ކުޅިވަރު

ހަލް ސިޓީ އަތުން ބަލިވުން، ގަބޫލެއް ނުކުރެވޭ - ކްލޮޕް


ލިވަޕޫލްގެ ކުޅުންތެރިން ހޭލަންވެއްޖެކަމަށާއި، ހަލްސިޓީއަތުން ރޭ ބަލިވެގެން ނުވާނެކަމަށް ލިވަޕޫލްގެ ކޯޗް ޔާގެން ކްލޮޕް ބުނެފިއެވެ.

އިނގިރޭސި ޕްރިމިއަރ ލީގުގައި ރޭ ހަލްސިޓީ އަތުން ލިވަޕޫލް ބަލިވީ ދޭއް ސުމަކުންނެވެ. މެޗުގައި ހަލް ސިޓީގެ ދެ ގޯލް ޖަހައިދިނީ އަލްފްރެޑް އެންޑިޔޭ، އަދި އޮމަރް ނިއައްސޭއެވެ.

ލިވަޕޫލްގެ ކޯޗް ޔާގެން ކްލޮޕް ބުނީ ރޭގެ މެޗުގައި ލިވަޕޫލްގެ ކުޅުންތެރިން ދެއްކި ދަށް ކުޅުން ގަބޫލުކުރަންވެސް އުނދަގޫކަމަށެވެ. ބަލިވުމުން ރުޅިގަދަވެފައި ހުރި ކްލޮޕް ބުނީ ލިވަޕޫލްގައި ތިބި ކުޅުންތެރިންނާއިއެކު މި ނަތީޖާ ގަބޫލެއް ނުކުރެވޭނެކަމަށާއި، ކުޅުންތެރިން ހޭލަން ޖެހިއްޖެކަމަށެވެ.

"އެއްގޮތަކަށްވެސް ގަބޫލެއް ނުކުރެވޭ މިހެންވެދާނެކަމަކަށް، ކުޅުންތެރިން ހޭލަން ވެއްޖެ މިހާރު، ކުރިއަށްހުރި މެޗުތަކުގައި ރަނގަޅުކުރުން މިހާރު އޮތީ" ކްލޮޕް ބުންޏެވެ.

ހަލްސިޓީންބޭނުން ގޮތަކަށް ކުޅެން ދޫކޮށްލައިގެން ތިބެންޏާ ބަލިވާނެކަމަށާއި، ރޭގެ މެޗުގައިފެނިގެންދިޔައީ އެކަންކަމަށް ކްލޮޕް ބުންޏެވެ.

ހަލްސިޓީގެ ކޯޗް މާކޯ ސިލްވާ މެޗަށްފަހު ބުނީ ރެލިގޭޝަނުން އަރައިގަތުމަށް މަސައްކަތްކުރަމުންދާ ހަލްސިޓީއަށް މިއީ މުހިންމު މޮޅެއްކަމަށާއި، ކުޅުންތެރިން ދެއްކި ހިތްވަރަށް ސާބަސް ކިޔާކަމަށެވެ. 

ޕްރިިމިއަރ ލީގުގައި ރޭ ކުޅުނު އެހެން މެޗުތަކަށް ބަލާލާއިރު ޓޮޓެންހަމްވަނީ 1-0ން މިޑްލްސްބްރާ ބަލިކޮށްފައެވެ. ސަންޑަލެންޑް 0-4ން ކްރިސްޓަލްސް ޕެލަންސް ބަލިކުރިއިރު، އެވަޓަން އަދި ބޯންމަތްގެ ކުރިމަތިލުން 6-3ން ކާމިޔާބުކުރީ އެވަޓަންއެވެ. ވެސްޓްހަމް އަދި ސައުތަމްޓަންގެ ކުރިމަތިލުން 1-3ން ކާމިޔާބުކުރީ ވެސްޓްހަމް ޔުނައިޓެޑެވެ. ވޮޓްފޯޓް ބާންލީ އަތުން 2-1 ން މޮޅުވިއިރު، ވެސްޓްބްރޮމްވަނީ 1-0 ން ސްޓޯކް ބަލިކޮށްފައެވެ.