ޚަބަރު

ޔުވެންޓަސް އާއި މިލާންގެ މެޗުވެސް އެއްވަރު


  • ޔުވެންޓަސް އާއި މިލާންގެ މެޗުވެސް ނިމުނީ އެއް ލަނޑު އެއް ލަނޑުން އެއްވަރު ވެގެން

އިޓާލިއަން ސެރީއާގައި މިހަފްތާގައި ޔުވެންޓަސް އާއި އޭސީ މިލާން ބައްދަލުކުރި މެޗުވެސް އެއްވަރު ވެއްޖެއެވެ.

ޔުވެންޓަސް އާއި ކަގްލިއާރީ ރޭ ކުޅުނު މެޗު އެއްވަރު އެއްވަރުވެފައިވަނީ އެއް ލަނޑު އެއް ލަނޑުންނެވެ. ދެޓީމުގެ ފަރާތުން ވާދަވެރި ކުޅުމެއް ފެނިގެންދިޔަ މިމެޗުގައި ގިނައިރު ބޯޅަ ގެންގުޅެ ގިނަ ހަމަލާ އުފައްދާފައިވަނީ ޔޫވޭއިންނެވެ. މިގޮތުން އެޓީމުންވަނީ މުޅި މެޗުގައި 22 ހަމަލާ އުފައްދާ އޭގެ ތެރެއިން 10 ހަމަލާ ގޯލަށްއަމާޒުކޮށް ފޮނުވާލައިފައެވެ. އަދި މިމެޗު ޔޫވޭއިން ފަށާފައިވަނީ ވަރަށް ފޯރީގައެވެ. މިގޮތުން ޕަޕޭ މެޓަ ސާ އާއި ފްރެންސިސްކޯ ކޮންސެއިސާއޯ ނުރައްކާތެރި ދެ ހަމަލާ މެޗުގެ ކުރީކޮޅު ފޮނުވާލިތަން ފެނިގެންދިޔައެވެ. ނަމަވެސް މިއާއެކުވެސް މިމެޗުގެ ފުރަތަމަ ލަނޑު ފެނިގެންދިޔައީ ކަގްލިއާރީގެ ފަރާތުންނެވެ. މިގޮތުން މިމެޗުގެ 20 ވަނަ މިނެޓުގައި ކަގްލިއާރީއިންވަނީ މިމެޗުގައި އެޓީމުން ކާމިޔާބު ކުރި ހަމައެކަނި ލަނޑު ޖަހާ މެޗުގެ ލީޑު ނަގައިފައެވެ. މިލަނޑު އެޓީމަށް ކާމިޔާބު ކޮށްދިނީ ޑެނިއެލް މަލްޑީނީއެވެ. މިއީ އޭނާ ޖެހިޖެހިގެން ކަގްލިއާރީއަށް ލަނޑު ޖަހައިދިން 4 ވަނަ މެޗެވެ.

މިމެޗުގައި ޔޫވޭއިން ގިނަ ހަމަލާތަކެއް އުފައްދަމުންދިޔަ ނަމަވެސް ކަގްލިއާރީގެ ޑިފެންސް ފޫއަޅުވާލުމުގައި އެޓީމަށް މާބޮޑު ކުރި އެރުންތަކެއް ނުލިބި ގިނައިރު ވާން ފެށުމުން ރަށުން ބޭރުގައި ޖެހިޖެހިގެން ދެވަނަ މެޗުން ބަލިވެދާނެ ކަމަށް ބެލެވެން ފެށިއެވެ. މިމެޗުގެ ދެވަނަ ހާފުގައި ޔޫވޭއިން އެޓީމުގެ ކުޅުން ރަނގަޅު ކުރި ނަމަވެސް މިހާފްގެވެސް ބޮޑުބައި ދިޔައީ އެޓީމަށް ލަނޑެއް ކާމިޔާބު ނުކުރެވިއެވެ.

މިމެޗުގައި ޔޫވޭއަށް މެޗުގެ ނަތީޖާ ހަމަހަމަ ކޮށްދިނީ މެޗުގެ 81 ވަނަ މިނެޓުގައި ރަންޑަލް ކޯލޯ މުއާނީ ކާމިޔާބު ކޮށްދިން ލަނޑުންނެވެ. މިމެޗު އެއްވަރު ވުމުން ޔުވެންޓަސް އުޅެނީ ކުޅުނު 6 މެޗުން ލިބިފައިވާ 11 ޕޮއިންޓާއެކު ތާވަލްގެ 6 ވަނައިގައެވެ. އަދި ކަގްލިއާރީ އުޅެނީ 13 ޕޮއިންޓާއެކު ތާވަލްގެ 4 ވަނައިގައެވެ.

