ޚަބަރު

ހިއުމަން ކެޕިޓަލް މިނިސްޓީރިއަލް ކޮންކްލޭވްގައި ތިމާވެއްޓާބެހޭ ވަޒީރު ބައިވެރިވެވަޑައިގެންފި


  • މިއީ އައިއެމްއެފް އަދި ވޯލްޑް ބޭންކުގެ އަހަރީ ބައްދަލުވުމުގެ ހަވާސާގައި ބޭއްވި ބައްދަލުވުމެއް

  • "ޑިޖިޓަލް 2.0" ނިޒާމު ލާމަރުކަޒީކުރުމާ ބެހޭގޮތުން މަޝްވަރާކޮށްފައިވޭ

ތައިލެންޑުގެ ބެންކޮކްގައި ކުރިއަށްދާ އައިއެމްއެފް އަދި ވޯލްޑް ބޭންކުގެ 2026 ވަނަ އަހަރުގެ އަހަރީ ބައްދަލުވުމުގެ ތެރެއިން ބޭއްވި "ހިއުމަން ކެޕިޓަލް މިނިސްޓީރިއަލް ކޮންކްލޭވް" ގައި މޫސުމީ ބަދަލުތަކާއި ތިމާވެއްތާއި ހަކަތައާބެހޭ ވަޒީރު ޢަލީ ޝަރީފް ބައިވެރިވެވަޑައިގެންފިއެވެ.

މިއީ ދުނިޔޭގެ އެކި ކަންކޮޅުތަކުން މާލީ އަދި ތަރައްޤީގެ ދާއިރާގެ އިސްވެރިން އެއްވެ، އިންސާނީ ވަސީލަތް ތަރައްޤީކުރުމާއި، ވަޒީފާގެ ބާޒާރަށް އަންނަ ބަދަލުތަކަށް މީހުން އަހުލުވެރިކުރުމަށް މާލީ ގޮތުންނާއި ސިޔާސީ ގޮތުން އަޅަންޖެހޭ ފިޔަވަޅުތަކާ މެދު މަޝްވަރާކުރާ މަތީ ފެންވަރުގެ މަންސައެކެވެ.

އާޓިފިޝަލް އިންޓެލިޖެންސް (އޭއައި) ގެ ކުރިއެރުމާއެކު ހުނަރުވެރިން ބިނާކުރުމަށްޓަކައި، އަމިއްލަ ފަރާތްތަކުގެ ރައުސްމާލު ނުވަތަ ޕްރައިވެޓް ކެޕިޓަލް ބޭނުންކުރެވިދާނެ ގޮތްތަކާ މެދު މަޝްވަރާކުރުމަށް ޚާއްޞަކުރި މި ބައްދަލުވުމުގައި ވަޒީރު ވަނީ މުހިންމު ނުކާތަކަކަށް އަލިއަޅުއްވާލައްވާފައެވެ.

ރާއްޖެ ފަދަ ޖަޒީރާ ޤައުމުތަކަށް ދިމާވާ އެންމެ ބޮޑު ގޮންޖެހުމަކީ ރަށްތައް މުޅި ސަރަޙައްދަށް ބެހެވިފައިވުމުގެ ސަބަބުން، ހުރިހާ ރަށަކަށް އެއް ފެންވަރެއްގެ ތަޢުލީމާއި ވަސީލަތްތައް ފޯރުކޮށްދިނުމަށް ހިނގާ ބޮޑު ޚަރަދެވެ. "ޑިޖިޓަލް 2.0" އަދި އޭއައި ޓެކްނޮލޮޖީގެ ސަބަބުން މި ނިޒާމު ލާމަރުކަޒީކޮށް، ކޮންމެ ރަށެއްގައި ހުރެގެންވެސް ދުނިޔޭގެ ފެންވަރުގެ ހުނަރުތައް ދަސްކުރުމުގެ ފުރުޞަތު ހުޅުވިގެންދެއެވެ.

