ޚަބަރު

ވާދަވެރިކަން ބޮޑުވި ވިކްޓްރީ މާޒިޔާ މެޗު އެއްވަރު


  • މެޗު އެއްވަރުވީ 2-2 އިން

  • 3 މެޗުން މާޒިޔާއަށް ލިބެނީ 4 ޕޮއިންޓު

  • 7 ޕޮއިންޓާއެކު ވިކްޓްރީ 1 ވަނައިގައި

ދިރާގު ދިވެހި ޕްރިމިއަރ ލީގުގައި ވިކްޓްރީ ސްޕޯޓްސް ކުލަބާއި މާޒިޔާ ސްޕޯޓްސް އެންޑް ރެކްރިއޭޝަންގެ ވާދަވެރިކަން ބޮޑުވި ކުރިމަތިލުން އެއްވަރުވެގެން ނިމިއްޖެއެވެ.

ގަލޮޅު ރަސްމީ ފުޓުބޯޅަ ދަނޑުގައި ކުޅުނު މި މެޗު އެއްވަރުވީ 2-2 ގެ ނަތީޖާއަކުންނެވެ.

މި މެޗުގައި ފުރަތަމަ ލަނޑުޖަހައި ލީޑުނެގީ ވިކްޓްރީންނެވެ. ފުރަތަމަ ހާފުގެ 28 ވަނަ މިނެޓުގައި ކޯނަރަކުން ތަނަވަސްވި ފުރުސަތެއްގައި މިލަނޑު އެޓީމަށް ކާމިޔާބުކޮށްދިނީ ބިދޭސީ ޑިފެންޑަރު ފުރްގަތޯން ހަސަންބޮއޭވް އެވެ.

މެޗުގެ ފުރަތަމަ ހާފު ނިމުނީ 1-0 އިން ވިކްޓްރީ ކުރީގައި އޮވެގެންނެވެ.

ދެވަނަ ހާފު ފަށައިގެން މާޒިޔާއިން ވަރަށް ބޮޑަށް ކުޅުން ރަނގަޅުކޮށް ކުރިއަށް ޖެހިގެން ކުޅުނުއިރު މި ހާފުގެ 11 ވަނަ މިނެޓުގައި ޒުވާން ތަރި ލޫތު އިބްރާޙީމް ވަނީ މާޒިޔާއަށް ނަތީޖާ ހަމަހަމަކޮށްދީފައެވެ.

މެޗުގައި މާޒިޔާއިން ފުރަތަމަ ފަހަރަށް ލީޑުނެގީ 82 ވަނަ މިނެޓުގައެވެ. މިލަނޑު އެޓީމަށް ކާމިޔާބުކޮށްދިނީ ފާއިތުވީ ސީޒަނުގެ ރާއްޖޭގެ އެންމެ މޮޅު ފުޓުބޯޅަ ކުޅުންތެރިޔާގެ މަގާމު ހޯދި އަޙްމަދު އައިހަމް އެވެ.

މާޒިޔާއިން ލީޑުގައި އޮވެ މެޗު ނިންމާލުމުގެ އުއްމީދުގައި ކުޅެމުން ދަނިކޮށް، މެޗުގައި ވިކްޓްރީއަށް ނަތީޖާ ހަމަހަމަކޮށްދީ، ޕޮއިންޓެއް ހޯދައިދިން ލަނޑު 86 ވަނަ މިނެޓުގައި ކާމިޔާބުކޮށްދިނީ ބިދޭސީ ފޯވާޑް އަލްހާޖީ ޖެރޯއެވެ.

މި ނަތީޖާއާއިއެކު ޕޮއިންޓު ތާވަލުގައި ވިކްޓްރީ އަދިވެސް އޮތީ އެއްވަނައިގައެވެ. ކުޅުނު ތިން މެޗުން ވިކްޓްރީއަށް 7 ޕޮއިންޓު ލިބިފައިވާއިރު ދެވަނައިގައި އޮތް ނިއުރޭޑިއަންޓަށް ވެސް ތިން މެޗުން ހަތް ޕޮއިންޓު ލިބިފައިވެއެވެ. ވިކްޓްރީ އަތުން ހޯދި ޕޮއިންޓާއެކު މާޒިޔާއަށް ތިން މެޗުން ޖުމްލަ 4 ޕޮއިންޓު ލިބިފައިވާއިރު ތާވަލުގައި ލިބެނީ ހަވަނައެވެ.