މިމުބާރާތުގައި މިލާން އާއި ސަސުއޮލޯ ބައްދަލުކުރި މެޗުވެސް ނިމުނީ އެއް ލަނޑު އެއް ލަނޑުން ދެޓީމު އެއްވަރު ވެގެންނެވެ. މިމެޗުގައި ގިނައިރު މިލާން އިން ބޯޅަ ގެންގުޅުނު ނަމަވެސް ހަމަލާ އުފެއްދިފައިވަނީ ދެ ޓީމަށްވެސް ވަރަށް ހަމަހަމަ ކޮށެވެ. މިމެޗުގެ ފުރަތަމަ ހާފްގައި ދެޓީމުން ކުރެ އެއްވެސް ޓީމަކަށް ލަނޑެއް ކާމިޔާބު ކުރެވޭގޮތެއް ނުވިއެވެ. މިމެޗުގެ ފުރަތަމަ ލަނޑު ޖަހާ މެޗުގެ ލީޑު ނަގާފައިވަނީ މިލާން އިންނެވެ. މެޗުގެ 63 ވަނަ މިނެޓްގައި މިލާންއަށް މިލަނޑު ކާމިޔާބު ކޮށްދިނީ ލޫކާ މޮޑްރިޗް ތަނަވަސް ކޮށްދިން ފުރުސަތެއްގައި އެޑްރިއަން ރެބިއޯއެވެ. ނަމަވެސް މިލާންއަށް މިލީޑު ދެމެހެއްޓޭވަރުވީ 5 މިނެޓް ވަންދެނެވެ. ސަސުއޮލޯއަށް މެޗުގެ ނަތީޖާ ހަމަހަމަ ކޮށްދިނީ ކާސް އޮޑެންތާލްއެވެ. މިމެޗުން މޮޅުވެވޭތޯ ދެޓީމުން މަަސައްކަތް ކުރި ނަމަވެސް ދެ ޓީމުން ކުރެ އެއްވެސް ޓީމަކަށް އިތުރު ލަނޑެއް ޖެހޭގޮތެއް ނުވިއެވެ.

މިމެޗު އެއްވަރު ވުމުން މިލާން މިހާރު އުޅެނީ 6 މެޗުން ލިބިފައިވާ 12 ޕޮއިންޓާއެކު ތާވަލްގެ 5 ވަނައިގައެވެ. އަދި ސަސުއޮލޯ އުޅެނީ 8 ޕޮއިންޓާއެކު ތާވަލްގެ 10 ވަނައިގައެވެ.

މިމުބާރާތުގައި ރޭ ކުޅުނު އެހެން މެޗުތަކަށް ބަލާލާއިރު ތާވަލްގެ 3 ވަނައިގާ އުޅޭ އޭއެސް ރޯމާ އާއި 7 ވަނައިގާ އުޅޭ ކޯމޯ ބައްދަލުކުރި މެޗު ނިމުނީ ދެ ޓީމުން ކުރެ އެއްވެސް ޓީމަކަށް ލަނޑެއް ކާމިޔާބު ނުކުރެވި އެއްވަރު ވެގެންނެވެ. މިމެޗުގެ 53 ވަނަ މިނެޓުގައި ރޯމާގެ ފޯވަޑް ޑޮންޔެލް މާލެންއަށް ރަތް ކާޑު ދެއްކުމާއި ގުޅިގެން ދެވަނަ ހާފްގެ ބޮޑުބައި އެޓީމުން ކުޅެފައިވަނީ އެއް ކުޅުންތެރިއެއް މަދުކޮށެވެ. މީގެއިތުރުން ތާވަލްގެ ދެވަނައިގާ އުޅޭ ލާޒިއޯ އާއި މޮންޒާ ބައްދަލުކުރި މެޗު 3 ލަނޑު އެއް ލަނޑުން ކާމިޔާބު ކޮށްފައިވަނީ ލާޒިއޯއެވެ.