މުޙައްމަދު ޝެހެބާޒް ޝަރީފަކީ ޕާކިސްތާނުގެ ސިޔާސީ މައިދާނުގައި ފާހަގަކޮށްލެވޭ، އިދާރީ ހިންގުންތެރިކަމުގެ ރޮނގުން އިޙުތިރާމު ހޯއްދަވާފައިވާ އިސް ލީޑަރެކެވެ. މަރްޙޫމް މިއާން މުޙައްމަދު ޝަރީފްގެ ދަރިކަލުން ޝެހެބާޒް ޝަރީފް ނިސްބަތްވެވަޑައިގަންނަވަނީ ޕާކިސްތާނުގެ މުއްސަނދި ވިޔަފާރިވެރި ޢާއިލާއަކަށެވެ. އޭނާ ވަނީ ލާހޯރުގެ ގަވަރމަންޓް ކޮލެޖުން މަތީ ވަނަތަކާއެކު ތަޢުލީމު ޙާސިލުކުރައްވާފައެވެ. ސިޔާސީ މައިދާނަށް ވަދެވަޑައިގެންނެވުމުގެ ކުރިން، 1985 ވަނަ އަހަރު ލާހޯރު ޗެމްބަރ އޮފް ކޮމަރސް އެންޑް އިންޑަސްޓްރީގެ ރައީސް ކަމުގެ މަޤާމު ފުރުއްވިއެވެ.
1988 އިން 1990 އަށް ޕަންޖާބު އެސެމްބްލީ ނުވަތަ ޕަންޖާބުގެ ސަރަހައްދީ ޤާނޫނުހަދާ މަޖިލީހުގެ މެންބަރުކަން ކުރެއްވުމަށްފަހު، 1990 އިން 1993 އަށް ނޭޝަނަލް އެސެމްބްލީ ނުވަތަ މައި ޤާނޫނުހަދާ މަޖިލީހުގެ މެންބަރުކަން ކުރެއްވިއެވެ. އަދި، 1993 ގައި ޕަންޖާބު އެސެމްބްލީއަށް އިންތިޚާބުވެވަޑައިގަންނަވައި، 1996 އާ ހަމައަށް އިދިކޮޅު ލީޑަރުކަން ކުރެއްވިއެވެ. އަދި، 1997 ވަނަ އަހަރު ޕަންޖާބުގެ ޗީފް މިނިސްޓަރު ކަމުގެ މަޤާމާ ޙަވާލުވެވަޑައިގެންނެވިއެވެ. 1999 ގެ އަސްކަރީ ބަޣާވާތެއްގައި ސަރުކާރު ވައްޓައިލައި، އޭނާ ޖަލަށްލުމަށްފަހު 2000 ވަނަ އަހަރު ސަޢުދީ ޢަރަބިއްޔާއަށް އަރުވާލެވުނެވެ. ނަމަވެސް، 2007 ވަނަ އަހަރު އެނބުރި ޤައުމަށް ވަޑައިގަންނަވައި، 2008 އަދި 2013 ވަނަ އަހަރު އަލުން ޕަންޖާބުގެ ޗީފް މިނިސްޓަރު ކަމުގެ މަޤާމު ފުރުއްވިއެވެ.
