ރިޕޯޓް

ތިމަރަފުށީގައި ޒަމާނީ ފެންވަރުގެ ފެނުގެ ނިޒާމެއް ޤާއިމްކުރަނީ


ތ.އަތޮޅު ތިމަރަފުށީގައި ޒަމާނީ ފެންވަރުގެ ފެނުގެ ނިޒާމެއް ޤާއިމް ކުރެއްވުމުގެ ޢަމަލީ މަސައްކަތް ފެއްޓެމުމަށް މިހާރު ވަނީ ތައްޔާރުވެފައެވެ.  މި މަސައްކަތަށް ބޭނުންވާ ސާމާނު މިހާރު ވަނީ އެރަށަށް ގެންގޮސްފައެވެ. 

ތ. އަތޮޅުގެ އެންމެ އާބާދީ ބޮޑު ރަށްކަމަށްވާ ތިމަރަފުށްޓަށް ދިމާވެފައިވާ ފެނުގެ މައްސަލައަކީ އެރަށުގެ ރައްޔިތުންނަށް ދިމާވެފައިވާ އެންމެބޮޑު އަސާސީ އެއް މައްސަލައެވެ. މިމައްސަލަ ޙައްލުކޮށްދެއްވުމުގެ ގޮތުން ސަރުކާރުން ވަނީ އެރަށުގައި ފެންވަރު ރަނގަޅު ފެނުގެ ނިޒާމެއް ޤާއިމްކުރެއްވުމަށް ބަޔަކާ ޙަވާލުކުރައްވާފައެވެ. މި މަސައްކަތް ސަރުކާރުން ހަވާލުކުރެއްވީ ސްރީލަންކާގެ ކުންފުންޏެއް ކަމަށްވާ ޕިއުރިޓާސް ޕްރައިވެޓް ލިމިޓެޑާއެވެ. 

ތިމަރަފުށީ ފެނުގެ ނިޒާމްގެ ޢަމަލީ މަސައްކަތް ފެށުމަށް މިހާރު ތައްޔާރުވެފައިވާއިރު އެކަމަށް ބޭނުންވާ ސާމާނުތައްވެސް މިހާރު ވަނީ އެރަށަށް ޖަމާކޮށްފައެވެ. 

ތިމަރަފުށީ ކައުންސިލް މެމްބަރ އަޙުމަދު އިޙުސާން ވިދާޅުވީ، ފެން ޕްލާންޓް ބެހެއްޓުމަށް ބޭނުންވާ ބިން ކައުންސިލުން ކޮންޓްރެކްޓަރާ ހަވާލުކޮށްފައިވާކަމަށާއި، މިހާރު ކުރިއަށްދަނީ ބިން ސާފުކުރުމަށްފަހު ފެން ޕްލާންޓު ބެހެއްޓުމަށް އެ ބިން ތައްޔާރުކުރުމުގެ މަސައްކަތް ކަމަށެވެ. 

"މިސަރުކާރު އައި ފަހުން ފުރަތަމަ ފަހަރަށް ތިމަރަފުށީގައި ފެނުގެ ނިޒާމެއް ޤާއިމް ކުރެވިގެން މިދަނީ. އިރާދަކުރެއްވިއްޔާ މިހާރު މިއޮތީ މަސައްކަތުގެ ކަރުދާހުގެ މަސައްކަތް ނިމި ހަދަންޖެހޭ ހުރިހާ ސާރވޭތައް ނިމި، އިރާދަފުޅުން މަސައްކަތް ފެށުމަށް ތައްޔާރުވެފަ. ކައުންސިލްގެ ފަރާތުން މިހާރު ވާނީ މަސައްކަތް ކުރުމަށްޓަކާ މި މަސައްކަތަށް ބޭނުންވާ ސާމާނުތަކަށް ބެހެއްޓުމަށް ސައިޓްވެސް ހަވާލުކޮށްފަ" ތިމަރަފުށީ ކައުންސިލް މެމްބަރ އަޙުމަދު އިޙުސާން ވިދާޅުވިއެވެ. 

ތިމަރަފުށީ ފެނުގެ ނިޒާމުގެ މަސައްކަތް  މިއަހަރުގެ  ޖުލައި މަހުގެނިޔަލަށް ނިންމާގޮތަށް ސްރީލަންކާގެ ޕިއުރިޗާސް ކުންފުންޏާ، ހަވާލުކުރައްވާފައިވަނީ މިދިޔަ އަހަރުގެ ފެބްރުއަރީ މަހުގެ 11 ވަނަ ދުވަހުއެވެ. މިމަޝްރޫއަށް 27.7 މިލިޔަން ރުފިޔާ ޚަރަދުވާނެކަމަށް އެންވަޔަރަމަންޓް މިނިސްޓްރީން ވިދާޅުވެއެވެ.  

ސަރުކާރުން މީގެ ކުރިން ވަނީ ތިމަރަފުށީގައި ނަރުދަމާ ނިޒާމް ޤާއިމްކޮށްދެއްވާފައެވެ.