ޚަބަރު

ނުކުޅެދުންތެރިކަން ހުންނަ މީހުންނަށް ފުރުޞަތުތައް ހޯދައިދޭންޖެހޭ


ނުކުޅެދުންތެރިކަން ހުންނަ މީހުންނަށް ދިރިއުޅުމުގެ ޙައްޤާއި އިޖުތިމާޢީ ފުރުޞަތުތައް ހޯދައިދިނުމަށް ހިއުމަން ރައިޓްސް ކޮމިޝަން އޮފް ދަ މޯލްޑިވްސްއިން ޢިލްތިމާސްކުރައްވައިފިއެވެ.

މިއަދު ބައިނަލްއަޤްވާމީގޮތުން ފާހަގަކުރަމުންދާ، ނުކުޅެދުންތެރިކަން ހުންނަ މީހުންގެ ދުވަހާ ގުޅުވައިގެން އެކޮމިޝަނުން ނެރުއްވި ނޫސްބަޔާނެއްގައި ވަނީ، ރާއްޖޭގައި އުޅޭ ނުކުޅެދޭ ބައެއް މީހުންނަށް އެމީހުންގެ ޢާއިލާތަކުގެ ފަރާތުން ޖިންސީ ފުރައްސާރަކުރުމާއި، ޢާއިލީ މުޖުތަމަޢުން ލިބެންވާ އެހީތެރިކަމާއި އެއްބާރުލުން ނުލިބުމުގެ މައްސަލަ އެކޮމިޝަނަށް ހުށަހެޅޭކަމަށާއި، މިއަހަރުގެ އޮކްޓޫބަރުމަހުގެ ނިޔަލަށް އެކޮމިޝަނަށް ހުށަހަޅާފައިވާ މައްސަލަތަކަށް ބަލާއިރުވެސް މިބާވަތުގެ މައްސަލަތައް ހުރިކަން ފާހަގަކުރެވޭކަމަށެވެ. އަދި ނުކުޅެދޭ މީހުންނަށް ތަޢުލީމުދިނުމުގައި ތަފާތުކުރާކަމަށް ބުނެ، ހުށަހަޅާފައިވާ މައްސަލަތަކާއި، އެފަދަ މީހުންނަށް ލިބެންޖެހޭ ޢިނާޔަތްތައް ނުލިބޭކަމަށް ބުނެ ހުށަހަޅާފައިވާ މައްސަލަތައް ހުރިކަން ވެސް ހިއުމަންރައިޓްސް ކޮމިޝަނުގެ ނޫސްބަޔާނުގައިވެއެވެ.

އެހެންކަމުން ނުކުޅެދުންތެރިކަން ހުންނަ މީހުންނަށް ލިބެންޖެހޭ އެންމެހާ ޙައްޤުތައް ފޯރުކޮށްދެވޭފަދަ ނިޒާމެއް ޤައިމުކުރުމަށް ހިއުމަންރައިޓްސް ކޮމިޝަނުން ވަނީ ކަމާގުޅޭ އިދާރާތަކަށް އިލްތިމާސްކުރައްވާފައެވެ.

ބައިނަލްއަޤްވާމީގޮތުން ފާހަގަކުރާ ނުކުޅެދުންތެރިކަން ހުންނަ މީހުންގެ ދުވަހަކީ ކޮންމެ އަހަރެއްގެވެސް ޑިސެމްބަރުމަހުގެ ތިންވަނަ ދުވަހެވެ. ދުނިޔޭގެ ނިސްބަތުން ބަލާއިރު، އާބާދީގެ ކޮންމެ ހަތް މީހުންގެ ތެރެއިން އެކަކީ ކޮންމެވެސްވަރެއްގެ ނުކުޅެދުންތެރިކަމެއް ތަޙައްމަލުކުރާ މީހެއްކަމަށް، އދ.ގެ ދިސާތަކުން ދައްކައެވެ. މިދުވަސް ފާހަގަކުރަނީ ޢާއްމު ފަރުދުންނެކޭ އެއްފަދައިން ނުކުޅެދުންތެރިކަން ހުންނަ މީހުންނަށްވެސް ހަމަހަމަ ފުރުސަތުތަކެއް ހޯދައިދިނުމަށް ބާރުއެޅުމުގެ ގޮތުންނެވެ.