އެމްބާޕޭގެ ދެ ލަނޑާއެކު ސެވިއްޔާ އަތުން ރެއާލު މެޑްރިޑް މޮޅުވެއްޖެއެވެ. ސްޕެނިޝް ލަލީގާގައި ރެއާލު މެޑްރިޑް ސެވިއްޔާގެ މައްޗަށް ކުރި ހޯދީ 4-1 ނެވެ.
މެޗު ފަށައިގެން 30 ވަނަ މިނިޓްގައި ރެއާލު އަށް ކުރި ހޯދައިދިނީ އާޑާ ގުލާ އެވެ. އެމްބާޕޭ އޭނާގެ ފުރަތަމަ ލަނޑު ޖަހާ ރެއާލު އަށް ލީޑު ފުޅާކޮށްދިނީ އޭގެ 7 މިނިޓް ފަހުންނެވެ. މިއީ ބެލިންގހަމް ތަނަވަސްކޮށްދިން ފުރުޞަތަކުން ޖެހި ލަނޑެކެވެ. ދެވަނަ ހާފްގައި އެމްބާޕޭ ދެވަނަ ލަނޑު ޖެހީ އޭރިޔާ ތެރެއިން އޭނާއަށް ފައުލުކޮށް ވައްޓާލުމުން ދިން ޕެނަލްޓީންނެވެ. މިއީ މިސީޒަންގައި 11 މެޗުން ފްރާންސް ކެޕްޓަން ޖެހި 11 ވަނަ ލަނޑެވެ. މެޗުގައި ސެވިއްޔާގެ ހަމައެކަނި ލަނޑު 80 ވަނަ މިނިޓްގައި ޖެހީ މަނޫ ބުއެނޯ އެވެ. އެކަމަކު އޭގެ މިނިޓެއް ފަހުން ޗުއަމެނީ ތަނަވަސްކޮށްދިން ފުރުޞަތަކުން ޑިއޮމެންޑޭ ރެއާލު އަށް ހަތަރު ވަނަ ލަނޑެއް ޖަހައިދިނެވެ. ފުރަތަމަ ލަނޑު ޖަހަން ގުލާ އަށް ފުރުޞަތު ތަނަވަސްކޮށްދިނީ ވެސް ޑިއޮމެންޑޭ އެވެ.
މިއީ މިމަހުގެ 25 ވަނަ ދުވަހު ބާސެލޯނާއާ ދެކޮޅަށް ނިކުތުމުގެ ކުރިން ރެއާލު އަށް ހޯދުނު މުހިއްމު މޮޅެކެވެ. ލަލީގާ ތާވަލުގެ އެއްވަނައިގައި އޮތީ ބާސެލޯނާ އެވެ. ބާސާ އާއި ރެއާލުއާ ދެމެދު 6 ޕޮއިންޓްގެ ފަރަގެއް އެބައޮތެވެ. އަދި ދެވަނައިގައި އޮތް އެތްލެޓިކޯ މެޑްރިޑާ ރެއާލުއާ ދެމެދުވެސް ޕޮއިންޓެއްގެ ފަރަގެއް އެބައޮތެވެ.