ޔަމަނުގައި ހިނގަމުންދާ ދާޚިލީ ހަނގުރާމަ އަލުން ވަރުގަދަވުމާ ގުޅިގެން، ކޮލެރާ ޖެހިފައިވާ ކަމަށް ޝައްކުކުރެވޭ މީހުންގެ ޢަދަދު ވޭތުވެދިޔަ ތިން ހަފުތާގެ ތެރޭގައި ތިންގުނައަށް އިތުރުވެފައިވާ ކަމަށް ދުނިޔޭގެ ޞިއްޙަތު ޖަމްޢިއްޔާ (ޑަބްލިއުއެޗްއޯ) އިން ބުނެފިއެވެ.
މި ބަލި ހަލުއިކަމާއެކު ފެތުރެން ފަށާފައިވަނީ، ހަނގުރާމައިގެ ސަބަބުން ރައްކާތެރިކަން ހޯދުމަށް ދެ ލައްކައަށް ވުރެ ގިނަ އާންމުން ގެދޮރު ދޫކޮށް، ސާފުތާހިރުކަން ކުޑަ ވަގުތީ ހިޔާތަކަށް ހިޖުރަކުރަން ޖެހިފައިވާ ދަނޑިވަޅެއްގައެވެ.
ޑަބްލިއުއެޗްއޯ އިން އަންގާރަ ދުވަހު ނެރުނު ރިޕޯޓުގައި ވާގޮތުން، ސެޕްޓެމްބަރު 6 އިން 12 އަށް، ކޮލެރާ ޖެހިފައިވާ ކަމަށް ޝައްކުކުރެވުނީ 217 މީހުންނަށެވެ. ނަމަވެސް، ސެޕްޓެމްބަރު 27 އިން އޮކްޓޯބަރު 3 ގެ ނިޔަލަށް އެ ޢަދަދު ވަނީ 647 އަށް އުފުލިފައެވެ.
އެ ސަރަޙައްދަށް ކަނޑައަޅާފައިވާ އދގެ ކުއްލި ޙާލަތްތަކާ ބެހޭ އިދާރާގެ ޑިރެކްޓަރު އެނެޓް ހައިންޒެލްމަން ވިދާޅުވީ، ހަނގުރާމައިން ސަލާމަތްވުމަށް ހިޖުރަކުރަމުންދާ އާއިލާތަކަށް މިހާރު މިވަނީ ރައްކާތެރިވެވޭ އަދި ފަރުވާ ހޯދޭ ބަލިތަކުގެ ސަބަބުން އިތުރު ނުރައްކަލަކާ ކުރިމަތިލާން ޖެހިފައެވެ. އަދި މިހާރުން މިހާރަށް މާލީ އެހީތެރިކަން ނުލިބި، ރައްކާތެރި ބޯފެނާއި، ވެކްސިންގެ އިތުރުން އަސާސީ ޞިއްޙީ ޚިދުމަތްތައް ހުރަހެއްނެތި ނުލިބޭނަމަ، މިހާރުވެސް ނާޒުކު ޙާލަތެއްގައި ތިބި މުޖުތަމަޢުތަކުގެ ތެރޭގައި މި ބަލި ކޮންޓްރޯލެއް ނެތި ފެތުރިގެން ހިނގައިދާނެ ކަމުގެ އިންޒާރު އޭނާ ދެއްވިއެވެ.
