ޚަބަރު

ޝެންހާއީ މާސްޓަރސްގެ ސެމީ ފައިނަލަށް މެޑްވެޑޭވް އާއި ހޯޑާ


  • މެޑްވެޑޭވް ސެމީ ފައިނަލުން ޖާގަހޯދީ ޓޮމީ ޕޯލް 2-1 އިން ބަލިކޮށްގެން

  • ހޯޑާ ސެމީ ފައިނަލުން ޖާގަހޯދީ ކެސްޕަރ ރޫޑް 2-1 އިން ބަލިކޮށްގެން

ޗައިނާގައި މިހާރު ކުރިއަށްދާ ޝެންހާއީ މާސްޓަރސް ޓެނިސް މުބާރާތުގެ ސެމީ ފައިނަލުން ރަޝިއާގެ ޑަނީލް މެޑްވެޑޭވް އާއި ސްޕެއިންގެ ރަފައެލް ހޯޑާ ޖާގަހޯދައިފިއެވެ.

މިމުބާރާތުގެ ސެމީ ފައިނަލުން 5 ވަނައަށް ސީޑު ކުރެވިފައިވާ މެޑްވެޑޭވް ޖާގަހޯދީ ކުުއަރއާޓަރ ފައިނަލްގައި 15 ވަނައަށް ސީޑު ކުރެވިފައިވާ އެމެރިކާގެ ޓޮމީ ޕޯލް އާއި ބައްދަލުކުރި މެޗު 2-1 ސެޓުން ކާމިޔާބު ކޮށްގެންނެވެ. ދެ ކުޅުންތެރިންގެ ފަރާތުން ވާދަވެރި ކުޅުމެއް ފެނިގެންދިޔަ މިމެޗުގެ ފުރަތަމަ ސެޓު 6-3 އިން ކާމިޔާބު ކޮށް މެޗުގެ ފެށުން ރަނގަޅު ކުރީ މެޑްވެޑޭވްއެވެ. ނަމަވެސް ޖެހިގެން އައި ދެވަނަ ސެޓުގައި ޕޯލް ފެނުނީ ވަރަށް ވަރުގަދަ ކޮށެވެ. މިގޮތުން މި ސެޓު ޕޯލް ވަނީ ވަރަށް ފަސޭހަ ކަމާއެކު 6-1 އިން ކާމިޔާބު ކޮށްފައެވެ. މިއާއެކު ނަތީޖާ ނެރުމަށްޓަކައި ކުޅުނު ތިންވަނަ ސެޓު ހައެއް ތިނަކުން ކާމިޔާބު ކޮށް މެޑްވެޑޭވް މިމެޗު ކާމިޔާބު ކުރިއެވެ. މިކާމިޔާބީ އާއެކު މިމުބާރާތުގެ ސެމީ ފައިނަލްގައި މެޑްވޭޑޭވް ބައްދަލުކުރާނީ ހޯޑާއާއެވެ.

މިމުބާރާތުގެ ސެމީ ފައިނަލުން 12 ވަނައަށް ސީޑު ކުރެވިފައިވާ ހޯޑާ ޖާގަހޯދީ ކުއާޓަރ ފައިނަލްގައި 20 ވަނައަށް ސީޑު ކުރެވިފައިވާ ނޯވޭގެ ކެސްޕަރ ރޫޑް އާއި ބައްދަލުކުރި މެޗު 2-1 އިން ކާމިޔާބު ކޮށްގެންނެވެ. ވާދަވެރި ކުޅުމެއް ފެނުނު މިމެޗުގެ ފުރަތަމަ ސެޓު 6-4 އިން ކާމިޔާބު ކޮށްފައިވަނީ ރޫޑްއެވެ. ނަމަވެސް ޖެހިގެން އައި ދެ ސެޓު 6-4 އަދި 6-3 އިން ކާމިޔާބު ކޮށް މިމުބާރާތުގެ ސެމީ ފައިނަލްގެ ޖާގައެއް ހޯޑާ ކަށަވަރު ކުރިއެވެ.

މިމުބާރާތުގެ ސެމީ ފައިނަލްގެ ފުރަތަމަ މެޗުގައި ބައްދަލުކުރުމަށް ހަމަޖެހިފައިވަނީ އެއްވަނައަށް ސީޑު ކުރެވިފައިވާ ޖަރުމަނުވިލާތުގެ އެލެގްޒެންޑަރ ޒުވަރޭވް އާއި 25 ވަނައަށް ސީޑު ކުރެވިފައިވާ ސްޕެއިންގެ އަލެހަންޑްރޯ ޑެވިޑޮވިޗް ފޮކީނާއެވެ.

މިމުބާރާތުގެ ޑަބަލްސް މެޗުތަކަށް ބަލާލާއިރު ޕޯޗުގަލްގެ ފްރަންސިސްކޯ ކަބްރާލް އާއި އެމެރިކާގެ ޖޭމްސް ޓްރެސީގެ ޓީމުވަނީ ފައިނަލްގެ ފުރަތަމަ ޖާގަ ކަށަވަރު ކޮށްފައެވެ. މިދެ ކުޅުންތެރިން ފައިނަލަށް ދިޔައީ ސެމީ ފައިނަލްގައި 8 ވަނައަށް ސީޑު ކުރެވިފައިވާ ފަރަންސޭސިވިލާތުގެ ދެ ކުޅުންތެރިން ކަމަށްވާ ތިއޯ އަރިބާޖު އާއި އަލްބާނޯ އޮލިވެޓީގެ ޓީމާއި ބައްދަލުކޮށް 2-1 އިން ސެޓުން މެޗު ކާމިޔާބު ކޮށްގެންނެވެ. ކަބްރާލްއާއި ޓްރެސީ ފައިނަލްގައި ބައްދަލުކުރާނެ ޓީމެއް އެނގޭނީ މިއަދު ކުޅޭ ސެމީ ފައިނަލްގައި ޖަރުމަނުވިލާތުގެ ޔާކޮބް ޝުނައިޓަރ އާއި މާކް ވޯލްނަރ، އޮސްޓްރިއާގެ ލޫކަސް މިއެޑްލަރ އާއި ނީލް އޮބަރލެއިޓްނަރ އާއި ބައްދަލު ކުރާ މެޗަށްފަހުއެވެ.