2022 އެޕްރީލު 11 ގައި ޕާކިސްތާނުގެ ބޮޑުވަޒީރު ކަމުގެ މަޤާމާ ޝެހެބާޒް ޙަވާލުވެވަޑައިގެންނެވިއެވެ. ފުރަތަމަ ދައުރު 2023 އޮގަސްޓަށް ނިމުމަށްފަހު، 2024 ފެބުރުވަރީގެ އިންތިޚާބު ކާމިޔާބުކުރައްވައި، 2024 މާރިޗު 3 ގައި ދެވަނަ ފަހަރަށް ބޮޑުވަޒީރުކަމުގެ ހުވާކުރެއްވިއެވެ. އޭނާގެ ބޭބޭފުޅު ނަވާޒް ޝަރީފަކީ ބޮޑުވަޒީރު ކަމުގެ މަޤާމު ތިން ފަހަރު ކުރެއްވި ބޭފުޅެކެވެ. ޝެހެބާޒް ޝަރީފް މަޝްހޫރުވެފައި ވަނީ ވަރަށް ހަލުވިކަމާއެކު ޢަމަލީ ނަތީޖާ ނެރެދެއްވާ ހިންގުންތެރި އިސްވާރެއްގެ ގޮތުގައެވެ. ޗައިނާގެ އެހީގައި ހިންގެވި ބޮޑެތި މަޝްރޫޢުތައް ރެކޯޑު މުއްދަތެއްގައި ނިންމެވުމާ ގުޅިގެން، ޗައިނާއިން އޭނާގެ ހިންގުންތެރިކަމަށް "ޝެހެބާޒް ސްޕީޑް" ގެ ނަން ދީފައެވެ.
ޝެހެބާޒްގެ ވެރިކަމުގައި، ޕަންޖާބު ލޭންޑް ރެކޯޑްސް މެނޭޖްމަންޓް އެންޑް އިންފޮމޭޝަން ސިސްޓަމް ތަޢާރުފުކުރައްވައި، ޒަމާންވީ ބިމުގެ ރެކޯޑު ނިޒާމު ޑިޖިޓަލައިޒްކުރައްވައި، އަންހެނުންނަށް ބިން ވާރުތަވުމުގެ ޙައްޤު ކަށަވަރުކޮށްދެއްވާފައިވެއެވެ. އަންހެނުންގެ ޙައްޤުތައް ހިމާޔަތްކުރުމަށް ޓަކައި މުލްތާންގައި ދެކުނު އޭޝިއާގެ ފުރަތަމަ ވަޔަލެންސް އެގެންސްޓް ވިމެން ސެންޓަރު ޤާއިމުކުރެއްވިއެވެ. ޕަންޖާބު ސޭފް ސިޓީސް އޮތޯރިޓީ ޕްރޮޖެކްޓް މެދުވެރިކޮށް ޖިނާޢީ ކުށްތައް ހުއްޓުވުމަށާއި ބައިނަލްއަޤުވާމީ ކްރިކެޓް އަނބުރާ ގެނައުމަށް މަގުފަހިކޮށްދެއްވިއެވެ.
ބޮޑުވަޒީރުކަމާ ޙަވާލުވެވަޑައިގެންނެވުމަށްފަހު، ޝެހެބާޒް ޝަރީފަށް ކުރިމަތިވެވަޑައިގެންނެވި އެންމެ ބޮޑު ގޮންޖެހުމަކީ 2022 ގެ އިޤުތިޞާދީ ކާރިސާއިން ޤައުމު ސަލާމަތްކުރެއްވުމެވެ. އިޤުތިޞާދު އާލާކުރެއްވުމަށް ޓަކައި އޭނާ ވަނީ ފަސް އަހަރުގެ 'އޫރާން ޕާކިސްތާން' ގެ ނަމުގައި ތަރައްޤީގެ ޕްލޭނެއް ތަޢާރުފުކުރައްވާފައެވެ. ޓެކުސް ނިޒާމު ހަރުދަނާކުރެއްވުމަށް ޓަކައި، ފެޑެރަލް ބޯޑް އޮފް ރެވެނިއު އިޞްލާޙުކުރައްވައި، ޓެކުސް ނެގުމުގައި އާޓިފިޝަލް އިންޓެލިޖެންސް ބޭނުންކުރައްވަން ފެއްޓެވިއެވެ.