މި އަހަރުގެ މިހާތަނަށް ޔަމަނުން މި ބަލި ޖެހިފައިވާ ކަމަށް ޝައްކުކުރެވޭ 8،034 ކޭހަކާއި، ބަލީގައި 27 މީހުން މަރުވެފައިވާ ކަމަށް ރިޕޯޓުކޮށްފައިވެއެވެ. އޭގެ ތެރެއިން ހަތަރުބައިކުޅަ އެއްބައި ކޭސް ފެނިފައިވަނީ ވޭތުވެދިޔަ ހަތަރު ހަފުތާގެ ތެރޭގައެވެ. ރިޕޯޓުކުރެވިފައިވާ ކޭސްތަކުގެ 92 އިންސައްތަ ހިއްސާކުރަނީ، ގެދޮރު ގެއްލިފައިވާ ގިނަ ބަޔަކު ދިރިއުޅޭ ދެކުނު ހުޅަނގުގެ 5 ޕްރޮވިންސަކަށެވެ. މީގެއިތުރުން، ޞިއްޙީ ޚިދުމަތްތެރިންނަށް ދަތުރުފަތުރު ކުރުމަށް ދަތިތައް އިންތިހާއަށް ބޮޑު، އެކަހެރިކޮށް ހުރި ވަގުތީ ހިޔާތަކަށްވެސް މި ބަލިމަޑުކަން މިހާރު ވަނީ ފޯރައިފައެވެ.
ކޮލެރާއަކީ ނަޖިހުގެ އަސަރު އެކުލެވިގެން "ވިބްރިއޯ ކޮލެރޭ" ބެކްޓީރިއާއިން ތަޣައްޔަރުވެފައިވާ ކާބޯތަކެއްޗާއި ފެނުގެ ޒަރީޢާއިން ފެތުރޭ، ގޮހޮރަށް ޖެހޭ ނުރައްކާތެރި ބައްޔެކެވެ. މި ބަލީގެ ސަބަބުން ބޭރަށްހިންގުމާއި، ހޮޑުލެވުމާއި، މަސްތަކަށް ވާންވުން ފަދަ އުނދަގޫތައް މެދުވެރިވެއެވެ. އަދި އޯއާރްއެސް (ލޮނުޕެކެޓް) ފަދަ ފަރުވާ ނުވަތަ އެންޓިބަޔޮޓިކް މެދުވެރިކޮށް އަވަސް ފަރުވާ ނުދެވިއްޖެނަމަ، މިއީ ފުރާނައަށް ނުރައްކާވާ ބައްޔެކެވެ.
ހަތަރު އަހަރުގެ މެދުކެނޑުމަކަށްފަހު، ޖުލައި މަހު ހޫޘީންގެ ހަނގުރާމަވެރިންނާއި ސަރުކާރާ ދެމެދު އަލުން ހަނގުރާމަ ފެށުމާ ގުޅިގެން، ޔަމަނުގެ އިންސާނީ ޙާލަތާއި ކާބޯތަކެތީގެ ދަތިކަން ވަނީ އިންތިހާއަށް ގޯސްވެފައެވެ. މީގެ ކުރިން 2017 ވަނަ އަހަރުވެސް އެ ޤައުމުގައި ފެތުރުނު މިފަދަ ބަލިމަޑުކަމެއްގައި 2،000 އަށް ވުރެ ގިނަ މީހުން މަރުވެފައިވެއެވެ.
ޑަބްލިއުއެޗްއޯ އިން ހާމަކުރި ގޮތުގައި، ޔަމަނުގައި ހިންގާ 90 ދުވަހުގެ ކުއްލި އެހީގެ ޕްރޮގްރާމަށް 31 މިލިއަން ޑޮލަރު ބޭނުންވި ނަމަވެސް، މިހާތަނަށް ލިބިފައިވަނީ އެންމެ 3.78 މިލިއަން ޑޮލަރެވެ. މި އެހީއަކީ ގެދޮރު ގެއްލިފައިވާ މީހުން ދިރިއުޅޭ ސަރަޙައްދުތަކުގައި ބަލިތައް މޮނީޓަރުކުރުމަށާއި، ކުއްލި ޙާލަތުގައި ސިއްޙީ ފަރުވާ ފޯރުކޮށްދޭ ޓީމުތައް ހަރަކާތްތެރިކުރުވުމަށާއި، ކޮލެރާއަށް ފަރުވާދޭ މަރުކަޒުތަކުގައި އިންފެކްޝަން ކޮންޓްރޯލްކުރުމުގެ މަސައްކަތްތައް ހަރުދަނާކުރުމަށް ކޮންމެހެން ބޭނުންވާ ފައިސާއެވެ.