ދުނިޔޭގެ ކާބޯތަކެތީގެ ދުވަހާއި ޤައުމީ ދަނޑުވެރިންގެ ދުވަސް ފާހަގަކުރުމުގެ ގޮތުން، "ދަނޑުވެރިކަމުގެ ކުރިމަގު"ގެ ނަމުގައި އައްޑޫ މީދޫގައި ޚާއްސަ ފޯރަމެއް ބާއްވައިފިއެވެ.
މި ފޯރަމް ރަސްމީކޮށް ހުޅުވައިދެއްވީ މަސްވެރިކަމާއި ދަނޑުވެރިކަމާއި ކަނޑުގެ ވަސީލަތްތަކާ ބެހޭ ވަޒީރު އަޙްމަދު ޝިޔާމެވެ. މި ބައްދަލުވުމުގައި މީދޫގެ ދަނޑުވެރިންނާއި، ސ. އަތޮޅު މަދަރުސާގެ ދަރިވަރުންގެ އިތުރުން ގިނަ އާންމު ރައްޔިތުން ބައިވެރިވިއެވެ.
ފޯރަމް ހުޅުވައިދެއްވައި ވާހަކަފުޅު ދައްކަވަމުން ވަޒީރު އަހްމަދު ޝިޔާމް ވިދާޅުވީ، މީދޫއަކީ ދަނޑުވެރިކަމުގެ ދާއިރާގައި ދިގު މާޒީއެއް އޮތް ރަށެއް ކަމަށެވެ. އަދި މިއަދު ފެންނަމުން މިދާ ޒަމާނީ ދަނޑުވެރިކަމާ ހަމައަށް ވާސިލުވުމަށްޓަކައި، އެ ރަށުގެ ދަނޑުވެރިން އަގުހުރި ގިނަ މަސައްކަތްތަކެއް ކޮށްފައިވާކަން ވަޒީރު ފާހަގަކުރެއްވިއެވެ.
ވަޒީރުގެ ވިދާޅުވީ، ރާއްޖޭގެ ދަނޑުވެރިކަމުގެ މުސްތަޤުބަލު އޮތީ ޒުވާނުންގެ އަތްމަތީގައި ކަމަށެވެ. އެހެންކަމުން، ފޮތްތަކުން ލިބޭ ޢިލްމުގެ އިތުރުން، މި ދާއިރާއިން އަމަލީ ތަޖުރިބާ ހޯދުމަކީ ނުހަނު މުހިންމު ކަމެއް ކަމުގައި ވިދާޅުވިއެވެ.
"މުސްތަޤްބަލުގައި ދަނޑުވެރިކަން ކުރިއަށް ގެންދަން އެބަޖެހޭ. އެގޮތައް އެކަން ކުރިއަށް ގެންދިޔުމަށް ތިބިބަޔަކީ ތިޔަ ދަރިވަރުން. އެހެން ޤައުމުތަކާއި އަޅާ ބަލާއިރު ރާއްޖޭގައި ދަނޑުވެރިކަން ކުރާގޮތް ވަރަށް ތަފާތު. ހަމަ އެގޮތައް މޫސުމީ ބަދަލުތަކުގެ ސަބަބުން އެންމެ ނާޒުކު ޤައުމުތަކުގެ ތެރޭގައި ރާއްޖެ ހިމެނޭ" ވަޒީރު ވިދާޅުވިއެވެ
މި ފޯރަމްގެ ތެރެއިން، ސ. އަތޮޅު މަދަރުސާގެ ދަރިވަރުން ވަނީ ދަނޑުވެރިކަމާ ގުޅޭ އީޖާދީ އުފެއްދުންތަކާއި، މި ދާއިރާއާ މެދު އެކުދިން ދެކޭގޮތުގެ ޚިޔާލުތައް ޕްރެޒެންޓޭޝަނެއްގެ ސިފައިގައި ހުށަހަޅައިދީފައެވެ. މީގެ އިތުރުން، މި އުފެއްދުންތަކާ ބެހޭ މަޢުލޫމާތު އެ ދަރިވަރުން ވަނީ ޕީއެސްއެމް ނިއުސްއާވެސް ހިއްސާކޮށްފައެވެ.
މި ފޯރަމްގެ ހާއްސަ ބައެއްގެ ގޮތުގައި، ދަނޑުވެރިކަމުގެ ސިނާއަތާ ގުޅޭގޮތުން ފުޅާ ދާއިރާއެއްގައި މަޝްވަރާކުރުމަށް ޕެނަލް ޑިސްކަޝަނެއް ކުރިއަށް ގެންގޮސްފައިވެއެވެ. މި ޕެނަލްގައި، ދަނޑުވެރިކަމުގެ ދާއިރާއަށް ކުރިމަތިވަމުންދާ ގޮންޖެހުންތަކާއި، މި ސިނާއަތް އިތުރަށް ކުރިއަރުވައި ތަރައްޤީކުރުމަށްޓަކައި އެޅިދާނެ މުހިންމު ފިޔަވަޅުތަކާ ގުޅޭގޮތުން މުހިންމު ޚިޔާލުތަކެއް ވަނީ ބަދަލުކުރެވިފައެވެ.
މީގެ އިތުރުން އައްޑޫ ކެނަރީފް ރިސޯޓް މޯލްޑިވްސްގައި ކުރިއަށްދިޔަ "އެންހޭންސިންގ ކްލައިމެޓް ރެސިލިއަންސް އެންޑް ފުޑް ސެކިއުރިޓީ" މަޝްރޫޢުގެ ދަށުން ހިންގާ "ވިލުންވެށި ސްކޫލް ގާރޑަން ޕްރޮގްރާމް"ގެ އޮރިއެންޓޭޝަން ވޯކްޝޮޕް ފެށުމުގެ ރަސްމިއްޔާތުގައި ވަޒީރު ވަނީ ބައިވެރިވެވަޑައިގެންފައެވެ.
މި ހަރަކާތުގެ މައިގަނޑު މަޤްޞަދަކީ ދަރިވަރުންގެ މެދުގައި މޫސުމީ ބަދަލުތަކަށް އޮންނަ ވިލުންތެރިކަން އިތުރުކުރުމާއި، ކާނާގެ ރައްކާތެރިކަން ކަށަވަރުކުރުމުގެ އިތުރުން، ދެމެހެއްޓެނިވި ގޮތެއްގައި ކާބޯތަކެތި އުފެއްދުމުގެ އާދަ އަށަގަންނުވައި، ސްކޫލް މާހައުލުގައި ދަނޑުވެރިކަން ކުރިއެރުވުމެވެ.