އިންޓަނޭޝަނަލް މަނިޓަރީ ފަންޑާއެކު (އައިއެމްއެފް) 7 ބިލިޔަން އެމެރިކާ ޑޮލަރުގެ ލޯނު ޕުރޮގުރާމެއްގައި ސޮއިކުރައްވައި، މާލީ ހަމަޖެހުން ގެންވުމަށް ޓަކައި ޓެކުސް ބޮޑުކުރުމާއި ޚަރަދު ކުޑަކުރުމުގެ ފިޔަވަޅުތައް އެޅުއްވިއެވެ. ޝެހެބާޒްގެ ސަރުކާރުގެ އަމާޒަކީ ދަނޑުވެރިކަމާއި އެހެނިހެން ދާއިރާތައް ކުރިއަރުވައިގެން، މި އަހަރު ޕާކިސްތާނުގެ އިޤުތިޞާދީ ދުވެލި %4 އަށްވުރެ މައްޗަށް ގެންދިއުމެވެ. ޕާކިސްތާން އިންޓަނޭޝަނަލް އެއާލައިންސްއާއި ކަރަންޓު ކުންފުނިތައް ޕްރައިވެޓައިޒްކޮށްގެން 1 ބިލިޔަން ޑޮލަރަށްވުރެ ގިނަ ފައިސާ ހޯދުމަށް އޭނާގެ ސަރުކާރުން ވަނީ އަމާޒު ހިފާފައެވެ.
އެމެރިކާގެ އެކްސްޕޯޓް-އިމްޕޯޓް ބޭންކާއި ޑިވެލޮޕްމަންޓް ފައިނޭންސް ކޯޕަރޭޝަނާއެކު 10 ބިލިޔަން ޑޮލަރުގެ އެކްސްޗޭންޖް ސްޓެބިލައިޒޭޝަން ފެސިލިޓީއެއް ހޯދުމަށް ޝެހެބާޒްގެ ސަރުކާރުން ދަނީ މަޝްވަރާކުރަމުންނެވެ. އެމެރިކާއާއި އީރާނާ ދެމެދު ހިނގަމުންދާ ހަނގުރާމައިގެ ސަބަބުން ތެލުގެ އަގު %50 އަށް ބޮޑުވުމާ ގުޅިގެން، 10 މިލިޔަނަށްވުރެ ގިނަ މީހުންނަށް 75 ބިލިޔަން ރުޕީސްގެ ތެލުގެ ސަބްސިޑީ ފޯރުކޮށްދިނުމުގެ ބޮޑު ޕުރޮގުރާމެއް ވެސް އޭނާގެ ސަރުކާރުން ވަނީ ފަށާފައެވެ.
އުމްރާނީ ތަރައްޤީއަށް ބަލާއިރު، ޗައިނާ-ޕާކިސްތާން އިކޮނޮމިކް ކޮރިޑޯގެ (ސީޕީއީސީ) ދަށުން ސާހިވާލް ކޯލް ޕަވަރ ޕްލާންޓް 22 މަސްދުވަހުގެ ރެކޯޑު މުއްދަތެއްގައި އޭނާ ނިންމެވިއެވެ. 5,000 މެގަވޮޓްގެ ތިން އާރްއެލްއެންޖީ ޕަވަރ ޕްރޮޖެކްޓް ޤާއިމުކުރައްވައި، ޕާކިސްތާނަށް ކުރިމަތިވެފައިވާ ހަކަތައިގެ ކާރިސާ ޙައްލުކުރެއްވިއެވެ. ޕާކިސްތާނުގެ ފުރަތަމަ ތިމާވެއްޓާ ރައްޓެހި މެޓްރޯ ބަސް ސިސްޓަމް ތަޢާރުފުކުރައްވައި، ލާހޯރު އޮރެންޖް ލައިން މެޓްރޯ ޓްރެއިން ޕްރޮޖެކްޓް ކާމިޔާބުކަމާއެކު ނިންމެވިއެވެ. ތަޢުލީމީ ދާއިރާއިން، ޕަންޖާބު އެޑިއުކޭޝަނަލް އެންޑޯވްމަންޓް ފަންޑު އުފައްދަވައި 350,000 ކުދިންނަށް ސްކޮލަރޝިޕް ދެއްވުމާއި، 'ޒޭވަރީ' ތަޢުލީމު ޕުރޮގުރާމުގެ ދަށުން 500,000 ކުދިންނަށް މާލީ އެހީތެރިކަން ފޯރުކޮށްދެއްވިއެވެ. 'ދަނީޝް' ސްކޫލްތަކާއި އިންފޮމޭޝަން ޓެކްނޮލޮޖީ ޔުނިވަރސިޓީ ޤާއިމުކުރައްވައި، ޕާކިސްތާން ކިޑްނީ އެންޑް ލިވަރ އިންސްޓިޓިއުޓް ބިނާކުރެއްވިއެވެ. 2011 ވަނަ އަހަރު ޑެންގީ ހުމުގެ ކާރިސާގައި އޭނާ ދެއްކެވި ހަރުދަނާ ލީޑަރޝިޕަކީ ވެސް ފާހަގަކޮށްލެވޭ ކަމެކެވެ.
