ޚަބަރު

"އިންވެސްޓަރުންނާ ދެކޮޅު ކެމްޕޭނަކަށް ސިޔާސީ ޚިޔާލުތަފާތުވުން ނަހަދާ"


  • ނަފުރަތާއި ދޮގާއި ހަސަދައިގެ މައްޗަށް އެއްވެސް ޞިނާޢަތެއް ބިނާނުކުރެވޭނެކަމަށް ވިދާޅުވި

  • ޙަޤީޤަތް ބެލުމެއްނެތި ދޮގު ޚަބަރާއި ނަފްރަތު ފެތުރުން ހުއްޓާލުމަށް ގޮވާލެއްވި

ސިޔާސީ ގޮތުން ހުންނަ ޚިޔާލުތަފާތުވުންތަކަކީ ރާއްޖޭގައި އިންވެސްޓްކުރާ ފަރާތްތަކާ ދެކޮޅަށް ހިންގާ ކެމްޕޭނަކަށް ނުހެދުމަށް އިގުތިޞާދީ ތަރައްޤީއާއި ވިޔަފާރިއާ ބެހޭ ވަޒީރު މުޙައްމަދު ސަޢީދު އިލްތިމާސްކުރައްވައިފިއެވެ.

ވަޒީރު މިހެން ވިދާޅުވީ، ނޫހެއްގައި ޝާއިޢުކޮށްފައިވާ ޚަބަރުތަކަކާ ގުޅިގެން ކަންބޮޑުވުން ފާޅުކުރައްވާ ސޯޝަލް މީޑިއާގައި ހިއްސާކުރެއްވި ޕޯސްޓެއްގައެވެ. ވަޒީރު ވަނީ، ރާއްޖެއަށް އަންނަ އިންވެސްޓަރުންނަށް އަމާޒުކޮށް ދޮގު މަޢުލޫމާތު ފެތުރުމާއި ބިރުދެއްކުން ހުއްޓާލުމަށްވެސް ގޮވާލައްވާފައެވެ.

ވަޒީރު ސަޢީދު ވިދާޅުވީ، ރައްޔިތުންގެ ލާބައަށާއި އިންވެސްޓްމަންޓްތަކުގެ ސަބަބުން ފަހިވެގެންދާ ފުރުޞަތުތަކަށްޓަކައި، ރާއްޖޭގައި އިންވެސްޓްކުރަން ތައްޔާރަށް ތިބި ފަރާތްތަކަށް އަމާޒުކޮށް އިދިކޮޅު ފަރާތްތަކުން ހިންގާ ހަރަކާތްތައް ހުއްޓާލަންޖެހޭ ކަމަށެވެ. އަދި ދުނިޔޭގެ ވިޔަފާރީގެ ވާދަވެރި މާޙައުލުގައި މިފަދަ ކަންކަމުން ނާޖާއިޒު ފައިދާ ނަގަން ބޭނުންވާ ފަރާތްތަކަށް މިފަދަ ދޮގު ވާހަކަތައް ވެގެންދާނީ "ހިތްގައިމު މިޔުޒިކަކަށް" ކަމަށްވެސް ފާހަގަކުރެއްވިއެވެ.


ރާއްޖޭގެ އިގުތިޞާދީ ހާލަތައް އަލިއަޅުއްވާލައްވާ ވަޒީރު ސަޢީދު ވިދާޅުވީ، ކިތަންމެ ގަބޫލުކުރަން ދަތިވިކަމުގައިވީނަމަވެސް ރާއްޖޭގެ އިގުތިޞާގެ މައިތަނބަކީ އަދިވެސް ފަތުރުވެރިކަން ކަމަށާއި، ފަތުރުވެރިކަމުގެ ދާއިރާ އަބަދުވެސް އަންނަނީ ބަދަލުވަމުން އަދި ކުރިއަރަމުން ކަމަށެވެ. އަދި ނަފުރަތާއި ދޮގާއި ހަސަދައިގެ މައްޗަށް އެއްވެސް ޞިނާޢަތެއް ބިނާނުކުރެވޭނެ ކަމަށްވެސް ވިދާޅުވިއެވެ.

އިގުތިޞާދީ ވަޒީރުގެ ޕޯސްޓުގައި ރާއްޖޭގެ ޤާނޫނީ އޮނިގަނޑަށްވެސް އިޝާރާތްކުރެއްވިއެވެ. އެގޮތުން ރާއްޖޭގައި އަބަދުވެސް ހިނގާނީ ރާއްޖޭގެ ޤާނޫނު ކަމަށާއި، ޤާނޫނުއަސާސީއާ ޚިލާފު އެއްވެސް ކަމެއް މި ޤައުމުގައި ނުހިނގާނެ ކަމަށް ވިދާޅުވިއެވެ. އެހެންކަމުން ކަންކަމުގެ ޙަޤީޤަތް ބެލުމެއްނެތި ދޮގު ޚަބަރާއި ނަފްރަތު ފެތުރުން ހުއްޓާލުމަށް ވަޒީރު ވަނީ ގޮވާލައްވާފައެވެ.

ރާއްޖޭގައި ބޭރުގެ އިންވެސްޓްމަންޓްތައް އިތުރުކުރުމަށް ސަރުކާރުން އިސްކަންދެމުން އަންނައިރު، މިހާރުވެސް ބޭރުގެ ބޮޑެތި އިންވެސްޓްމަންޓް މަޝްރޫޢުތަކެއް އަންނަނީ ކުރިއަށްދަމުންނެވެ. އޭގެ އިތުރުން އިތުރު އައު މަޝްރޫޢުތައް ފެށުމަށްވެސް ސަރުކާރުން ދަނީ މަސައްކަތްކުރަމުންނެވެ.

މީގެ ތެރޭގައި ނ އަތޮޅުގައި ތަރައްޤީކުރަމުން އަންނަ ސަސްޓެއިނަބަލް ޓައުންޝިޕް ޕްރޮޖެކްޓް ޢައިލާގެ އިތުރުން ސަރުކާރުން އަލަށް ފަށަން ތައްޔާރުވަމުން އަންނަ ރަސްމާލެ މަޝްރޫޢުވެސް ހިމެނެއެވެ. މިފަދަ ބިޔަ މަޝްރޫޢުތަކާ ގުޅިގެން ސިޔާސީ މަސްރަޙުގައާއި ޢާންމުންގެ މެދުގައި އެކި ފަރާތްތަކުން ތަފާތު ޚިޔާލުތަކާއި ވާހަކަތައް މިހަރުވެސް ދަނީ ދައްކަމުންނެވެ.