ޚަބަރު

ޔަމަނުގެ ތަޢިޒް އަނެއްކާވެސް ބަންދުކޮށްފި


  • 3 މިލިޔަނަށްވުރެ ގިނަ މީހުން ވަނީ ހާލުގައިޖެހިފައި

  • 20 ލީޓަރުގެ ޕެޓްރޯލް ފުޅިއެއްގެ އަގު ވަނީ 19 ޑޮލަރުން 58 ޑޮލަރަށް އުފުލިފައި

ޙޫޘީ ހަނގުރާމަވެރިން ޔަމަންގެ ތަޢިޒް ސިޓީއާ ގުޅިފައިވާ މައި މަގުތައް ބަންދުކޮށް، އެ ސިޓީ އަނެއްކާވެސް ޙިޞާރުކުރުމާ ގުޅިގެން، ކާބޯތަކެއްޗާއި ތެލުގެ އަގުތައް އިންތިހާއަށް އުފުލި، އެތައް މިލިއަން އާންމުންނަކަށް އިންސާނީ ބޮޑު ކާރިސާއަކާ ކުރިމަތިލާން ޖެހިއްޖެއެވެ.

ޔަމަންގެ ދެކުނު-ހުޅަނގުގައިވާ އާބާދީ ބޮޑު ތަޢިޒް ސިޓީގެ ދެކުނު ސަރަޙައްދުތަކަށް ޙޫޘީން އަތްގަދަކޮށް، ސަރުކާރުގެ ބާރުގެ ދަށުގައިވާ ސަރަޙައްދުތަކާ ގުޅުވައިދޭ މައި މަގުތައް ބަންދުކުރުމާ އެކު، އެ ސިޓީ އަނެއްކާވެސް ފުރިހަމަ ޙިޞާރެއްގެ ދަށަށް ގެންގޮސްފިއެވެ. ދުނިޔޭގެ ކަނޑުދަތުރުފަތުރާއި ވިޔަފާރީގެ 12 އިންސައްތަ ހިއްސާކުރާ ބާބުލްމަންދަބު ކަނޑުއޮޅިއާ ގުޅިފައިވާ އަލްމުޚާ ބަނދަރާއި، ރަތްކަނޑުގެ އައްސޭރިފަށުގެ އަވަށްތައް ސެޕްޓެމްބަރު މަހުގެ ކުރީކޮޅު ޙޫޘީންގެ ކޮންޓްރޯލްގެ ދަށަށް ގެންދިއުމަށްފަހު، އެ ޖަމާޢަތުން ވަނީ މި މަހުގެ 4 ވަނަ ދުވަހު ތަޢިޒަށް ވަދެނިކުމެވޭ އެންމެ ފަހު މައި މަގު ކަމުގައިވާ "އަލްތުރްބާ" މަގުވެސް ބަންދުކޮށްފައެވެ. މި ހާދިސާއާ ގުޅިގެން، 2015 އިން 2016 އަށް އެ ސިޓީގެ ރައްޔިތުން ތަޙައްމަލުކުރި ބިރުވެރި އަދި ދަތި ޙިޞާރުގެ ހިތި ހަނދާންތައް ވަނީ އަލުން އާވެފައެވެ.

މި ޙިޞާރުގެ ސަބަބުން ސިޓީގެ އެތެރޭގައި ތެލުގެ ދަތިކަން އިންތިހާއަށް ބޮޑުވެ، ކަޅު ބާޒާރުގައި 20 ލީޓަރުގެ ޕެޓްރޯލް ފުޅުއެއްގެ އަގު ވަނީ 19 ޑޮލަރުން 58 ޑޮލަރުން އަށް އުފުލިފައެވެ. މީގެއިތުރުން، ކާބޯތަކެތި ހުސްވެދާނެކަމުގެ ބިރު އޮތުމުން އާންމު ރައްޔިތުން ދަނީ ގިނަ އަދަދަކަށް ތަކެތި ގަނެ ރައްކާކުރަމުންނެވެ. އިޤްތިޞާދީ މާހިރުން ފާހަގަކުރާ ގޮތުގައި، އެކަށީގެންވާ މިންވަރަށް ސިޓީގައި ކާބޯތަކެތީގެ ރިޒާވް ހުރި ނަމަވެސް، ބައެއް ވިޔަފާރިވެރިން މުދާ ފޮރުވައި، ގޮދަނާއި ފުށުގެ އަގުތައް ވަނީ ނުއަގުގައި އުފުލާފައެވެ.

ތަޢިޒްގެ ރޭވުންތެރިކަމާއި ތަރައްޤީ އާއި ބެހޭ އޮފީހުގެ ޑިރެކްޓަރ ޖެނެރަލް ނަބީލް ޖަމީލް ވިދާޅުވީ، މިފަހަރުގެ ޙިޞާރުގެ ސަބަބުން ކުރިމަތިވާނެ ގެއްލުން 2015 ވަނަ އަހަރަށްވުރެ އެތައް ގުނައެއް ބޮޑުވާނެ ކަމަށެވެ. އެގޮތުން ސަރުކާރުގެ ބާރުގެ ދަށުގައިވާ ސަރަޙައްދުތަކުގައި ދިރިއުޅޭ 2.8 މިލިއަން މީހުންނާއި، އަލަށް ގެދޮރުގެއްލިގެން އައި 200،000 އެއްހާ މީހުން ހިމެނޭހެން، ޖުމްލަ 3 މިލިއަނަށްވުރެ ގިނަ އާންމުން މިހާރު ވަނީ އިންސާނީ ބޮޑު ކާރިސާއެއްގެ ތެރެއަށް ވެއްޓިފައެވެ. ސިޓީގެ ކައުންސިލުން ވަނީ ރައްކާތެރި މަގުތައް ހުޅުވައި، ޒަރޫރީ ބޭހާއި ކާބޯތަކެތި އެތެރެކުރެވޭނެ އިންތިޒާމު ހަމަޖައްސައިދިނުމަށް އެދި އދ. އަށް ރަސްމީކޮށް ސިޓީއެއް ފޮނުވާފައެވެ.

މަސްރަޙު ދިރާސާކުރާ ފަރާތްތަކުން ސިފަކުރާ ގޮތުގައި، ޙޫޘީންގެ މި ޢަމަލަކީ އެ ޖަމާޢަތަށް ތާއީދުނުކުރާ ތަޢިޒްގެ އާންމު ރައްޔިތުންގެ ކިބައިން ބަދަލުހިފުމުގެ ގޮތުން ހިންގާ ޖަރީމާއެކެވެ. އިންސާނީ ޙައްޤުތަކަށް މަސައްކަތްކުރާ ޖަމާޢަތްތަކުން ވަނީ، ސިޔާސީ އަދި އަސްކަރީ ކޯޅުންތަކުގެ ތެރެއަށް އާންމުން ނުވެއްދުމަށާއި، ޚާއްޞަކޮށް ކުޑަކުދިންނާއި، ދޮށީ އުމުރުގެ މީހުން އަދި ބަލިމީހުންނަށް ބޭނުންވާ ޞިއްޙީ ފަރުވާއާއި އެހީތެރިކަން ހޯދުމަށް ހުރަސްނޭޅުމަށް ގޮވާލާފައެވެ.