ޚަބަރު

މައުރަޒުގައި ޗައިނާ، އިންޑިއާ އަދި ޔޫއޭއީގެ ވިޔަފާރިތަކުން ބައިވެރިވާނެ


  • މިއަހަރުގެ މައުޒަރުގައި 7 ޑިސްޓްރިކްޓް ހިމެނޭނެ

  • މައުރަޒުގައި މުޅިން އަލަށް އިންޓަރނޭޝަނަލް ޑިސްޓްރިކްޓެއް ވަނީ ޤާއިމުކޮށްފައި

މިއަހަރުގެ އުފެއްދުންތެރިކަމުގެ މައުރަޒުގައި ޗައިނާ، އިންޑިއާ އަދި ޔޫއޭއީގެ ވިޔަފާރިތަކުން ބައިވެރިވާނެ ކަމަށް އިޤްތިޞާދީ ތަރައްޤީއާއި ދަތުރުފަތުރާއި ވިޔަފާރިއާބެހޭ ވަޒީރު މުޙައްމަދު ސަޢީދު ވިދާޅުވެއްޖެއެވެ.

މިއަހަރުގެ މައުރަޒުގައި އިތުރު 2 ޑިސްޓްރިކްޓެއް ހިމެނޭގޮތަށް 7 ޑިސްޓްރިކްޓެއް ފެނިގެންދާނެއެވެ. މީގެ ތެރޭގައި އަލަށް އިތުރުކުރި ވިޒިޓަރ އިކޮނޮމީ ޑިސްޓްރިކްޓާއި، އިންޓަނޭޝަނަލް ޑިސްޓްރިކްޓް ހިމެނެއެވެ.

އުފެއްދުންތެރިކަމުގެ މައުރަޒު 2026އަކީ ބިޒްނަސް ސެންޓަރ ކޯޕަރޭޝަން، ބީސީސީ އަދި އިޤްތިޞާދީ ވުޒާރާ ގުޅިގެން ކުރިއަށްގެންދާ މައުރަޒެކެވެ. މިމައުރަޒު ބޭއްވުމަށް ހަމަޖެހިފައިވަނީ މިމަހުގެ 25އިން އަންނަ މަހުގެ 2ވަނަ ދުވަހާ ހަމައަށެވެ.

ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަފުޅު ދައްކަވަމުން ވިޔަފާރިއާބެހޭ ވަޒީރު މުޙައްމަދު ސަޢީދު ވިދާޅުވީ، އިންޓަރނޭޝަނަލް ޑިސްޓްރިކްޓުގައި ޗައިނާގެ 15 ވިޔަފާރިއެއް ބައިވެރިވާކަމަށާއި، ދިވެހި ވިޔަފާރިވެރިންނާ ގުޅުން ހުރި މައުލޫމާތުތައް ފޯރުކޮށްދޭނެކަމަށެވެ.

"ޗައިނާގެ ވިޔަފާރިތަކުން އިންޓްރޮޑިއުސްކޮށްދޭނެ ދިވެހި ރާއްޖޭގެ އިކޮނޮމީއަށް ކުދި ވިޔަފާރިތަކަށް ވެލިއު އެޑްކުރެވޭނެ ބައެއް ކަހަލަ ޓޫލްސް އެންޑު ޓެކްނޮލޮޖީ، އެންމެ ޒަމާނީ އެއްޗެހި ޑިސްޕްލޭ ކުރޭނެ ކަމަށް ބެލެވޭ، އޭގެ އިތުރަށް އިންޑިއާގެ 15 ފަރާތަކުން އެބަ ބައިވެރިވޭ އަދި ޔޫއޭއީގެ ބައެއް ފަރާތްތައްވެސް ބައިވެރިކުރުމަށް މަސައްކަތް ކުރަމުންމިދަނީ." ވަޒީރު ސަޢީދު ވިދާޅުވިއެވެ.

އުފެއްދުންތެރިކަމުގެ މައުރަޒު މިދިޔަ އަހަރު ބާއްވާފައިވަނީ 280 ބައިވެރިންނާއެކުއެވެ. މިއަހަރުގެ މައުރަޒު ބޮޑު ތަރުހީބެއް ލިބިފައިވާއިރު، ބައިވެރިންގެ އަދަދުވަނީ 780 އަށް ވަނީ އިތުރުވެފައެވެ. އަދި ބައިވެރިކޮށްފައިވާ ތަކެތީގެ އަދަދުވަނީ 100 އިންސައްތަ އިތުރުވެފައިކަން ވަޒީރު ސައީދު ވިދާޅުވިއެވެ.

ވަޒީރު ސައީދު ވިދާޅުވީ މިއަހަރުގެ މައުރަޒުގައި ތަފާތު އަދި ފާހަގަކޮށްލެވޭ އެތައް ކަމެއް ހިމެނޭނެ ކަމަށެވެ. އަދި އެންމެ ފާހަގަކޮށްލެވޭނެ ކަމަކަށް ކްރިއޭޓިވް އިކޮނޮމީއާ ގުޅުންހުރި ކަންތައްތައް ހިމެނޭނެކަމަށް ވަޒީރު ސައީދު ވިދާޅުވިއެވެ.