ރިޕޯޓް

ޤުރުއާނުގެ ފަންނު ކުރިއެރުވުމުގައި ނަމޫނާ ޖަމްޢިއްޔާއެއް!


ރާއްޖޭގައި ޤުރުއާނުގެ ފަންނު ތަރައްޤީކޮށް ކުރިއެރުވުމުގައި މަދަނީ ޖަމްޢިއްޔާތަކާއި ޤުރުއާން ކްލާސްތަކުގެ ދައުރު ވަރަށް ބޮޑެވެ. އެގޮތުން 31 ވަނަ ޤައުމީ ޤުރުއާން މުބާރާތުން އެއްވަނަ ޙާޞިލްކުރި މުވައްސަސާ އިސްލާމިކް ޔުނައިޓެޑް ފައުންޑޭޝަން ފޯރ އަސާސް ވިނަވި އެންޑް އިޔާރް ޤުރުއާން ކްލާހަކީ ވެސް ޤުރުއާނުގެ ފަންނު ދިރުވުމުގައި ނަމޫނާ ޖަމްޢިއްޔާއެކެވެ.

އިސްލާމިކް ޔުނައިޓެޑް ފައުންޑޭޝަން ފޯރ އަސާސް ވިނަވި އެންޑް އިޔާރް ނަމުގައި ޖަމިއްޔާ އާކީ

ސައްތައިން ސައްތަ މުސްލިމް ދިވެހި ބިމުގައި އިސްލާމީ ވަޙްދަތު ދެމެހެއްޓުމަށްޓަކައި ދީނީ ތަޢުލީމާއި ޤުރުއާނުގެ ޢިލްމު އުނގަންނައި ދިނުމުގެ މަޤްޞަދުގައި2003 ވަނަ އަހަރު އުފައްދަވާފައިވާ ޖަމްޢިއްޔާއެކެވެ.

މިޖަމިއްޔާއިގެ މަސައްކަތް ފަށާފައިވަނީ އެންމެ 100 ދަރިވަރުންނާއި އެކު ކުޑަކުޑަ ޤުރުއާން ކްލާހަކުންނެވެ.  އެހެންނަމަވެސް އެޖަމިއްޔާއިން މިހާރުދަނީ މާލޭގައި 3 ޤުރުއާން ކްލާހެއް ހިންގަމުންނެވެ. އެއީ އިޔާރު، ވިނަވި އަދި އަސާސް ޤުރުއާން ކްލާހެވެ. މިކްލާސްތައް ކުރިއަށްގެންދަނީ ޢުމުރުފުރާތަކަކަށް ބަހާލައިގެންނެވެ. އަދި ބޮޑެތި މީހުންނަށް ޚާއްސަކޮށްގެން އެކި ލެވެލްތަކުގެ ކޯސްތައް ދަނީ މި ކްލާސްތަކުގައި ހިނގަމުންނެވެ.  

އެ ޖަމްޢިއްޔާގެ ދަށުން ހިންގާ ކްލާސްތަކުގައި މިވަގުތު 1300 އަށް ވުރެ ގިނަ ދަރިވަރުން ކިޔަވަމުން ގެންދެއެވެ. ޤުރުއާން އުނގަންނައިދިނުމުގެ މަސައްކަތް ފުޅާކޮށް ސްކޫލް ލެވެލްއިން ފެށިގެން ޤައުމީ ޤުރުއާން މުބާރަތްތަކުގައި އެ ޖަމްޢިއްޔާއިން ދަނީ ބައިވެރިވަމުންނެވެ. ނަތީޖާއެއްގެ ގޮތުން 2004 ވަނަ އަހަރުން ފެށިގެން މިއަދާއި ހަމައަށް ރާއްޖޭގައި އެކި ފެންވަރުގައި ބޭއްވުނު ޤުރުއާން މުބާރާތްތަކުން، އެކްލާސްތައްވަނީ ރަންވަނަތައް ޙާސިލްކޮށްފައެވެ.

ޤުރުއާން ކިޔެވުމުގެ 19 ވަނަ ޤައުމީ މުބާރާތުން ފެށިގެން 31 ވަނަ ޤައުމީ މުބާރާތާއި ހަމައަށް މެދުކެނޑުމެއްނެތި، ޤައުމީ ފެންވަރުގައި އެ ކްލާސްތަކުން ވަނީ ރަންވަނަތަކެއް ޙާޞިލްކޮށްފައެވެ.

