ރިޕޯޓް

ރައީސް އިބްރާހީމް ނާޞިރު ފަސްދާނުލިތާ މިއަދަށް 8 އަހަރު


ރާއްޖޭގެ ދެވަނަ ޖުމްހޫރިއްޔާގެ ފުރަތަމަ ރައީސް ސުމުއްވުލް އަމީރު އިބްރާހީމް ނާޞިރަކީ ދިވެހިރާއްޖޭގެ ސިޔާސީ މިނިވަންކަމުގެ ބާނީއެވެ. އެމަނިކުފާނުގެ ޤައުމީ ޚިދުމަތީ އަގުކުރެވޭ ވަރަށްވުރެ އެތައްގުނައެއް އިތުރު ޚިދުމަތްތަކެކެވެ. ރާއްޖޭގެ ޒަމާނީ ރަށްވެހިކަމުގެ ތަރައްޤީގެ ބިންގާއެޅުއްވި ބާނީއަކީ އެމަނިކުފާނޭ ދެންނެވުމަކީ ކުށަކަށް ނުވާނެއެވެ.

ވެރިކަމުން ވަކިވެވަޑައިގަތުމަށްފަހު ސިންގަޕޫރުގައި ދިރިއުޅުއްވި އިބްރާހީމް ނާޞިރު އަވަހާރަވީވެސް އެޤައުމުގައެވެ. މިއަދަކީ އެމަނިކުފާނުގެ ފުރާނަނެތް ހަށިކޮޅު މާލެގެނައިތާ 8 އަހަރު ފުރުނު ދުވަހެވެ.

ޞާޙިބުލް ފަޚާމާ އިބްރާހީމް ނާޞިރު ރަންނަބަނޑޭރި ކިލެގެފާނު ނިޝާން ޣާޒީގެ ޢިއްޒަތްތެރި ވެރިޔާ ނުވަތަ ރައީސް އިބްރާހީމް ނާޞިރު އުފަންވެވަޑައިގަތީ 1926 ވަނަ އަހަރުގެ ސެޕްޓެމްބަރު މަހުގެ 2 ވަނަދުވަހު، ޏ.ފުވައްމުލަކުގައެވެ. އެ މަނިކުފާނުގެ ޢާއިލާއަށް ބަލާއިރު، ބައްޕާފުޅަކީ ވެލާނާގޭ އަޙުމަދު ދީދީއެވެ. މަންމާފުޅަކީ ފުވައްމުލަކު ދަޑިމަގު ގަނޑުވަރު މޫސާ ދީދީގެ ޢާއިޝާ ދީދީއެވެ. ރާއްޖޭގެ ބޮޑުވަޒީރުކަމާއި ރައީސްކަމުގެ އިތުރުންވެސް އެމަނިކުފާނުވަނީ ދައުލަތުގެ މުހިންމު ގިނަ މަޤާމުތަކެއް ފުރުއްވައި ޤައުމަށް ގިނަގުނަ ޚިދުމަތް ކުރައްވާފައެވެ. img:http://s3.psmnews.mv/images/660x400/14695178317349.jpg|ރާއްޖެއަށް ސިޔާސީ މިނިވަންކަން ހޯއްދަވައިދެއްވުމުގެ އެއްބަސްވުމުގައި ސޮއިކުރެއްވުން -

ރައީސް އިބްރާހީމް ނާޞިރަށް ބޮޑުވަޒީރުކަން ލިބިވަޑައިގަތީ ރައްޖޭގެ ބޮޑުވަޒީރުކަމުގެ މަޤާމުގައި ކުރިން ހުންނެވި ސުމުއްވުލް އަމީރު އިބްރާހީމް ފާމުދޭރި ކިލެގެފާނު އިސްތިޢުފާ ދެއްވުމުންނެވެ. އެކިލެގެފާނު އިސްތިއުފާ ދެއްވީ 1957 ވަނަ އަހަރުގެ ޑިސެމްބަރު މަހުގެ 11 ވަނަދުވަހުއެވެ. ރައީސް ނާޞިރު ރާއްޖޭގެ ބޮޑުވަޒީރުކަމުގެ ޤާނޫނީ ހުވާކުރެއްވީ 1957 ވަނަ އަހަރުގެ ޑިސެމްބަރު މަހުގެ 12 ވަނަ ދުވަހުއެވެ.

