ވިމެންސް ސުޕަރ ލީގުގައި އެންމެ ފަހުގެ ޗެމްޕިއަން އަދި ތާވަލްގެ އެއްވަނައިގާ އުޅޭ މެންޗެސްޓަރ ސިޓީ ވިމެން އާއި ބްރައިޓަން އެންޑް ހޯވް އެލްބިއަން ވިމެން ބައްދަލުކުރި މެޗު ސިޓީން ކާމިޔާބު ކޮށްފިއެވެ.
ސިޓީގެ ޖޯއި ސްޓޭޑިއަމްގައި ކުޅުނު މިމެޗު އެޓީމުން ކާމިޔާބު ކޮށްފައިވަނީ 3 ލަނޑު 2 ލަނޑުންނެވެ. މިމެޗުގެ 5 ލަނޑުވެސް ޖެހީ ފުރަތަމަ ހާފްގައެވެ. ސިޓީން ވަރަށް ފޯރީގައި ފެށި މިމެޗުގައި ގިނައިރު ބޯޅަ ގެންގުޅެ ގިނަ ހަމަލާ އުފައްދާފައިވަނީ ސިޓީންނެވެ. މިމެޗުގެ ފުރަތަމަ ލަނޑު ޖަހާ މެޗުގެ ލީޑު ނަގާފައިވަނީ ސިޓީންނެވެ. މިލަނޑު މެޗުގެ 5 ވަނަ މިނެޓުގައި ލޯރެން ހެމްޕް ތަނަވަސްކޮށްދިން ފުރުސަތެއްގައި ކާމިޔާބު ކޮށްދީފައިވަނީ ހަދީޖާ ޝޯއެވެ. ހަދީޖާ ޝޯ އާއި ހެމްޕް ގުޅިގެން އުފެއްދި ހަމަލާއެއްގައި މެޗުގެ 16 ވަނަ މިނެޓުގައި ސިޓީންވަނީ އެޓީމުގެ ލީޑު ފުޅާ ކޮށްފައެވެ. މިލަނޑު ޖެހިތާ އެއް މިނެޓް ފަހުން ސިޓީގެ ތިންވަނަ ލަނޑު ޖަހައިދިނީ ނިއާމް ޗާލްސްއެވެ. މިމެޗުގައި ސިޓީގެ ލީޑު އިތުރަށް ފުޅާކުރާނެ ފުރުސަތު ޝޯ އަށާއި ހެމްޕް އަދި ގްރޭސް ކްލިންޓަނަށް ލިބުނުކަން ފާހަގަ ކޮށްލެވެއެވެ.
ސިޓީއަށް ލިބެމުންދިޔަ ފުރުސަތުތަކުގެ ބޭނުން ނުހިފުމުގެ އިތުރުން 3 ލަނޑުގެ ލީޑެއް ލިބުމުން މެޗު ފަސޭހަ ކޮށްލުމުގެ ނަތީޖާއަކަށްވީ ބްރައިޓަންއިން ސިޓީގެ ގޯލަށް ނުރައްކާ ކުރުމުގެ ފުރުސަތު ލިބުމެވެ. އެގޮތުން މެޗުގެ 31 ވަނަ މިނެޓްގައި އޮލީވިއާ ގާސިއާ ވަނީ ބްރައިޓަންގެ ފުރަތަމަ ލަނޑު ޖަހައިދީ ދެޓީމުގެ ދެމެދުގައިވާ ފަރަގު ކުޑަކޮށްފައެވެ. އަދި މިލަނޑު ޖެހިތާ 6 މިނެޓް ފަހުން ކެއިޓްލިން ހެޔޭސް ކާމިޔާބު ކޮށްދިން ލަނޑާއެކު މިމެޗުން ނަތީޖާއެއް ނެރެވިދާނެ ކަމުގެ އުންމީދު ބްރައިޓަންގެ ކުޅުންތެރިންނަށް ކުރެވިގެންދިޔައެވެ. ނަމަވެސް މިއާއެކުވެސް ބްރައިޓަންއަށް މިމެޗުގައި ސިޓީގެ ޑިފެންސް އިތުރަށް ފޫއަޅުވާލެވޭ ގޮތެއް ނުވިއެވެ. އަދި ސިޓީންވެސް އިތުރު ހަމަލާ ތަކެއް އުފެއްދި ނަމަވެސް ލަނޑުގެ އަދަދު އިތުރު ކުރެވޭގޮތެއް ނުވިއެވެ.