އަދި ޤުރުއާންކިޔެވުމުގެ 31 ވަނަ ޤައުމީ މުބާރާތުން އެއްވަނަ ޙާޞިލްކުރި މުވައްސަސާ އަކީ ވެސް އެ ޖަމްޢިއްޔާކަން ފާހަގަކޮށްލެއްވެއެވެ.

ޤުރުއާނުގެ ޢިލްމަށް ޚިދުމަތްކުރުމަށް އެ ޖަމްޢިއްޔާއިން ކުރަމުން ގެންދާ މަސައްކަތްތަކުގެ ނަތީޖާއެއްގެ ގޮތުން ކީރިތި ޤުރުއާން ކިޔެވުމާއި އުނގަންނައިދިނުމުގެ ދާއިރާއިން ރައީސުލްޖުމްހޫރިއްޔާގެ ހިތްވަރު ދިނުމުގެ އިނާމް 2013 ވަނަ އަހަރު އެ ޖަމްޢިއްޔާއަށް ލިބިފައިވެއެވެ.

އެ ޖަމްޢިއްޔާގެ މަސައްކަތްތަކާއި ގުޅޭގޮތުން ޕީއެސްއެމްއަށް މަޢުލޫމާތު ދެއްވަމުން ޤުރުއާން ކްލާސްތަކުގެ ސީނިއަރ އިންޗާރޖް އާސިފް އަޙްމަދު ވިދާޅުވީ އެ ކްލާސްތަކުގެ ގިނަގުނަ ކާމިޔާބީތަކުގެ ސިއްރަކީ އެ ޖަމްޢިއްޔާގެ މެމްބަރުންނާއި ދަރިވަރުނާއި ބެލެނިވެރިން ގުޅިގެން ކުރާ މިންނެތް މަސައްކަތް ކަމަށެވެ.

" މިކަން ކުރުމުގައި އިޚްލާސްތެރިވުމަށާއި އިޚްލާސްތެރިކަމާއި އެކީ ކުރާ މަސައްކަތް އަޅުގަނޑުމެންގެ އަތުން ބީވެގެން ނުދާނެކަމަށް އަޅުގަނޑުމެން މުވައްޒަފުންނަށް، އަބަދުވެސް އަޅުގަނޑުމެންގެ އިސްކޮށް މަސައްކަތްކުރައްވާ ބޭފުޅުން، ބުނެދެއްވާ. އެންމެން ގުޅިގެން ކުރާ އިޚްލާސްތެރި މަސައްކަތް، މި ކާމިޔާބީގެ އަސްލަކީ." އާސިފް ވިދާޅުވިއެވެ.

ޤުރުއާން އުނގަންނައިދިނުގެ ޚިދުމަތްތައް އިތުރަށް ފުޅާކޮށް ދަރިވަރުންނަށް ޝައުޤުވެރި ގޮތަކަށް ފިލާވަޅުތައް ކުރިއަށް ގެންދިއުމަށް އެ ޖަމްޢިއްޔާއިން މަސައްކަތްކުރެއެވެ. އެގޮތުން މަލްޓިމީޑީޔާގެ ވަޞީލަތްތައް ބޭނުންކޮށްގެން ކުދިން ޝައުޤުވެރިވާގޮތަށް ފިލާވަޅުތައް ކުރިއަށް ގެންދިއުމަށް އެ ޖަމްޢިއްޔާއިން ޚާއްސަ ސަމާލުކަމެއްދެއެވެ.

ހަމައެހެންމެ ތަޖުވީދުމަގަށް ޤުރްއާން ކިޔެވުން އަށަގަންނުވައި ޤުރުއާން ކިޔެވުމުގެ ދާއިރާއިން ފޭރާންހެޔޮ މުޖުތަމަޢުއެއް ބިނާކުރުމަށްޓަކައި 2005 ވަނަ އަހަރުން ފެށިގެން ކޮންމެ އަހަރަކު އެ ޖަމްޢިއްޔާއިން ޤުރުއާން މުބާރާތެއް ބާއްވައެވެ. އެ ޖަމްޢިއްޔާގެ ޤުރުއާން ކްލާސްތައް ހިމެނޭގޮތަށް ހުރިހާ ސްކޫލްތަކަށް ހުޅުވާލައިގެން ބާއްވާ މި މުބާރާތަކީ މާލޭގެ ސްކޫލްތަކުން ގިނަ ޢަދަދެއްގެ ދަރިވަރުން ބައިވެރިވާ މުބާރަތެކެވެ.

