ފެނަކަ ކޯޕަރޭޝަނުގެ މެނޭޖިންގ ޑިރެކްޓަރު ކަމުގެ މަޤާމުގައި ހުންނެވި މުޙައްމަދު އަފީފު ހުސައިން އެ މަޤާމުން ވަކިކޮށްފިއެވެ.
އޭނާ މަޤާމުން ވަކިކޮށްފައިވާ ކަމަށް ޕްރައިވަޓައިޒޭޝަން އެންޑް ކޯޕަރަޓައިޒޭޝަން، ޕީސީބީން ވަނީ ކަށަވަރު ކޮށްދެއްވާފައެވެ.
ޕީސީބީން ވިދާޅުވީ، ފެނަކައިގެ ޑިރެކްޓަރުންގެ ބޯޑުން އަދި މެނޭޖިންގ ޑިރެކްޓަރުކަމުގެ މަޤާމުން މއ. ވޭސްސައިޑް، 304 ފްލެޓް، މުޙައްމަދު އަފީފު ހުސެއިން ވަކިކޮށްފައިވާ ކަމަށެވެ.
ފެނަކައިގެ މެނޭޖިންގ ޑިރެކްޓަރުކަމުގެ މަޤާމަށް އަފީފު އައްޔަންކޮށްފައިވަނީ، މިއަހަރުގެ އޭޕްރީލް މަހުގެ 27 ވަނަ ދުވަހުއެވެ. އަފީފުއަކީ، ދައުލަތަށް ގިނަ ދުވަހު ޚިދުމަތް ކުރައްވާފައި ބޭފުޅެކެވެ.
އަފީފު ފެނަކައިގެ މެނޭޖިންގ ޑިރެކްޓަރުކަމުގެ މަޤާމުން ވަކިކޮށްފައިވާއިރު، އެކުންފުނީގެ ދަށުން ކުރަމުންދިޔަ މަސައްކަތްތައް ސްޓެލްކޯއަށް ބަދަލުކުރުމަށް ސަރުކާރުން ވަނީ ނިންމާފައެވެ. އަދި ފެނަކަ އުވާލުމަށް ނިންމާފައިވެއެވެ. ފެނަކައިގެ މަސައްކަތްތައް ސްޓެލްކޯގެ ދަށަށް ބަދަލުކުރުމުގެ ތެރެއިން މިހާރު ވަނީ، އުތުރާއި ދެކުނުގެ ގިނަ ރަށްތަކުގައި ފެނަކައިގެ ދަށުން ދެމުން އައި އަސާސީ ޚިދުމަތްތައް ސްޓެލްކޯގެ ދަށަށް ބަދަލުކޮށްފައެވެ. އަދި ބާކީ ރަށްތަކާއި އެކުންފުނިން ދަނީ، ހަވާލުވުމަށް މަސައްކަތް ކުރަމުންނެވެ.