ޚާރިޖީ ގުޅުންތަކުގައި އެމެރިކާއާއެކު ރަނގަޅު ގުޅުމެއް ބޭއްވެވުމަކީ މުހިންމު ކަމެއްކަން ޝެހެބާޒް ހާމަކުރައްވާފައިވާއިރު، އިންޑިއާއާ މެދު އޭނާ ގެންގުޅުއްވަނީ މަޑުމައިތިރި ސިޔާސަތެކެވެ. ސަޢުދީ ޢަރަބިއްޔާއަކީ ޕާކިސްތާނުގެ މުހިންމު ބައިވެރިއަކަށް ވާއިރު، ސްޓްރެޓީޖިކް މިއުޗުއަލް ޑިފެންސް އެގްރީމެންޓެއްގައި ސޮއިކޮށް، ޔަމަނުގެ ޙޫޘީންނާ ދެކޮޅަށް އުފައްދާފައިވާ 14 ޤައުމު ހިމެނޭ ރަތް ކަނޑުގެ އިއްތިޙާދުގައި ޕާކިސްތާނުން ވަނީ ބައިވެރިވެފައެވެ. މީގެ އިތުރުން ޕާކިސްތާނަކީ 'މައްކާ ދިފާޢީ އިއްތިޙާދު' ގެ ވެސް މެންބަރެކެވެ. އެމެރިކާއާއި އީރާނާ ދެމެދު ހިނގަމުންދާ ނުތަނަވަސްކަން ޙައްލުކުރުމަށް ކުރަމުންދާ މަސައްކަތުގައި ޕާކިސްތާނުން މެދުވެރިއެއްގެ ދައުރު އަދާކުރަމުންދާއިރު، ސަޢުދީއާއި އީރާނާ ދެމެދު އޮންނަ ގުޅުން ހަމަހަމަކަމާއެކު ބެލެހެއްޓުމަކީ އޭނާގެ ސަރުކާރަށް ކުރިމަތިވެފައިވާ ގޮންޖެހުމެއްގެ ގޮތުގައި މަސްރަޙުގެ ދާރިސުން ޤަބޫލުކުރައްވައެވެ.
ޝެހެބާޒް ޝަރީފަކީ ޢާއިލާގެ ސްޓީލް ކުންފުންޏެއްގައި ޙިއްޞާ އޮންނަ، ވިޔަފާރީގެ ތަޖުރިބާ ލިބިވަޑައިގަންނަވާފައިވާ ބޭފުޅެކެވެ. އޭނާއަކީ ފެތުމަށް ލޯބިކުރައްވާ، އަދި ކުރިކެޓު ކުޅުއްވުމަށް ޝައުޤުވެރިކަން ހުންނަ ބޭފުޅެކެވެ. އޭނާއާ ދެކޮޅަށް ކޮރަޕްޝަންގެ މައްސަލަތަކެއް ހުށަހެޅުނު ނަމަވެސް، ކުށްވެރިވެފައެއް ނުވެއެވެ.