ރައީސް މުޙައްމަދު އަމީންގެ ވެރިކަން ވައްޓާލި އިންޤިލާބަށްފަހު ރާއްޖޭގެ ސިޔާސީ މަސްރަޙުން ފެންނަންފެށި ރައީސް އިބްރާހީމް ނާޞިރުގެ ބޮޑު ވަޒީރުކަމާއި ރައީސް ކަމުގައިވަނީ، ޒަމާނީ ތަރައްޤީއާއި ތަހުޒީބުގެ ގިނަ ކަންކަމުގެ ބިންގާ އަޅުއްވައިދެއްވާފައެވެ.

އެގޮތުން ފާހަގަކޮށްލޭ މުހިންމު ބައެއް ކަންކަމަށް ބަލާއިރު، އެންމެ ފާހަގަކޮށްލެވޭ ކަމަކީ 1965 ވަނަ އަހަރުގެ ޖުލައިމަހުގެ 26 ވަނަ ދުވަހު ރާއްޖެއަށް ފުރިހަމަ މިނިވަންކަން ހޯއްދަވައި ދެއްވުމެވެ. އަދި 1960 ވަނަ އަހަރުގެ އޮކްޓޫބަރު މަހުގެ 19 ވަނަ ދުވަހު ރާއްޖޭގައި ފުރަތަމަ ފަހަރަށް އެއަރޕޯޓެއްގެ ޚިދުމަތް ދެއްވުން ފާހަގަކުރެވެއެވެ. މީގެ އިތުރުން އަންހެނުން ބާރުވެރި ކުރުވުމާއި، އިނގިރޭސި ތަޢުލީމު ފުޅާކުރެއްވުމާއި، ވޯރާ ވިޔަފާރިވެރިންގެ އަތްދަށުން ދިވެހި އިޤްތިޞާދު ސަލާމަތް ކުރެއްވުމާއި، ސަރުކާރުގެ ވިޔަފާރި ކުންފުނި އެސްޓީއޯ، އުފެއްދެވުމަކީވެސް ރައީސް ނާޞިރު ރާއްޖެއަށް މުޅިން އަލަށް ތަޢާރަފްކުރެއްވި ކަންކަމެވެ.

ރާއްޖެއަށް ފަތުރުވެރިކަން ތަޢާރަފްވީވެސް އެމަނިކުފާނުގެ ވެރިކަމުގައެވެ. އަދި ރާއްޖެއިން ފުރަތަމަ ފަހަރަށް ފިނިކުރި މަސް އެކްސްޕޯޓު ކުރައްވަން ފެއްޓެވުމާއި، ފެލިވަރު މަސްދަޅު ބަންދުކުރާ ކާރުޚާނާ އުފެއްދެވުމަކީވެސް ރައީސް ނާޞިރުގެ އަގުހުރި ޚިދުމަތްތަކުގެ ތެރެއިން ފާހަގަކޮށްލެވޭ ބައެއް ކަންކަމެވެ. މީގެ އިތުރުން އެއަރ މޯލްޑިވްސްގެ ނަމުގައި ފުރަތަމަ ފަހަރަށް ދިވެހި އެއަރލައިނެއް އުފެއްދުމާއި މަސްދޯނިފަހަރުގައި އިންޖީނު އެޅުމާއި، މޯލްޑިވްސް ޝިޕިންގ ލިމިޓެޑް އުފެއްދެވުމާއި، ރާއްޖޭގައި ބޭންކިންގެ ޚިދުމަތް ތަޢާރަފް ކުރެއްވުމާއި، ދިވެހިރާއްޖޭގެ އަޑާއި، ޓެލެވިޜަން މޯލްޑިވްސް އުފެއްދެވުމާއި ރެޑިއޯ ޓެލެފޯނުގެ ޚިދުމަތް ފެއްޓެވުމަކީވެސް ރައީސް ނާޞިރު ތަޢާރަފްކުރައްވައި ފައްޓަވައިދެއްވި ކަންކަމެވެ.

