ޚަބަރު

ޔަހޫދީންގެ ހަމަލާއަކުން 2 އަހަރުގެ ތުއްތުކުއްޖާ ސަލާމަތްކުރީ އަލިފާނުގެ ތެރެއިން


ފަލަސްޠީނުގެ ޣައްޒާއަށް ޔަހޫދީންގެ ނިރުބަވެރި ދައުލަތުން ދެމުންގެންދާ ލާއިންސާނީ ވައިގެ ޙަމަލާތަކުގެ ތެރެއިން ދިން ޙަމަލާއެއްގައި މަންމަ ޝަހީދުވެ، އުމުރުން އެންމެ 2 އަހަރާއި ބައިގެ ތުއްތު ކުއްޖެއް ކަމަށްވާ މަރިޔަމް އަޙްމަދު ޣާނިމް ޔަތީމްވެ، މުޅި ހަޔާތް އަނދިރިކަމާއި އެކަނިވެރިކަމުގެ ތެރެއަށް ވައްޓާލައިފިއެވެ.

ފަތިހުގެ ވަގުތެއްގައި، ޣައްޒާ ސިޓީގެ އަލްޝިފާ ހޮސްޕިޓަލް ކައިރީގައި ހުރި މީހުން ދިރިއުޅޭ އިމާރާތަކަށް އަމާޒުކޮށް ދިން މި ހަމަލާގައި މަރިޔަމްގެ ހަށިގަނޑު ވަރަށް ބޮޑަށް ފިހިފައިވާއިރު، ފުރާނަ ސަލާމަތްވި ނަމަވެސް، އޭނާގެ މަންމަ ވަނީ އެ ވަގުތު ޝަހީދުވެފައެވެ. މި ހަނގުރާމަ ފެށުނުއިރު، ބައްޕަ ވެސް ޝަހީދުވެފައިވާ މި ތުއްތު ކުއްޖާ، މި ޙަމަލާއާއެކު މިހާރު ވަނީ މައިންބަފައިންގެ އަޅާލުމާއި ލޯބިން މުޅިން މަޙްރޫމްވެ، އެކަނިވެރި ޔަތީމަކަށް ވެފައެވެ.

މި ޙަމަލާގެ ސަބަބުން ކައިރީގައި ހުރި އިމާރާތްތަކަށް ބޮޑެތި ގެއްލުންތަކެއް ލިބި، ރޯވި އަލިފާންގަނޑު ކޮންޓްރޯލްކޮށްފައިވަނީ މަދަނީ ދިފާޢުގެ ޓީމުތަކުންނެވެ.

ޞިއްޙީ މަޞްދަރުތަކުން ކަށަވަރުކޮށްދޭ ގޮތުގައި، މިދިޔަ ބުދަ ދުވަހު ޣައްޒާގެ އެކި ސަރަޙައްދުތަކަށް ޔަހޫދީން ދިން ވައިގެ ޙަމަލާތަކުގައި ފަލަސްޠީނުގެ 4 މީހުން ޝަހީދުވެ، އިތުރު އެތައް ބަޔަކު ވަނީ ޒަޚަމްވެފައެވެ. މީގެ ތެރޭގައި ޚާން ޔޫނިސްގެ އުތުރުން އަލްޤަރާރާ ސަރަޙައްދުގައި ދަތުރުކުރި އުޅަނދަކަށް ދިން ޙަމަލާގައި ޝަހީދުވި ދެ މީހުންނާއި، ޖަބަލިޔާ ރެފިއުޖީ ކޭމްޕުގައި ޔަހޫދީ ސިފައިން ބަޑިޖަހައި ޝަހީދުކޮށްލި ޢުމުރުން 23 އަހަރުގެ ޞައްދާމް އަލްޒަޢާނީން ހިމެނެއެވެ. މީގެ އިތުރުން، މީގެ ދުވަސްކޮޅެއް ކުރިން ލިބުނު އަނިޔާތަކަށް ފަރުވާ ހޯދަމުން ދަނިކޮށް މުޙައްމަދު ފައުޒީ އަލްޖުމްލާ (32އ) ވެސް ވަނީ ޝިފާ ހޮސްޕިޓަލުގައި ޝަހީދުވެފައެވެ.


