ޚަބަރު

ޤައިދީންގެ ގިނަބަޔަކަށް ޢަފޫޢާއްމެއް ދެއްވަން ނިންމަވައިފި


މީހުންމެރުން ފަދަ ބޮޑެތި ކުށްތައް ކޮށްފައިވާ ޤައިދީން ފިޔަވައި ޖަލުގައި ދެންތިބި ކުށްވެރިންގެ ތެރެއިން ގިނަޢަދަދެއްގެ ބަޔަކަށް ޝަރުޠުތަކަކާއެކު މަޢާފްދެއްވުމަށް ރައީސުލްޖުމްހޫރިއްޔާ ޢަބްދުﷲ ޔާމީން ޢަބްދުލްޤައްޔޫމު ނިންމަވައިފިއެވެ.

ޓީވީ މޯލްޑިވްސްގެ ރާއްޖެމިއަދު ޕްރޮގްރާމުގައި މިކަން ހާމަކުރައްވަމުން، ހޯމް މިނިސްޓަރު އަޒްލީން އަޙުމަދު ވިދާޅުވީ، ރައީސުލްޖުމްހޫރިއްޔާގެ ވިސްނުންފުޅު ހުރީ، ހުރިހާބާވަތެއްގެ ކުށްކުރާ މީހުން ޖަލުތަކުގައި ބަންދުކޮށް އަބަދު އެގޮތުގައި ބޭތިއްބުމަށް ނޫންކަމަށެވެ. އެމަނިކުފާނުގެ ސިޔާސަތަކީ، ޖަލުގެ ޤައިދީންގެ ތެރެއިން އަނބުރާ މުޖުތަމަޢަށް ގެނެވޭނެ މީހުން ރީހެބިލިޓޭޓް ކުރައްވައި އެމީހުން މުޖުތަމަޢަށް ނެރުއްވުން ކަމަށެވެ.

އެގޮތުން މިހާރު ޖަލުތަކުގައި ތިބި ޤައިދީންގެ ތެރެއިން، މީހުންމެރުން ފަދަ ބޮޑެތި ޖަރީމާތައް ހިންގާފައިވާ މީހުން ފިޔަވައި، ދެންތިބި ޤައިދީންގެ ތެރެއިން ގިނަބަޔަކަށް ވަކި ޚާއްސަ ޝަރުޠުތަކަކާއެކު އަފޫޢާއްމެއް ދެއްވުމަށް ރައީސް ޔާމީން މިހާރު ނިންމަވާފައިވާ ކަމަށް ހޯމް މިނިސްޓަރު ވިދާޅުވިއެވެ.

ރައީސް ޔާމީންގެ ދީލަތި އަފޫޢާއްމުގެ ދަށުން މިނިވަންވާނީ ކޮން ޤައިދީނެއްތޯ، އަދި އެމީހުން މިނިވަންވާނީ ކޮން ޝަރުޠުތަކަކާއެކުތޯ އެނގިގެންދާނީ އެކަމަށްޓަކައި މިހާރު ސަރުކާރުން ކުރައްވާ މަސައްކަތްތައް ނިމުމުން ކަމަށް ހޯމް މިނިސްޓަރު ވިދާޅުވިއެވެ. މިޙާރު ކުރިއަށްދަނީ މިކަމަށްޓަކައި އެކުލަވާލަންޖެހޭ އުސޫލުތައް އެކުލަވާލުމާއި، ޤާނޫނޫ އޮނިގަނޑު މުރާޖަޢާ ކުރުމުގެ މަސައްކަތް ކަމަށާ، އެ މަސައްކަތް ނިމުމާއެކު ރައީސް ޔާމީންގެ މި ދީލަތި އަފޫޢާއްމު ތަންފީޒު ކުރައްވާނެ ކަމަށް ހޯމް މިނިސްޓަރު އަޒަލީން އަޙުމަދު ވިދާޅުވިއެވެ.

އިންސާނީ ހައްޤުތަކުގެ ދާއިރާއިން އެންމެގިނަ ފާޑުކިއުންތަކެއް ކުރިން އަމާޒުވި އެއްތަނަކީ ރާއްޖޭގެ ޖަލުތައްކަން ފާހަގަކުރައްވައި މިނިސްޓަރު ވިދާޅުވީ މިހާރު އެޙާލަތު ބަދަލުވެފައިވާ ކަމަށެވެ. މިއަދު ރާއްޖޭގެ ޖަލުތަކަކީ ޤައިދީންނަށް ރައްކާތެރި، އެމީހުން ރީހެބިލިޓޭޓް ކުރެވޭ، އެމީހުންނަށް ތަޢުލީމާއި، މަސައްކަތް ދަސްކޮށްދެވޭ ދުނިޔޭގެ ފެންވަރުގައި ފާހަގަކޮށްލެވޭފަދަ ޖަލުތަކެއް ކަމަށް މިނިސްޓަރު ވިދާޅުވިއެވެ.