ރައީސް ނާޞިރުގެ ވެރިކަމުގައި ހިނގާފައިވާ ބޮޑެތި ބައެއް ޙާދިސާތަކުގެ ތެރެއިން ދެކުނު ގަޑުބަޑަކީ ފާހަގަކޮށްލެވޭ ޙާދިސާއެކެވެ. ރައީސް ނާޞިރު މިކަން ޙައްލުކުރެއްވީ، ރައްޔިތުންގެ މަޖިލީހުގެ އަޣުލަބިއްޔަތުން އެކަމުގެ ބާރު ނާޞިރަށް ދެއްވުމާއެކު، އެކަމަށް އުފެއްދެވި ޚާއްޞަ ކޮމިޝަނެއް މެދުވެރި ކޮށްގެންނެވެ.

ނާޞިރުގެ ވެރިކަމުގައި ހިނގައިދިޔަ އެންމެ ބޮޑު އެއް ގަޑުބަޑަކީ 13 ޖޫން 1974 ގައި ހިނގާދިޔަ ބޮޑު ބުރާސްފަތީގެ ޙާދިސާއެވެ. އެދުވަހު ސަރުކާރާ ދެކޮޅަށް ގުޅަކުޅޭ ފަސްގަނޑަށް މީހުން އެއްވެ، ނުރުން ފާޅުކޮށް ހެދިއެވެ. އަދި އެއްވުމުގައި ސިފައިންގެ ދޮރުމައްޗަށް ބަޔަކު ގޮސް ހަޅޭލަވައި، ސިފައިންގެ ދޮރު ވައްޓާލައި ސިފައިންގެއަށް ވަންނަން އުޅުނެވެ. މި އެއްވުން ރޫޅާލެވުނީ މައްޗަށް ބަނޑިޖަހައިގެންނެވެ. މި ޙާދިސާއަށްފަހު މާލޭގައި އިމަޖެންސީ ހިންގަވައި ސިފައިންގެ ބެލުމުގެ ދަށަށް މާލެ ލައްވައިފި ކަމުގައި ސަރުކާރުން އިޢުލާން ކުރެއްވިއެވެ.

އަދި މީގެ އިތުރުން އައި ކަޅު ބުރާސްފައްޗަކީވެސް ނާޞިރުގެ ވެރިކަމުގައި ފާހަގަކޮށްލެވޭ ޙާދިސާއެކެވެ. އެ ޙާދިސާ ހިނގީ 6 މާރޗް 1975ގައެވެ. އެދުވަހު އޭރުގެ ވަޒީރުލް އަޢުޒަމް އަޙްމަދު ޒަކީ ދޫނިދޫގައި ބަންދުކުރެއްވިއެވެ. އަދި އަޙްމަދު ޒަކީ ބޮޑު ވަޒީރު ކަމާއި މިނިސްޓަރ އޮފް އެކްސްޓަރނަލް އެފެއަރޒް ކަމުގެ މަޤާމުން 8 މާރޗް 1975 ގައި ވަކިކުރައްވާ ޏ. ފުވައްމުލަކަށް ފޮނުވާލެވުނެވެ.