ޤުރުއާން ކިޔަވައިދިނުމުގެ އިތުރުން އެ ކްލާސްތައް މެދުވެރިކޮށް ދީނީ ތަޢުލީމު ދިނުމަށް އެ ޖަމްޢިއްޔާއިން ޚާއްޞަ އިސްކަމެއްދެއެވެ. ޢަރަބި ތަޢުލީމު އުނގަންނައިދިނުމުގެ ގޮތުން ޑިޕްލޮމާ ފެންވަރުގެ ކޯސްތަކެއް ފެށުމަށް މިހާރު އެޖަމްޢިއްޔާއިން ދަނީ މަސައްކަތްކުރަމުންނެވެ. މީގެ އިތުރުން ޤުރުއާނުގެ ދާއިރާއިން އެކި ލެވެލްތަކުގެ ކޯސްތައް ފެށުމަށްވެސް އެ ޖަމްޢިއްޔާއިން ދަނީ މަސައްކަތްކުރަމުންނެވެ.

މި ކޯސްތަކުގައި ގްރޭޑް 7 އިން މަތީގައި ކިޔަވާ ދަރިވަރުންނަށް ސްކޫލްގައި ކިޔަވަމުން ޤުރުއާން ކޯސްތައް ހެދޭނެ ކަމަށާއި ގްރޭޑް 10 ނިންމާއިރު އެކުދިންނަށް ޑިޕްލޮމާ ސެޓްފިކެޓް ޙާސިލްކުރެވޭނެ ކަމަށް ވެސް އެ ޖަމްޢިއްޔާއިން ބުނެއެވެ.

މާލޭގެ އިތުރުން ރާއްޖޭގެ އެކި އަތޮޅުތަކުގައި ޤުރުއާނުގެ ފަންނު ދިރުވުމަށްޓަކައި މަސައްކަތް ކުރާކަން ފާހަގަކުރެވެއެވެ. ހދ. ވައިކަރަދޫ އާއި ގދ. ތިނަދޫގައި އެ ޖަމްޢިއްޔާއިން ޤުރުއާން ކްލާސްތައް ހިންގައެވެ. އަދި ރ. އަތޮޅާއި އއ. އަތޮޅުގައި ވެސް ޤުރުއާން ކްލާސްތައް ފެށުމުގެ މަސައްކަތް މިހާރު ކުރިއަށްގެންދާ ކަމަށް އެ ޖަމްޢިއްޔާއިން ބުނެއެވެ.

މުޖުތަމަޢުއަށް ފައިދާހުރި، ޤުރުއާނަށް ލޯބިކުރާ ޒިންމާދާރު ޖީލެއް އުފެއްދުމަށް އެ ޖަމްޢިއްޔާއިން ކުރަމުން މަސައްކަތީ އަގުނުކުރެވޭ ފަދަ ބޮޑު މަސައްކަތެކެވެ. ޤައުމުގެ އިސް މަޤާމްތަކުގައި އެ ޤުރުއާން ކްލާހުން އުނގެނުނު ދަރިވަރުން ތިބިކަން މިއީ ފަޙްރުވެރިކަމާއެކު ފާހަގަކޮށްލެއްވޭ ކަމެކެވެ. ތަޖުވީދުގެ ހަމަތަކާއި އެކު ތަރުތީލަކޮށް ޤުރުއާންކިޔަވަން އެނގޭ، ޤުރުއާނަށް ލޯބިކުރާ އެތައް ދަރިންނެއް އިސްލާމިކް ޔުނައިޓެޑް ފައުންޑޭޝަން ފޯރ އަސާސް ވިނަވި އެންޑް އިޔާރްގެ ޤުރުއާން ކްލާސްތަކުން އުފެއްދިއެވެ.

 ކޮންމެ ދާއިރާއަކުން ކޮންމެ ފަންނަކުން އެ ދަރިންގެ ޚިދުމަތް ޤައުމަށް ލިބެމުނުކަމުގައި ވިޔަސް ޤުރުޢާނުގެ ޢިލްމުގެ ސަބަބުން އެ ދަރީންނަށް ދެ ދުނިޔޭގައި ފައިދާ ލިބޭނެކަން ޔާޤީނެވެ. އެހެންކަމުން އެ ދަރިންނަށް އެންމެ އަގުހުރި ހަދިޔާއެއް ދިން އެއް މުވައްސަސާއަކީ އިސްލާމިކް ޔުނައިޓެޑް ފައުންޑޭޝަން ފޯރ އަސާސް ވިނަވި އެންޑް އިޔާރްގެ ޤުރުއާން ކްލާސްތައްކަން ޤަބޫލުކުރަންޖެހެނީ ޝުކުރުވެރި ހިތަކުންނެވެ.