ އަންނަ ހަފުތާގަ އެވެ.