ޖުމުލަ 10 އަހަރު ދުވަހު ރާއްޖޭގެ ރައީސުލްޖުމްހޫރިއްޔާކަމުގެ މަޤާމު އަދާކުރެއްވުމަށްފަހު ރައީސް ނާޞިރު ވަނީ ވެރިކަން އަމިއްލަފުޅަށް ދޫކޮށްލައްވާފައެވެ. އޭރުގެ ރައްޔިތުން މަޖުލީހުން ވަނީ 3 ވަނަ ދައުރަކަށް ނާޞިރު ރައީސްކަމުގައި ހުންނަވަން ފެނިވަޑައިގަންނަވާ ކަމަށް ނިންމަވާފައެވެ. އެހެންނަމަވެސް އެކަން ޤަބޫލުފުޅު ނުކުރައްވައި 7 ޑިސެމްބަރު 1978 ވީ ބުރާސްފަތި ދުވަހު ނާޞިރުވަނީ އާޢިލާއާއެކު ސިންގަޕޫރަށް ފުރާވަޑައިގެންފައެވެ. އޭގެފަހުން އަވަހާރަވުމާ ހަމައަށްވެސް ނާޞިރު ދިރިއުޅުއްވީ ސިންގަޕޫރުގައެވެ. މި މުއްދަތުގައި ނާޞިރު ރާއްޖެ ވަޑައިގެންފައެއްނުވެއެވެ. img:http://s4.psmnews.mv/images/660x400/14800013686581.jpg|

ނާޞިރުގެ ވެރިކަމަށްފަހު ދެން ރާއޖޭގެ ވެރިކަމަށްވަޑައިގަތީ އަލްއުސްތާޛު މައުމޫނު އަބްދުލްޤައްޔޫމެވެ. މައުމޫނުގެ ވެރިކަމުގެ ކުރީކޮޅުވަނީ ރައީސް ނާޞިރާއި ދެކޮޅަށް ރާއްޖޭގައި އޭރުގެ ނިސްބަތުން ބޮޑެތި މުޒާހަރާތަކެއް ކޮށްފައެވެ. މި މުޒާހަރާތަކުގައި، ނާޞިރުގެ ޒާތުފުޅަށް ނިސްބަތްކޮށް ބޭއަދަބީ ބަސްތަކުން މުޚާޠަބު ކުރުމާއި، އަޑުއުފުލުން ކުރިއަށްދިޔައެވެ. އަދި އެމަނިކުފާނަށް ނިސްބަތްކޮށް ކާޓޫނު ކުރަހައި، އެތަކެތި ޢާއްމު ކުރުމާއި، އެއާއެކު މުޒާހަރާތައް ބޭއްވުން ފާހަގަކޮށްލެވެއެވެ.

އެދުވަސްވަރު ރައީސް މައުމޫނުގެ ސަރުކާރުން ވަނީ ރައީސް ނާޞިރުގެ މައްޗަށް ބޮޑެތި ތުހުމަތުތަކެއް ކުރައްވައި ޝަރީޢަތް ހިންގައި، އެމަނިކުފާނުގެ މުދާ ދައުލަތަށް ނަންގަވާފައެވެ. 2008 ވަނަ އަހަރުގެ ނޮވެމްބަރު މަހުގެ 22 ވަނަ ދުވަހު ޢުމުރުފުޅުން 82 އަހަރުފުޅުގައި ނާޞިރު އަވަހާރަވީ ސިންގަޕޫރުގައެވެ.

އެމަނިކުފާނަށް އެންމެފަހުގެ އިޙްތިރާމް އަދާކޮށް، ރަސްމީ ޢިއްޒަތުގައި ފަސްދާނުލުމަށްޓަކައި، އޭރުގެ ސަރުކާރުން ވަނީ ނާޞިރުގެ ހަށިކޮޅު މާލެގެއްނަވައި ރަސްމީ އިއްޒަތުގައި އެމަނިކުފާނުގެ ޖަނާޒާ ބާއްވާފައެވެ. އެމަނިކުފާނުގެ ހަށިކޮޅު ފަސްދާނު ލާފައިވަނީ މާލޭ ހުކުރު މިސްކިތު ގޯތި ތެރޭގައެވެ.