ޣައްޒާގެ ސިއްޙީ ވުޒާރާގެ ތަފާސްހިސާބުތައް ދައްކާ ގޮތުން، 2025 ވަނަ އަހަރުގެ އޮކްޓޫބަރު މަހުގެ ތެރޭގައި އެކުލަވައިލި ހަނގުރާމަ ހުއްޓައިލުމުގެ އެއްބަސްވުމާ ޚިލާފަށް ޔަހޫދީ ދައުލަތުން ހިންގަމުންދާ ޖަރީމާތަކުގައި މަދުވެގެން 1،498 މީހުން ވަނީ ޝަހީދުވެފައެވެ. އަދި 2023 ވަނަ އަހަރުގެ އޮކްޓޫބަރު މަހުން ފެށިގެން މިހާތަނަށް ޣައްޒާގައި ޝަހީދުވި މީހުންގެ ޢަދަދު 74،000އަށް ވުރެ މައްޗަށް އަރާފައިވާއިރު، 175،000އަށް ވުރެ ގިނަ މީހުން ވަނީ ޒަޚަމްވެފައެވެ. މީގެ އިތުރުން، އެ ސަރަޙައްދުގެ ޢުމްރާނީ ވަސީލަތްތަކުގެ 90 އިންސައްތަ ވަނީ ބިމާ ހަމަވެ، ސުންނާފަތިވެފައެވެ.

މި ލާއިންސާނީ ޙަމަލާތަކުގެ އިތުރުން، ފަލަސްޠީނުގެ ޤައިދީންގެ ޙައްޤުތަކަށް މަސައްކަތްކުރާ ޖަމްޢިއްޔާއިން ނެރުނު ބަޔާނެއްގައި ހާމަކޮށްފައިވާ ގޮތުގައި، 2023 ވަނަ އަހަރުގެ އޮކްޓޫބަރުން ފެށިގެން ޔަހޫދީ ދައުލަތުގެ އިސްތިޢުމާރީ ބާރުތަކުން ފަލަސްޠީނުގެ 2،000އަށް ވުރެ ގިނަ ކުޑަކުދިން ވަނީ ހައްޔަރުކޮށްފައެވެ. އަދި މިހާރުވެސް މަދުވެގެން 350 ކުޑަކުދިން އެއްވެސް ޝަރީޢަތަކާ ނުލައި ޔަހޫދީންގެ ޖަލުތަކުގައި ލާއިންސާނީ އަނިޔާއާއި ހައިހޫނުކަމުގެ ތެރޭގައި ޤައިދުކޮށްފައިވާ ކަމަށް އެ ޖަމްޢިއްޔާއިން ފާހަގަކުރެއެވެ.

އެ ރިޕޯޓުގައި ފާހަގަކޮށްފައިވާ ގޮތުގައި، ޖަލުތަކުގެ ތެރޭގައި ގައިންގަޔަށް އަރާ ބަލިތައް ފެތުރުމާއި، އެކަށީގެންވާ ބޭސްފަރުވާ ނުދިނުމުގެ ސަބަބުން އެ ކުދިންގެ ފުރާނައަށް ވަނީ ބޮޑު ނުރައްކަލެއް ކުރިމަތިވެފައެވެ. އެގޮތުން، ޢުމުރުން 15 އަހަރުގެ މުޙައްމަދު ޙާމިދުގެ އެއް ފައި ބުރިކޮށްލަން ޖެހުމާއި، ޢުމުރުން 17 އަހަރުގެ ވަލީދު އަޙްމަދު ޖަލުގައި ބަނޑަށް ޖައްސައި މަރާލާފައިވާ ބިރުވެރި ޖަރީމާތައް އެ ޖަމްޢިއްޔާއިން ވަނީ ތިލަކޮށްފައެވެ. އަދި ޔަހޫދީ ދައުލަތުގެ މި އަނިޔާވެރި ޢުދުވާންތައް ހުއްޓުވުމަށްޓަކައި، ބައިނަލްއަޤްވާމީ މުޖުތަމަޢުން ވަގުތުން ވަގުތަށް ހަރުދަނާ ފިޔަވަޅުތަކެއް އެޅުމަށް އެ ޖަމްޢިއްޔާއިން ވަނީ ގޮވާލައިފައެވެ.