ޚަބަރު

އީރާނު ހަނގުރާމާގައި ވިލާތުގެ ޤައުމުތަކަށް 100 ބިލިޔަން ޔޫރޯގެ ބޮޑު ގެއްލުމެއް


އީރާނާ ދެކޮޅަށް ކުރަމުންދާ ޣައިރުޤާނޫނީ ހަނގުރާމައިގެ ސަބަބުން ވިލާތުގެ އިޤްތިޞާދަށް މިހާތަނަށް 100 ބިލިއަން ޔޫރޯ (ގާތްގަނޑަކަށް 112 ބިލިއަން އެމެރިކާ ޑޮލަރު) އަށް ވުރެ ބޮޑު މާލީ ގެއްލުމަކާ ކުރިމަތިލާން ޖެހިފައިވާ ކަމަށް ސްޕެއިންގެ ބޮޑުވަޒީރު ޕެޑްރޯ ސަންޗޭޒް ހާމަކުރައްވައިފިއެވެ.

މީސްމީޑިޔާގައި ހިއްސާކުރެއްވި މެސެޖެއްގައި ސަންޗޭޒް ވިދާޅުވީ، ހަނގުރާމަ ފެށުމުގެ ކުރިންނާއި އޭގެ ކުރީކޮޅު ވެސް މި ކަމާ ދެކޮޅަށް އަޑުއުފުލި ޤައުމުތަކުގެ ކަންބޮޑުވުންތަކަކީ ޙަޤީޤަތެއްކަން މިއަދު ސާބިތުވަމުންދާ ކަމަށެވެ.

"ހަނގުރާމައާ ދެކޮޅަށް އަޑުއުފުލައި، މި ހަނގުރާމައަށް ނޫނެކޭ ބުނެވުނީ ހަމަ އެންމެ ރަނގަޅަށް. މިފަދަ ކަންކަމުގެ އެންމެ ބޮޑު ގެއްލުމަކާއި ތަކުލީފެއް އުފުލަން ޖެހޭނީ އާންމު ރައްޔިތުންކަން އަޅުގަނޑުމެންނަށް އޭރުވެސް ސާފުކޮށް އެނގޭ،" ސަންޗޭޒް ވިދާޅުވިއެވެ.

ހަނގުރާމައިގެ ސަބަބުން ދުނިޔޭގެ ބާޒާރުގައި ތެލުގެ އަގު އިންތިހާއަށް އުފުލި، ތަކެތީ އަގު މައްޗަށް ގޮސް، ދިރިއުޅުމުގެ ޚަރަދުތައް އިންތިހާއަށް ބޮޑުވަމުންދާތީ، އާންމު ރައްޔިތުންނަށް ކުރާ ނޭދެވޭ އަސަރުތައް ކުޑަކުރުމަށްޓަކައި ސްޕެއިންގެ ސަރުކާރުން ވަނީ އަވަސް ފިޔަވަޅުތަކެއް އަޅަން ނިންމައިފައެވެ. އެގޮތުން، ޤައުމުގެ އިޤްތިޞާދީ އަދި އިޖުތިމާއީ ރައްކާތެރިކަން ކަށަވަރުކުރުމުގެ ގޮތުން 12 ބިލިއަން ޔޫރޯ (13.4 ބިލިއަން ޑޮލަރު) ގެ ޚާއްސަ ލުއިތަކެއް ލިބޭ ޕެކޭޖެއް ސްޕެއިންގެ ޤާނޫނުހަދާ މަޖިލީހުން މިހާރު ވަނީ ފާސްކޮށްފައެވެ.

މި އެހީގެ ޕެކޭޖާ ގުޅޭގޮތުން ވާހަކަދައްކަވަމުން ސަންޗޭޒް ފާހަގަކުރެއްވި ގޮތުގައި، މި ފިޔަވަޅުތަކުގެ މައިގަނޑު މަގުސަދަކީ ހަނގުރާމައިގެ ނޭދެވޭ އަސަރު ސީދާ ފޯރާފައިވާ ސިނާއަތްތަކަށާއި ވިޔަފާރިތަކަށް މާލީ އެހީތެރިކަން ފޯރުކޮށްދިނުމާއި، ދަތުރުފަތުރުކުރުގައި އަމިއްލަ އުޅަނދުފަހަރު ބޭނުންކުރާ އާންމުންގެ ތެލުގެ ޚަރަދަށް ބޮޑު ލުޔެއް ހޯދައިދިނުމެވެ.

މީގެއިތުރުން އޭނާ ވަނީ މި ހަނގުރާމަ ވަގުތުން ވަގުތަށް ހުއްޓައިލުމަށް ބައިނަލްއަޤުވާމީ މުޖުތަމައަށް އިލްތިމާސްކުރައްވާފައެވެ.

"މިހާރު މިއީ މި ބޮޑު ކާރިސާ އެކީއެކަށް ނިމުމަކަށް ގެންނަންވީ ވަގުތު،" ސަންޗޭޒް ވިދާޅުވިއެވެ.

މި ބަޔާނާ ގުޅިގެން މާހިރުން ފާހަގަކުރާ ގޮތުގައި، މި ހަނގުރާމައިގެ ސަބަބުން ހުޅަނގުގެ އިޤްތިޞާދަށް ކުރިމަތިވަމުންދާ ގޮންޖެހުންތަކާއި، ޤައުމުތަކުގެ މެދުގައި އުފެދެމުންދާ ސިޔާސީ ޚިޔާލުތަފާތުވުންތައް މިހާރު މިވަނީ އިތުރަށް ފުޅާވެފައެވެ.