ޚަބަރު

އަންނަ މަހުން ފެށިގެން ޓީ ޖެޓީ ސަރަހައްދަށް ވަދެވޭނީ ބަރު އުޅަނދުތަކަށް


  • ބަދަލަށް ޢަމަލުކުރަން ފަށާނީ ނޮވެންބަރު 1އިން ފެށިގެން

  • ޓީޖެޓީ ސަރަހައްދަށް ވަންނައިރު ބަރުމަރުކާ ސެޓްފިކެޓާއި ނިޝާން ހުރިތޯ ބަލާނެ

  • ސެޓްފިކެޓުތަކުގެ މުއްދަތު ހަމަނުވާކަން ކަށަވަރުކުރުމަށް އެމްޕީއެލްއިން އިލްތިމާސްކުރޭ

އަންނަ މަހުން ފެށިގެން އެމްޕީއެލްގެ ބެލުމުގެ ދަށުގައި އޮންނަ ޓީ-ޖެޓީ ސަރަހައްދަށް ވަދެވޭނީ ބަރު އުޅަނދުތަކަށް ކަމަށް މޯލްޑިވްސް ޕޯޓްސް ލިމިޓެޑް، އެމްޕީއެލްއިން ވިދާޅުވެއްޖެއެވެ.

އެމްޕީއެލްއިން ވިދާޅުވީ، އަންނަ ނޮވެމްބަރު މަހުގެ 1 ވަނަ ދުވަހުން ފެށިގެން ޓީޖެޓީ ސަރަހައްދަށް ވަދެ ނިކުންނަ އުޅަނދުތައް މި މިންގަނޑަށް ފެތޭތޯ ބަލާނެ ކަމަށެވެ. މި ބަދަލު ގެނެސްފައިވަނީ، ކަނޑުދަތުރުފަތުރުގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރުކުރުމުގެ ގޮތުންނާއި، އުޅަނދުފަހަރަށް ހުއްދަކޮށްފައިވާ މިންވަރަށްވުރެ އިތުރަށް މުދާ ބަރުކުރުން ހުއްޓުވުމަށް ކަމާބެހޭ އިދާރާތަކުން ނިންމާފައިވާ ނިންމެވުމާއި ގުޅިގެން ކަމަށް އެމްޕީއެލްއިން ވިދާޅުވިއެވެ.

މި ސަރަހައްދަށް ވަދެ ނިކުންނަ އުޅަނދުތައް ޗެކް ކުރުމުގައި ވަކި ޝަރުތުތަކެއް ފުރިހަމަވެފައިވޭތޯ ބަލާނެ ކަމަށް އެމްޕީއެލްއިން ވިދާޅުވިއެވެ. ބަރުމަރުކާ އުޅަނދު ކަމުގައި ބަލާނީ، އުޅަނދުގެ އަރިމަތީގައި ބަރުމަރުކާ އުޅަނދެއްކަން އެނގޭގޮތަށް ރަސްމީ ނިޝާން ޖަހައި އެ ސާފުކޮށް ފެންނަން ހުރުމާއެކު، މުއްދަތު ހަމަނުވާ ބަރުމަރުކާ ސެޓްފިކެޓެއް އޮތުމުންނެވެ. މީގެ އިތުރުން އުޅަނދުފަހަރު ދުއްވުމަށް ހުއްދަކުރާ ހުރިހާ ލިޔުމެއް ހަމަތޯ ބަލާނެ ކަމަށް އެމްޕީއެލްއިން ވިދާޅުވިއެވެ.

އެހެންކަމުން ޚިދުމަތް ހޯއްދެވުމުގައި ދަތިތަކެއް ދިމާނުވެނޭހެން ޚިދުމަތް ފުރިހަމަ ކުރުމަށް ހުރިހާ އުޅަނދުފަހަރުގެ ވެރިންނާއި، ކެޕްޓަނުން މުއްދަތު ހަމަވުމުގެ ކުރިން ސެޓްފިކެޓްތައް އައުކުރައްވައި ނިޝާން ޖެއްސެވުމަށް އެމްޕީއެލްއިން ވަނީ އިލްތިމާސްކުރައްވާފައެވެ.