ގިނަ ކާމިޔާބީތަކެއް ޙާސިލުކުރެއްވި ނަމަވެސް، ޝެހެބާޒްގެ ވެރިކަމަށް ބޮޑެތި ފާޑުކިޔުންތަކެއް އަމާޒުވެފައިވެއެވެ. ސަރުކާރު އެކުލަވާލުމުގައާއި ދެމެހެއްޓުމުގައި އަސްކަރިއްޔާގެ ނުފޫޒާއި އެހީތެރިކަން ވަރަށް ބޮޑަށް އޮންނަކަމަށް މަސްރަޙުގެ ދާރިސުން ފާހަގަކުރައްވައެވެ. އިދިކޮޅު ޕާޓީގެ ލީޑަރު އިމްރާން ޚާން 2023 އިން ފެށިގެން ޖަލުގައި ހުންނެވިއިރު، މެއި 9 އަދި ނޮވެންބަރު 26 ގައި ހިނގި ހަމަނުޖެހުންތަކާ ގުޅިގެން ސަރުކާރަށް ބޮޑެތި ގޮންޖެހުންތަކަކާ ކުރިމަތިވިއެވެ.
ފުރަތަމަ އަހަރު ނިމުނުއިރު، ޤައުމުގެ މިސްރާބު ހުރީ ގޯސްކޮށްކަމަށް %80 މީހުން ޤަބޫލުކުރާ ކަމަށް ސާވޭތަކުން ހާމަވެއެވެ. ޝެހެބާޒްގެ ސަރުކާރުން ވަނީ ޕްރިވެންޝަން އޮފް އިލެކްޓްރޯނިކް ކްރައިމްސް އެކްޓްއަށް ގެނައި އިޞްލާޙުތަކުގެ ތެރެއިން އޮންލައިން މީޑިއާ ކޮންޓްރޯލްކުރުމަށް މަސައްކަތްކޮށްފައެވެ. ޤާނޫނުއަސާސީއަށް ގެނައި 26 ވަނަ އިޞްލާޙުގެ ދަށުން އުއްތަމަފަނޑިޔާރު ޢައްޔަންކުރުމުގެ ބާރު ސަރުކާރަށް ނަގައި، ޝަރުޢީ ދާއިރާގެ މިނިވަންކަން ނަގާލާފައިވާކަމަށް ބުނެ އިދިކޮޅު ފަރާތްތަކުން ވަނީ މުޒާހަރާކޮށްފައެވެ. އައިއެމްއެފް ލޯނާއެކު ވަގުތީ ހަމަޖެހުމެއް ލިބުނު ނަމަވެސް، އިޤުތިޞާދީ ބޮޑެތި އިޞްލާޙުތައް ގެނެވިފައިނުވާކަމަށް ތަޖުރިބާކާރުން ވިދާޅުވެއެވެ.
ޝެހެބާޒްގެ ސަރުކާރުގެ ޚާރިޖީ ސިޔާސަތު މައިގަނޑު ގޮތެއްގައި ބިނާވެފައިވަނީ ގަލްފުގެ ޤައުމުތަކުން ލޯނު ހޯދުމުގެ މައްޗައް ކަމުގައި މަސްރަޙުގެ ދާރިސުން ފާހަގަކުރައްވައެވެ. ޚައިބަރް ޕަޚްތުންޚާއާއި ބަލޫޗިސްތާނުގައި ނިރުބަވެރިންގެ ޙަމަލާތައް އިތުރުވެފައިވާ ކަން ވެސް އެ ބޭފުޅުން ފާހަގަކުރައްވައެވެ. މި ގޮންޖެހުންތަކާއެކު ވެސް، ބައިނަލްއަޤުވާމީ މައިދާނުގައި ޝެހެބާޒް ޝަރީފް ފާހަގަކުރެވެނީ ޢަމަލީ ނަތީޖާ ނެރެދެއްވާ ހިންގުންތެރި އިސްވާރެއްގެ ގޮތުގައެވެ.