ކުޅިވަރު

ޗެލްސީގެ ޑިފެންޑަރ އިވަނޮވިޗް ޒެނިތަށް


ޗެލްސީގެ ޑިފެންޑާރ ބްރަނިސްލާވް އިވަނޮވިޗް ރަޝީޔާގެ ޒެނިތަށް ބަދަލްވެއްޖެއެވެ. 

އިވަނޮވިޗް ޒެނިތާއި މި ގުޅުނީ 2019 ވަނަ އަހަރުގެ ސީޒަންގެ ނިޔަލަށެވެ. އުމުރުން ބައްތިރީސް އަހަރުގެ އިވަނޮވިޗް ޒެނިތާއި ގުޅުމަށްފަހު ބުނީ އަބަދުވެސް ޗެލްސީ ދޫކޮށްލުމަށްފަހު ބޭނުންވީ ރަޝިޔާގެ ކްލަބަކަށް ބަދަލްވާންކަމަށާއި، މި ލީގަކީ އޭނާއާއި ވަރަށް ގާތް ލީގެއްކަމަށެވެ.

ޗެލްސީއާއި 2008ވަނަ އަހަރު ގުޅުމުގެ ކުރިން އިވަނޮވިޗްވަނީ ރަޝިޔާ ލީގްގެ ލޮކޮޓިވް މޮސްކޯއަށްވެސް ކުޅެފައެވެ. 

"އަހަރެންނާ ވަރަށް ގާތް ލީގެއް ރަޝިޔާ ލީގަކީ، އަބަދުވެސް ހިތަށް އަރާ ޗެލްސީ ދޫކޮށްލާ ދުވަހަކު ރަޝިޔާއަށޭ ބަދަލްވާނީ، ވަރަށް ހިތްހަމަޖެހިފައި މިހިރީ"

ސާބިއާގެ ކެޕްޓަންވަނީ އޭނާ ޗެލްސީއާއިއެކު ހޭދަކުރި އަށް ސީޒަންގައި ދެ ޕްރިމިއަރ ލިގާއި، ޗެމްޕިއަންސް ލީގެއް ވެސް ހޯދާފައެވެ. އަދި ޔޫރޮޕާ ލީގްވެސް އިވަނޮވިޗްގެ މޮޅު ކުޅުމާއިއެކު ޗެލްސީން 2013ވަނަ އަހަރު ހޯދިއެވެ. 2013ވަނަ އަހަރުގެ ޔޫރޮޕާ ލީގުގެ ފައިނަލުން ޗެލްސީ މޮޅުވި ލަނޑު ޖެހި ކުޅުންތެރިޔަކީ އިވަނޮވިޗްކަން ފާހަގަކޮށްލެވެއެވެ. 

އޭނާއަކީ ޑިފެންޑަރެއް ކަމުގައިވިޔަސް މުހިންމު ގިނަ ގޯލްތަކެއް ޗެލްސީއަށް އިވަނޮވިޗްވަނީ ޖަހައިދީފައެވެ. 

އިވަނޮވިޗް ބުނީ އޭނާ އަދި މޮޅަށް ފުޓްބޯޅަ ނުކުޅެވޭވަރަށް މުސްކުޅި ނުވާކަމަށާއި، ގިނަ އަހަރުތަކަކު ކުޅެން ބޭނުންވާކަމަށެވެ.