ޚަބަރު

ކުމުންދޫގައި ޤާއިމުކުރި ފުލުހުންގެ މަރުކަޒު ހުޅުވައިފި


  • މަރުކަޒުގެ ބިންގާ އެޅީ މިދިޔަ އަހަރުގެ އޮގަސްޓު 27ގައި

  • ހުރިހާ ރަށެއްގައި ފުލުހުންގެ މަރުކަޒު ޤާއިމުކުރުމަށް ދަނީ މަސައްކަތް ކުރަމުން

ހދ. ކުމުންދޫގައި ޤާއިމުކުރި ފުލުހުންގެ މަރުކަޒު ހުޅުވައި ޚިދުމަތްދޭން ފަށައިފިއެވެ.

މިއަދު ކުމުންދޫގައި ބޭއްވި ރަސްމިއްޔާތުގައި ޕޮލިސް ސްޓޭޝަން ހުޅުއްވައިދެއްވީ ކޮމިޝަނަރ އޮފް ޕޮލިސް އަޙްމަދު މުޙައްމަދާއި، ކުމުންދޫ ކައުންސިލު ރައީސް ޢަލީ ޤާސިމެވެ. މި ރަސްމިއްޔާތުގައި ޑެޕިއުޓީ ކޮމިޝަނަރ އޮފް ޕޮލިސް ފަރުހާދު ފިކުރީއާއި، ފުލުހުންގެ ސީނިއަރ އޮފިސަރުންނާއި ކައުންސިލް މެމްބަރުންނާއި ރަށުގައި ހުރި އިދާރާތަކުގެ ވެރިން ބައިވެރިވަޑައިގެންނެވިއެވެ.

މަރުކަޒު ހުޅުއްވައިދެއްވުމަށް ބޭއްވި ރަސްމިއްޔާތުގެ ތެރެއިން، ޕޮލިސް ސްޓޭޝަން ގޯތިތެރޭގައި ގަސްއިންދުމުގެ ހަރަކާތެއް ވަނީ ކުރިއަށްގެންގޮސްފައެވެ.

ކުމުންދޫގައި މި ހުޅުވި ފުލުހުންގެ މަރުކަޒަކީ އެމްޓީސީސީއާ ހަވާލުކޮށްގެން އިމާރާތްކޮށްފައިވާ މަރުކަޒެކެވެ. މި މަރުކަޒުގެ ބިންގާ އަޅާފައިވަނީ މިދިޔަ އަހަރުގެ އޮގަސްޓު މަހުގެ 27ވަނަ ދުވަހުއެވެ.

މިއީ ރާއްޖޭގެ މީހުން ދިރިއުޅޭ ކޮންމެ ރަށެއްގައިވެސް ފުލުހުންގެ އަމިއްލަ މަރުކަޒު ގާއިމުކުރުމަށް ކުރަމުންދާ މަސައްކަތުގެ ދަށުން އިމާރާތް ކުރި މަރުކަޒެކެވެ.