ޚިޔާނާތުގެ މައްސަލައެއްގައި ވެލިކަޑަ ޖަލުގައި ބަންދުކޮށްފައި ހުންނެވި ސްރީ ލަންކާގެ ކުރީގެ ފަސްޓް ލޭޑީ ޝިރާންތީ ރާޖަޕަކްސަގެ ސިއްޙީ ހާލުކޮޅު ދެރަވެ، ކޮޅުނބުގެ ނޭޝަނަލް ހޮސްޕިޓަލުގައި އެޑްމިޓުކޮށްގެން ފަރުވާދޭން ފަށައިފިއެވެ.
މި ހިނގާ އޮކްޓޫބަރު މަހުގެ 9 ވަނަ ދުވަހު ވެސް ޚާއްސަ ޑޮކްޓަރީ ފަރުވާއަކަށް ޝިރާންތީ ވަނީ ނޭޝަނަލް އައި ހޮސްޕިޓަލަށް ގެންގޮސްފައެވެ. އެ ފަހަރު ފަރުވާއަށްފަހު އޭނާ އަނބުރާ ޖަލަށް ގެންދެވުނު ނަމަވެސް، ލޮލުގެ މައްސަލައަކާ ގުޅިގެން ސްޕެޝަލިސްޓް ޑޮކްޓަރަކަށް ދެއްކުމަށް ނިންމާފައިވަނީ އޮކްޓޫބަރު 8 ގައެވެ.
ސްރީ ލަންކާގެ ކުރީގެ ރައީސް މަހިންދަ ރާޖަޕަކްސަގެ އަނބިކަނބަލުން ޝިރާންތީ ހައްޔަރުކޮށްފައިވަނީ އޮކްޓޫބަރު 7 ވަނަ ދުވަހުއެވެ. އޭނާ ހައްޔަރުކުރީ އޭނާގެ އަމިއްލަ ގެކޮޅުން، ލަންކާގެ ޚިޔާނާތުގެ މައްސަލަތައް ތަޙުޤީޤުކުރާ (ސީއައިއޭބީއޯސީ) ގެ އޮފިސަރުންނެވެ.
އެ ކޮމިޝަނުން ހާމަކުރި ގޮތުގައި، ޝިރާންތީ ހައްޔަރުކުރީ 'ސިރިލިޔާ ސަވިޔާ' ފަންޑާ ގުޅުންހުރި އެކައުންޓަކުން ހިންގާފައިވާ ކަމަށް ތުހުމަތުކުރެވޭ މާލީ ޚިޔާނާތްތަކާ ގުޅޭގޮތުން، ގާތްގަނޑަކަށް ދެ ގަޑިއިރު ވަންދެން ސުވާލުކޮށް ބަޔާން ނެގުމަށްފަހުގައެވެ. އެއީ ސަރުކާރުގެ ހަސްފަތާލަކަށް ސްކޭން މެޝިނެއް ގަތުމަށް ހަދިޔާކޮށްފައިވާ ފައިސާ ނަހަމަގޮތުގައި ބޭނުންކުރެއްވި ކަމުގެ ތުހުމަތުގައެވެ.
މި މައްސަލައާ ގުޅިގެން، ފައިނޭންޝަލް ކްރައިމްސް އިންވެސްޓިގޭޝަން ޑިވިޜަން (އެފްސީއައިޑީ) އިން އޭނާ ހައްޔަރުކޮށްފާނެ ކަމަށް ބަލައި، އިސްވެ ކަފާލާތުގެ ދަށުން ދޫކޮށްލަން ހުށަހެޅި ނަމަވެސް، މެޖިސްޓްރޭޓް ކޯޓުން ވަނީ އެ ހުށަހެޅުން ބޭރުކޮށްލައިފައެވެ.
ޝިރާންތީ ހައްޔަރުކުރުމަށްފަހު ކޯޓަށް ހާޒިރުކުރުމުން، ކޮޅުނބުގެ މެޖިސްޓްރޭޓް ކޯޓުން ވަނީ އޮކްޓޫބަރު 13 ވަނަ ދުވަހުގެ ނިޔަލަށް އޭނާ ރިމާންޑް ބަންދުގައި ބެހެއްޓުމަށް އަމުރުކޮށްފައެވެ. މީގެ އިތުރުން، އަމިއްލަ ހޮސްޕިޓަލަކުން އޭނާއަށް ބޭނުންވާ ސިއްޙީ ފަރުވާ ލިބޭނެ އިންތިޒާމު ހަމަޖެއްސުމަށް ކޯޓުން ވަނީ ޖަލުގެ އިދާރާތަކަށް އަމުރުކޮށްފައެވެ.
ޝިރާންތީގެ ދޮށީ ދަރިކަލުން، ސްރީލަންކާގެ ޤާނޫނުހަދާ މަޖިލީހުގެ މެންބަރެއް ކަމަށްވާ ނަމާލް ރާޖަޕަކްސައާ ދެކޮޅަށް ބަލަމުންދާ މައްސަލައިގައި މިދިޔަ ސެޕްޓެމްބަރު މަހުގެ ތެރޭގައި އޭނާ ވެސް ވަނީ ހައްޔަރުކޮށްފައެވެ. މި މައްސަލައަކީ ސްރީލަންކަން އެއަރލައިންސަށް މަތިންދާބޯޓު ހޯދުމަށް ވިލާތުގެ އެއަރބަސް ކުންފުންޏާއެކު ހިންގި ބޮޑު މުޢާމަލާތުގެ ތެރެއިން، ލަންކާ ސަރުކާރުގެ އިސް މަސްއޫލުވެރިންނަށާއި ސިޔާސީ ބޭފުޅުންނަށް ބޮޑެތި ޢަދަދުތަކުން ރިޝްވަތު ދީފައިވާ ކަމަށް ތުހުމަތުކުރެވޭ މައްސަލައެކެވެ.
ސިއްޙީ ފަރުވާއަށް ޝިރާންތީ ހަސްފަތާލުގައި އެޑްމިޓުކޮށްފައިވާއިރު، ފިރިކަލުން އަދި ކުރީގެ ރައީސް މަހިންދަ ރާޖަޕަކްސަ ވެސް އިއްޔެ ވަނީ އެޑްމިޓުކޮށްފައެވެ.
ރާޖަޕަކްސަގެ ސިޔާސީ ޕާޓީ، ސްރީ ލަންކާ ޕޮޑުޖަނަ ޕެރަމުނަ (އެސްއެލްޕީޕީ)އިން ބުނީ އޭނާ ހަސްފަތާލަށް ގެންގޮސްފައި ވަނީ 12 އޮކްޓޯބަރުގެ ހެނދުނުގެ ވަގުތެއްގައި ކަމަށެވެ. މި ވަގުތު އޭނާ އޮންނެވީ އައިސީޔޫގައި އޮބްޒަވޭޝަންގައި ކަމަށް ވެސް އެ ޕާޓީއިން ބުނެފައިވެއެވެ.