އިންގްލިޝް ޕްރިމިއަރ ލީގުން މެންޗެސްޓަރ ސިޓީގެ މައްޗަށް އުފުލާފައިވާ ދައުވާތަށް ސާބިތުވާކަމަށް ހާމަކުރިފަހުން ސިޓިގެ އެތެރޭގެ ގުޅުން ނުވަތަ އެއްބައިވަންތަކަން ކުރިއަށްވުރެ މާބޮޑަށްވެސް ހަރުދަނާވެފައިވާ ކަމަށް އެޓީމުގެ ކޯޗު އެންޒޯ މަރެސްކާ ބުނެފިއެވެ.
މަރެސްކާ މިހެން ބުނެފައިވަނީ ޕްރިމިއަރ ލީގުގައި މިރޭ އިޕްސްވިޗް ޓައުން އާއި ބައްދަލުކުރުމަށް ހަމަޖެހިފައިވާ މެޗުގެ ކުރިން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަ ދައްކަމުންނެވެ. މަރެސްކާ ބުނީ ދައުވާ ސާބިތުވާކަމަށް ބުނި ފަހުން ކްލަބާއި ސަޕޯޓަރުންގެ މެދުގައި އޮތް ގުޅުން އިތުރަށް ހަރުދަނާ ވުމާއި ޓީމުގެ ކުޅުންތެރިންގެ މެދުގައި އޮތް އެއްބަައިވަންތަކަން ކުރިއަށްވުރެ ހަރުދަނާވެގެން ގޮސްފައިވާކަން ފާހަގަ ކުރެވޭ ކަމަށެވެ. މަރެސްކާ ބުނީ ބޭރުންއިވޭ އަޑުތަށް މައިތިރި ކުރުމަށްޓަކައި ސިޓީގެ އަޑު ގަދަވުން މުހިންމު ކަމަށާއި އެކަން އެޓީމުން ކުރަން ބޭނުންވަނީ ދަނޑު މަތީގައި ޓީމުން ދައްކާ ކުޅުމުން ކަމަށެވެ. މިގޮތުން ލިވަޕޫލްގެ މެޗުން މޮޅުވުން މިއީ ސިޓީގެ އަޑު ގަދަ ކުރުމަށް އެޅުނު ފުރަތަމަ ފިޔަވަޅު ކަމަށާއި އަދި ދެން އޮތީ އިޕްސްވިޗް ޓައުން އާއި ބައްދަލުކުރާ މެޗުން މޮޅުވެވޭތޯ މަސައްކަތް ކުރުން ކަމަށް މަރެސްކާ ބުންޏެވެ.
ސިޓީ އާއި ދެކޮޅަށް އުފުލި ދައުވާތައް ސާބިތުވާކަން ހާމަކުރިފަހުން އެޓީމުން ކުޅުނު ފުރަތަމަ މެޗުގައި ރަށުން ބޭރުގައި 3-0 ލަނޑުން ލިވަޕޫލް ބަލިކުރިއިރު ޔުއޭފާ ޗެމްޕިއަންސް ލީގުގައި އެންމެ ފަހުގެ ޗެމްޕިއަން ޕެރިސް ސެއިންޓް ޖަރމެއިން އާއި އަމިއްލަ ދަނޑުގައި ބައްދަލުކުރި މެޗުންވަނީ 4 ލަނޑު 2 ލަނޑުން ބަލިވެފައެވެ. ޕީއެސްޖީ އާއި ސިޓީ ބައްދަލުކުރި މެޗު ބަލާލުމަށްޓަކައި ސިޓީގެ އެންމެ ކާމިޔާބު ކޯޗު ކަމަށްވާ ޕެޕް ގާޑިއޯލާދިޔައެވެ. މަރެސްކާ ބުނީ މެޗަށްފަހު ގާޑިއޯލާއާ ދިމާވެ އެމެޗުގެ ވާހަކަ ދެކެވުނު ކަމަށާއި މިގޮތުން ފުރަތަމަ ހާފާއި ދެވަނަ ހާފްގެ ކުޅުމުގެ ވާހަކަ ދެކެވުނު ކަމަށެވެ. އަދި ޓީމަށް އައިސްފައިވާ ކުރިއެރުންތަކާމެދު ގާޑިއޯލާގެ ހިތްހަމަ ޖެހުން ފާޅު ކުރިކަން މަރެސްކާ ބުންޏެވެ.
ޕްރިމިއަރ ލީގުގައި ސިޓީއިންވަނީ މިހާތަނަށް ކުޅުނު 6 މެޗުވެސް ކާމިޔާބު ކޮށްފައެވެ. 6 މެޗުން ލިބިފައިވާ 18 ޕޮއިންޓާއެކު ސިޓީ އުޅެނީ ތާވަލްގެ އެއްވަނައިގައެވެ. އަދި ސިޓީގެ އުންމީދަކީ އިޕްސްވިޗާއި ދެކޮޅަށް ކުޅޭ މެޗު ކާމިޔާބު ކޮށް ތާވަލްގެ އެއްވަނަ ދެމެހެއްޓުމެވެ.
މަރެސްކާ ބުނީ އޭނާ ސިޓީގައި މަސައްކަތް ކުރަމުންދަނީ ވަރަށް ހިތްހަމަޖެހިގެން ކަމަށެވެ. އަދި އޭނާ ފިކުރު ބޮޑުވާންޖެހޭ އިތުރު ކަމެއް ނެތް ކަމަށާއި ހުރިހާ ކަމެއްވެސް ކުރިއަށްދަނީ އެކަންކަން އޮއްނަންވާ ގޮތަށް ކަމަށް މަރެސްކާ ހާމަކުރިއެވެ. އަދި ސިޓީ އާއި ދެކޮޅަށް އުފުލިފައިވާ ދައުވާ ތަކުގެ ކަންތައްތަކަކީ އޭނާއަށް ބާރު ފޯރުވޭ ކަމެއް ނޫން ކަމަށާއި އެހެން ކަމުން އޭނާ އެކަމައި ވިސްނުމުގެ ބޭނުމެއް ނެތް ކަމަށެވެ. އަދި އޭނާގެ ހުރިހާވެސް ވިސްނުމެއް ހުރީ ސިޓީ ކުޅޭ މެޗުތަކަށާއި ޓީމު އިތުރަށް ރަނގަޅު ކުރާނެ ގޮތް ތަކަށް އެކަނި ކަމަށް މަރެސްކާ ބުންޏެވެ.