ޓުއަރިޒަމް

2016 ވަނަ އަހަރު ގްރީން ޓެކްސްގެ އާމްދަނީ %4.4 އިތުރު


މިދިޔަ އޮކްޓޫބަރު މަހު ގެސްޓް ހައުސްތަކުން ގްރީން ޓެކްސް ނަގަން ފެށުމުން މިޓެކުހުން ދައުލަތަށް ލިބުނު އާމްދަނީ %4.4 އިތުރުވެއްޖެއެވެ. 

2015 ވަނަ އަހަރު ގްރީން ޓެކްހުން ލިބުނު އާމްދަނީއަށް ވުރެ މިދިޔަ އަހަރު މި ޓެކްހުން ދައުލަތަށް ލިބުނު ޢާމްދަނީ %4.4 އިންސައްތަ އިތުރުވެެފައިވާއިރު، މިދިޔަ އަހަރު ގްރީން ޓެކްސްގެ ގޮތުގައި ހަސޭތަ ތިރީސް ތިން މިލިއަނަށްވުރެ ގިނަ ރުފިޔާ ދައުލަތަށް ލިބުނެވެ. 2015 ވަނަ އަހަރު ގްރީން ޓެކްސްގެ ގޮތުގައި މީރާއަށް ލިބުނީ ސާޅީސް ފަސް މިލިއަން ރުފިޔާއެވެ. 

ގްރީން ޓެކްސްގެ ގޮތުގައި މީރާއަށް ފައިސާ ބަލައިގަންނަމުންދަނީ ޑޮލަރުންނެވެ. 2016 ވަނަ އަހަރު ލިބުނު ހަސަތޭކަ ތިރީސް ތިން މިލިއަން ރުފިޔާއަކީ ޑޮލަރުން ބަލާނަމަ ސާޅީސް އެއް މިލިއަން ޑޮލަރެވެ. ގެސްޓްހައުސްތަކުގައި ތިބޭ ޓޫރިސްޓުންގެ އަތުން ކޮންމެ ދުވަހަކަށް ގްރީން ޓެކްސްގެ ގޮތުގައި ނަގަން ޖެހެނީ 3 އެމެރިކާޑޮލަރެވެ. ގެސްޓް ހައުސްތަކުން ގްރީން ޓެކްސް ނަގަން ފަށާފައިވަނީ މިދިޔަ އަހަރުގެ އޮކްޓޫބަރު މަހުން ފެށިގެންނެވެ. 

ރާއްޖޭގައި ހިންގާ ރިސޯޓުތަކާއި ޓޫރިސްޓު ހޮޓާ ތަކާއި ޓޫރިސްޓު އުޅަނދުތަކަށް އަންނަ ޓޫރިސްޓުންގެ އަތުން ގްރީން ޓެކްސް ނެގުމަށް ރައްޔިތުންގެ މަޖިލީހުން ފާސްކުރައްވާ އެ ޓެކްސް ނަގަން ފެއްޓެވީ 2015 ވަނަ އަހަރުގެ ނޮވެމްބަރު މަހުން ފެށިގެންނެވެ. މި ޤާނޫނުގެ ދަށުން، ޓޫރިސްޓް ރިސޯޓްތަކާއި ޓޫރިސްޓް ހޮޓާތަކާއި ޓޫރިސްޓް އުޅަނދުތަކަށް އަންނަ ފަތުރުވެރިން ކޮންމެ ފަތުރުވެރިއެއްގެ އަތުން 6 ޑޮލަރުގެ ޓެކްހެއް އަންނަނީ ނަގަމުންނެވެ. ގްރީން ޓެކްސް ތައާރަފު ކުރީ ރާއްޖެ އަކީ ފަތުރުވެރިކަމުގެ މަންޒިލަކަށް ވެފައި ކުނި ނައްތާލުމުގެ ރަނގަޅު ނިޒާމެއް ގާއިމުވެފައި ނެތުމުން، ފަތުރުވެރިކަމުގެ ދާއިރާއަށް އޭގެ ނޭދެވޭ އަސަރުކުރަމުންދާތީ، ރާއްޖޭގައި ތިމާވެއްޓާ ރައްޓެހި އެކަށީގެންވާ ކުނި ނައްތާލާ ނިޒާމެއް ގާއިމުކުރުމަށް މަގުފަހިކުރުމަށާއި، ރާއްޖޭގެ ފަތުރުވެރިކަމަކީ ތިމާވެއްޓާ ރައްޓެހި ސިނާޢަތަކަށް ހަދައި ފަތުރުވެރިންނަށް ތިމާވެއްޓާ ރައްޓެހި ޚިދުމަތްތަކެއް ފޯރުކޮށްދިނުމުގެ މަޤުސަދުގައެވެ. 2015 ވަނަ އަހަރު ރާއްޖެއަށް ތަޢާރަފްކުރި ގްރީންޓެކްހުން ލިބޭ އާމްދަނީ މައިގަނޑު ގޮތެއްގައި ބޭނުންކުރާނީ ނަރުދަމާ ނިޒާމާއި ފެނުގެ ނިޒާމް ގާއިމު ކުރުމުގެ އިތުރުން ގޮނޑުދޮށް ހިމާޔަތް ކުރުމުގެ މަޝްރޫޢުތަކަށްކަމަށް ސަރުކާރުންވަނީ ވިދާޅުވެފައެވެ.