މި ބައްދަލުވުމުގައި ރާއްޖޭގެ ފަރާތުން ވާހަކަފުޅު ދައްކަވަމުން، ރާއްޖެއިން ކުރިއަށްގެންދާ "ޑިޖިޓަލް 2.0" އިނިޝިއަޓިވްއާއި އޭއައި ޓެކްނޮލޮޖީގެ އެހީގައި، ރާއްޖެ ޖަޒީރާވެފައިވުމުން ކުރިމަތިވާ ދަތިތަކުން އަރައިގަނެވޭނެ ގޮތްތައް ވަޒީރު ސާފުކޮށްދެއްވިއެވެ. އަދި މި ޓެކްނޮލޮޖީގެ މަންފާ ބޭނުންކޮށްގެން ކޮންމެ ރަށަކަށްވެސް ފެންވަރު ރަނގަޅު ތަޢުލީމާއި ހުނަރުތައް ފޯރުކޮށްދެވިދާނެކަން ފާހަގަކުރެއްވިއެވެ.

ހުނަރު އިތުރުކުރުމުގެ ދާއިރާއަށް އަމިއްލަ ފަރާތްތަކުގެ އިންވެސްޓްމަންޓްތައް ނެރުމަށްޓަކައި ބްލެންޑެޑް އަދި ނަތީޖާއަށް ބިނާވާ މާލީ މޮޑެލްތައް (އައުޓްކަމް-ބޭސްޑް ފައިނޭންސިންގ) ބޭނުންކުރުން މުހިންމުކަން ވަޒީރު ފާހަގަކުރެއްވިއެވެ. އަދި އުނގެނޭ ފަރާތްތަކުގެ ޙައްޤުތައް ރައްކާތެރިކޮށްދޭނެ ހަރުދަނާ އުޞޫލުތަކެއް އެކުލަވާލުމާއެކު، ކުދި ޖަޒީރާ ޤައުމުތަކުގެ ޙާލަތާގުޅޭ ޚާއްޞަ ޙައްލުތަކެއް ހޯދައިދިނުމަށް ބައިނަލްއަޤްވާމީ މުޖުތަމަޢަށް އިލްތިމާސްކުރެއްވިއެވެ.

އޭއައިއާއި ޑިޖިޓަލް ޓެކްނޮލޮޖީގެ ސަބަބުން ދުނިޔޭގެ ވަޒީފާގެ ބާޒާރަށް ބޮޑެތި ބަދަލުތަކެއް އަންނަމުންދާއިރު، ރާއްޖެފަދަ ކުދި ޖަޒީރާ ޤައުމުތަކުން މި ބަދަލުތަކަށް ތައްޔާރުވުމަކީ ކޮންމެހެން ބޭނުންތެރި ކަމެކެވެ.

އައިއެމްއެފް އަދި ވޯލްޑް ބޭންކުގެ މަތީ ފެންވަރުގެ މި ބައްދަލުވުމުގައި ތިމާވެއްޓާބެހޭ ވަޒީރު ޢަލީ ޝަރީފް ހުށަހެޅުއްވި ނުކާތަކަކީ، ރާއްޖޭގެ ތަރައްޤީއަށް ޓެކްނޮލޮޖީ ބޭނުންކުރުމުގެ އިތުރުން، ބައިނަލްއަޤްވާމީ ފެންވަރުގައި ކުދި ޖަޒީރާ ޤައުމުތަކުގެ އަޑު އުފުލައި، އެފަދަ ޤައުމުތަކަށް ޚާއްޞަ މާލީ އަދި ފަންނީ އެހީތެރިކަން ހޯދުމަށް އެޅުނު މުހިންމު ފިޔަވަޅެއްގެ ގޮތުގައި ތިމާވެއްޓާބެހޭ ވުޒާރާއިން ފާހަގަކުރައްވައެވެ.