ރިޕޯޓް

ހިރިގަލުގެ މިސްކިތްތައް ދުނިޔޭގެ ތަރިކައިގެ ދާއިމީ ލިސްޓަށް


ދިވެހި ރާއްޖެއަކީ މުއްސަނދި ތާރީޚަކާއި ސަޤާފަތެއް އޮތް ޤައުމެކެވެ. 

މަސައްކަތްތެރި ފަންނުވެރި ހުނަރުވެރިންގެ ކުޅަދާނަކަން ފެންނަން ހުރި ޤައުމެކެވެ. ކާބައިފައިންގެ މިފަދަ މަސައްކަތްތައް ރާއްޖޭގެ އެކި ކަންކޮޅުން މިއަދުވެސް ފެންނަ އެބަހުއްޓެވެ. އެތައް ސަތޭކަ އަހަރެއް  ވެގެންދިޔަ ނަމަވެސް އޭގެ އަސްލަށް  ބަދަލެއް ނާންނަ އެތަށް އަސާރީ ބިނާ ތަކެއް އެބަހުއްޓެވެ. ކާބަފައިންގެ ފަންނުވެރިކަމާއި ހުނަރު ފެންނަން ހުރި ދިވެހިންގެ ތަރިކަ ޙިމާޔަތްކޮށް ރަައްކާތެރިކޮށް އަންނަން އޮތް ޖީލުތަކަށް ފޯރުކޮށްދިނުމަކީ ކޮންމެހެން ކުރަންޖެހޭ ކަމެކެވެ. މި މަސައްކަތުގެ ދަށުން މިފަދަ ބައެއް ބިނާތަކާއި ތަންތަން ސަރުކާރުން ވަނީ ޙިމާޔަތްކުރައްވާފައެވެ. 

ކާބަފައިންގެ ފަންނުވެރިކަން އެންމެ ބޮޑަށް  ފެނިގެންދަނީ ރާއްޖޭގެ އެކި ސަރަހައްދުތަކުގައި މިއަދުވެސް ފެންނަ ހުރި ހިރިގަލުން ބިނާކޮށްފައިވާ މިސްކިތްތަކުންނެވެ. މީގެތެރެއިން 6 މިސްކިތެއް މިހާރު ވަނީ ޔުނެސްކޯއިން އެކުލަވާލާފައިވާ ދުނިޔޭގެ ތަރިކައިގެ ވަގުތީ ލިސްޓްގައި ހިމަނާފައެވެ. 

img:http://s1.psmnews.mv/images/660x400/14859728620678.jpg|

ޑިޕާރޓްމަންޓް އޮފް ހެރިޓޭޖުން އެންމެ އިސްކަމެއް ދެއްވައިގެން މިހާރު ކުރައްވަމުން ގެންދަވާ އެއް މަސައްކަތަކީ މި 6 މިސްކިތް ދުނިޔޭގެ ތަރިކައިގެ ދާއިމީ ލިސްޓަށް އެރުވުމުގެ މަސައްކަތެވެ. މި މަސައްކަތުގައި އެންމެ އިސްކޮށް އުޅުއްވާ  މުޙައްމަދު މަޢުރޫފް ޖަމީލް ވިދާޅުވީ، މި މިސްކިތްތައް ދުނިޔޭގެ ތަރިކައިގެ ދާއިމީ ލިސްޓުގައި ހިމެނޭނެކަމުގެ ވަރަށްބޮޑު ޔަޤީންކަމެއް ލިބިވަޑައިގެންފައިވާކަމަށެވެ.  އަދި މި މިސްކިތްތައް އެ ލިސްޓަށް އެރުމުން ޢިޖުތިމާޢީ ގޮތުންނާއި އިޤްތިޞާދީ ގޮތުން ރާއްޖެއަށް ގިނަ ފައިދާތަކެއް ލިބިގެންދާނެކަން އެނާ ފާހަގަކުރެއްވިއެވެ. 

"އަޅުގަނޑުމެންނަކީ ހަމައެކަނި ސަން އެންޑް ސޭންޑޭ މިކިޔާ ހަމައެކަނި ވެއްޔާ އަވި އެކަނި އޮތްތަނެއް ނޫންކަން. ހަތަރުހާސް އަހަރުގެ ކުރީގެ ކަލްޗަރއެއްވެސް އޮތް ތަނެއްކަން. އެހެންވީމާ ކަލްޗަރއަށް ލޯބިކުރާ މީހުންނަށްވެސް އަދި މުޅި ދުނިޔެއަށްވެސް، ރާއްޖޭގައި އެބަހުރިކަން ތަންތަނާ އެއްޗެހި މުޅި ދުނިޔެއަށް އެނގިގެން ދިއުމަކީ އަޅުގަނޑުމެންގެ ޓުއަރިޒަމަށް އިތުރު ފައިދާތަކެއް ވެގެންދާނެކަމެއް." މަޝްރޫޢުގެ ކޮންސަލްޓަންޓް މުޙައްމަދު މަޢުރޫފް ޖަމީލް ވިދާޅުވިއެވެ.

img:http://s3.psmnews.mv/images/660x400/14641742173196.jpg|މާލޭ ހުކުރު މިސްކިތް

މި މަސައްކަތުގެ ދަށުން ދުނިޔޭގެ ތަރިކައާއި ބެހޭ ބޭރުގެ ތަޖުރިބާކާރުންނާއިއެކު ޑިޕާޓްމަންޓް އޮފް ހެރިޓޭޖުން ވަނީ މާލޭގައި ހަދުވަހުގެ މަސައްކަތު ބައްދަލުވުމެއް ބާއްވާފައެވެ. މި މަސައްކަތު ބައްދަލުވުމަށްފަހު ފީއެސްއެމްއަށް މަޢުލޫމާތު ދެއްވަމުން ދުނިޔޭގެ ތަރިކައާއި ބެހޭ ދުނިޔޭގެ ތަޖުރިބާކާރުން ވިދާޅުވީ، ރާއްޖޭގައި ހުރި ހިރިގަލުގެ މިސްކިތްތަކަކީ ދުނިޔޭގެ ތަރިކައިގެ ދާއިމީ ލިސްޓްގައި ކޮންމެހެން ހިމެނަން ޖެހޭ ބިނާތަކެއްކަމަށާއި މި ބިނާތަކަކީ ވަރަށް ފުރިހަމަކޮށް އިމާރާތްކޮށްފައިވާ ތަންތަންކަމަށެވެ. އަދި އެ ތަންތަނުގެ ސަބަބުން ދިވެހިންގެ ހުނަރުވެރިކަމާއި ސަޤާފަތް މުޅި ދުނިޔެއަށް މަޝްހޫރުވެގެންދާކަމަށެވެ. 

ދިވެހިރާއްޖޭގައި ހިރިގަލުން ހަދާފައި ހުރި 21 މިސްކިތް އެބަހުއްޓެވެ. މީގެތެރެއިން ދުނިޔޭގެ ތަރިކައިގެ ވަގުތީ ލިސްޓުގައި ހިމެނިފައިވަނީ ، މާލޭ ހުކުރު މިސްކިތާއި، ޢީދު މިސްކިތާއި، ހއ. އިހަވަންދޫ މިސްކިތަކާއި، އދ، ފެންފުށީ މިސްކިތާއި ލ. އިސްދޫ މިސްކިތުގެ އިތުރުން ރ. މީދޫ މިސްކިތެވެ.