ޚަބަރު

ވަޤުފް ފަންޑާއި ގުޅުވާ ފަތުރާފައިވަނީ ދޮގު ވާހަކަތަކެއް - އޭސީސީ


ވަޤުފް ފަންޑުން ޞަދަގާތް ފައުންޑޭޝަނަށް 12،000 އެމެރިކާ ޑޮލަރު ދިންކަމަށް ބުނެ، ފެތުރު ވާހަކަތަކަކީ ޙަޤީޤަތާ ޚިލާފު ވާހަކަތަކެއް ކަމަށް އެންޓިކޮރަޕްޝަން ކޮމިޝަނުން ވިދާޅުވެއްޖެއެވެ. އެ ކޮމިޝަނުން ހާމަކުރެއްވި ގޮތުގައި އެ ކޮމިޝަނުން މިކަން ބެއްލެވިއިރު، ކޮރަޕްޝަނުގެ އެއްވެސް ޢަމަލެއް ފެނިވަޑައިގެންފައެއް ނުވެއެވެ.

ވަޤުފް ފަންޑުން ޞަދަޤާތު ފައުންޑޭޝަނަށް 12،000 އެމެރިކާ ޑޮލަރު ދިންކަމަށް ބުނެ، ފެތުރި ވާހަކަތަކާއި ގުޅިގެން އެންޓިކޮރަޕްޝަން ކޮމިޝަނުން ވަނީ، ދައުލަތުގެ މުދަލާއި ފައިސާއާ ގުޅުންހުރި މިފަދަ އެހެން ތުހުމަތުތަކުގެ މައްސަލަތައް ބައްލަވައި ފަދައިން ކަންހިނގާފައިވާ ގޮތުގެ ޙަޤީޤަތް ހޯއްދަވާފައެވެ.

ވަޤުފް ފަންޑުން ޞަދަޤާތު ފައުންޑޭޝަނަށް 12،000 އެމެރިކާ ޑޮލަރު ދިންކަމަށް ބުނެ، ފެތުރު ވާހަކަތަކަކީ ޙަޤީޤަތާ ޚިލާފު ވާހަކަތަކެއް ކަމަށް އެންޓިކޮރަޕްޝަން ކޮމިޝަނުން ވިދާޅުވީ، އަބޫދާބީގެ ޖަމްޢިއްޔާއަކުން ރާއްޖޭގެ ވަޤުފް ފަންޑަށް ހަދިޔާކުރި 24،000 އެމެރިކާ ޑޮލަރުގެ ތެރެއިން 12،000 އެމެރިކާ ޑޮލަރު ރާއްޖޭގެ އަމިއްލަ ޖަމްޢިއްޔާއެއް ކަމަށްވާ، ޞަދަޤާތު ފައުންޑޭޝަނަށް ދީފައިވާ ކަމަށް ބުނެ، އޭސީސީއަށް ހުށަހަޅާފައިވާ މައްސަލައެއް ތަޙްޤީޤު ކުރެއްވުމަށްފަހު ޢާއްމުކުރެއްވި ބަޔާނެއްގައެވެ.

އެބަޔާނުގައި ވަނީ ރާއްޖޭގެ އިސްލާމިކް މިނިސްޓްރީގެ ބެއްލެވުމުގެ ދަށުން ހިންގަވާ ވަޤުފް ފަންޑަށް، އަބޫދާބީގެ އަމިއްލަ ޖަމްޢިއްޔާއަކުން، 24،980 އެމެރިކާ ޑޮލަރު ދީފައިވާ ކަމަށެވެ. އެއީ 1437 ވަނަ އަހަރު ރަމަޟާން މަހު މިސްކިތްތަކުގައި "އިފްތާރް" ނުވަތަ ރޯދަވީއްލުމުގެ ޕްރޮގްރާމްގެ ނަމުގައި ޕްރޮގްރާމެއް ރާވައި ކުރިއަށް ގެންދިއުމަށް އެހީގެ ގޮތުގައި، ފެޑެރަލް ރިޒާވް ބޭންކް އޮފް ނިއުޔޯކުގައި އޮންނަ މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ)ގެ ޕަބްލިކް ބޭންކް އެކައުންޓަށް އަބޫދާބީގެ އަމިއްލަ ޖަމިއްޔާއަކުން ހަދިޔާކުރި ފައިސާ ކަމަށެވެ.  

އެ ފައިސާ މެދުވެރިކޮށް، އިޖްތިމާޢީ ޚިދުމަތްދޭ ވަކި ވަކި ޖަމާއަތްތައް މެދުވެރިކޮށް، އިޖުތިމާޢީ ނުވަތަ ދީނީ ޕްރޮގްރާމް ހިންގިދާނެ ކަމަށް ފައިސާ ހަދިޔާކުރި އަބޫދާބީގެ ޖަމްޢިއްޔާގެ ސިޓީއަކުން އިސްލާމިކް މިނިސްޓްރީއަށް އަންގާފައިވާ ކަމަށް އޭސީސީގެ ތަހްޤީގަށްފަހު ނެރުއްވި ބަޔާނުގައި ވިދާޅުވެފައިވެއެވެ.

އަދި ވަޤުފް ފަންޑަށް ލިބޭ ފައިސާ އެފަންޑުގެ ކޮމިޓީގެ މެމްބަރުން މަޝްވަރާގެ މަތިން ދޫކުރެއްވުމާއި، ދޫކުރައްވާނެ ފައިސާގެ މިންވަރު ކަނޑައެޅުއްވުމަކީ ވަޤުފް ފަންޑް ހިންގަވާ އުޞޫލުގައި ކަނޑައެޅިފައިވާ ކަމެއް ކަމަށާއި، އެ އުޞޫލުގެ ދަށުން އެކޮމިޓީގެ 12 ވަނަ ބައްދަލުވުމުގައި ވަނީ އަބޫދާބީގެ ޖަމްޢިއްޔާއިން ޖަމާކޮށްފައިވާ ފައިސާގެ ތެރެއިން 12،000 އެމެރިކާ ޑޮލަރަށްވާ ދިވެހި ފައިސާ ޞަދަޤާތު ފައުންޑޭޝަނަށް ދެއްވުމަށް ނިންމަވާފައިވާ ކަމަށް އޭސީސީގެ ބަޔާނުގައި ވިދާޅުވެފައިވެއެވެ.

އަދި މި ފައިސާ ޞަދަޤާތު ފައުންޑޭޝަންގެ އެކައުންޓަށް ޖަމާކޮށްދެއްވުމަށް އިސްލާމިކް މިނިސްޓްރީން ފިނޭންސް މިނިސްޓްރީއަށް އެންގެވިނަމަވެސް، ފަހުން އެކަން އެންގި ސިޓީ ކެންސަލް ކުރައްވާފައިވާ ކަމަށާއި، ޞަދަޤާތު ފައުންޑޭޝަނަށް އެ ފައިސާ ޖަމާކުރައްވާފައިވެސް ނުވާކަން އޭސީސީގެ ތަޙްޤީޤުން ހާމަވެފައިވާ ކަމަށް އެކޮމިޝަނުގެ ބަޔާނުގައިވެއެވެ. އެހެންކަމުން މި މައްސަލައަކީ ކޮރަޕްޝަނުގެ ކުށެއް އެކުލެވިގެން ނުވާ މައްސަލައެއް ކަމުގައި ކަނޑައަޅުއްވައި އޭސީސީން އެ މައްސަލަ ނިންމަވާފައިވާ ކަމަށްވެސް އެކޮމިޝަނުން ޢާއްމުކުރައްވާފައިވާ ބަޔާނުގައިވެއެވެ.