މިކާމިޔާބީ އާއެކު އެންމެ ފަހުގެ ޗެމްޕިއަން މިހާރު އުޅެނީ ކުޅުނު 6 މެޗުވެސް ކާމިޔާބު ކޮށްގެން ލިބިފައިވާ 18 ޕޮއިންޓާއެކު ތާވަލްގެ އެއްވަނައިގައެވެ. ބްރައިޓަން އުޅެނީ 5 ޕޮއިންޓާއެކު ތާވަލްގެ 12 ވަނައިގައެވެ.
މިމުބާރާތުގައި ތާވަލްގެ ދެވަނައިގާ އުޅޭ ޗެލްސީ ވިމެން އާއި ޓޮޓްނަމް ހޮޓްސްޕަރ ވިމެން ބައްދަލުކުރި މެޗު ފަސޭހަ ކަމާއެކު 6 ލަނޑު 2 ލަނޑުން ކާމިޔާބު ކޮށްފައިވަނީ ޗެލްސީއެވެ. މިމެޗުގައި ޗެލްސީގެ ލޯރެން ޖޭމްސް އާއި އެލީ ކާޕެންޓަރއިން ކުރެ ކޮންމެ ކުޅުންތެރިޔަކުވަނީ 2 ލަނޑު ކާމިޔާބު ކޮށްދީފައެވެ. އަނެއް ދެ ލަނޑު އެޓީމަށް ކާމިޔާބު ކޮށްދީފައިވަނީ ސްޔޮއެކާ ނުސްކެން އާއި މައިކޯ ހަމާނޯއެވެ. މިމެޗުގައި ސްޕަރސްއިން ކާމިޔާބު ކުރި 2 ލަނޑު އެޓީމަށް ކާމިޔާބު ކޮށްދީފައިވަނީ މަޓިލްޑާ ވިންބަރގް އާއި ސިގްނޭ ގައުޕްސެޓްއެވެ.
މިކާމިޔާބީ އާއެކު ޗެލްސީ އުޅެނީ 16 ޕޮއިންޓާއެކު ތާވަލްގެ ދެ ވަނައިގައެވެ. ސްޕަރސް އުޅެނީ 10 ޕޮއިންޓާއެކު ތާވަލްގެ 4 ވަނައިގައެވެ.
މިމުބާރާތުގައި ކުޅުނު އެހެން މެޗުތަކަށް ބަލާއިރު ވެސްޓް ހޭމް ޔުނައިޓެޑް ވިމެން އާއި ކްރިސްޓަލް ޕެލަސް ވިމެން ރަށުން ބޭރުގައި ބައްދަލު ކުރި މެޗު އެއް ލަނޑު ސުން ލަނޑުން ވެސްޓް ހޭމް ކާމިޔާބު ކުރިއިރު އެސްޓަން ވިލާ ވިމެން އާއި ލިވަޕޫލް ވިމެން ބައްދަލުކުރި މެޗު 2 ލަނޑު އެއް ލަނޑުން ކާމިޔާބު ކޮށްފައިވަނީ ވިލާއެވެ. އަދި މެންޗެސްޓަރ ޔުނައިޓެޑް ވިމެން އާއި ޗާލްޓަން އެޓްލެޓިކް ވިމެން ބައްދަލު ކުރި މެޗު 3 ލަނޑު އެއް ލަނޑުން ޔުނައިޓެޑް ކާމިޔާބު ކުރި އިރު ލަންޑަން ސިޓީ ލައޮނެސެސް އާއި އެވަޓަން ވިމެން ބައްދަލުކުރި މެޗު 2 ލަނޑު އެއް ލަނޑުން ކާމިޔާބު ކޮށްފައިވަނީ ލަންޑަން ސިޓީއެވެ.