ކުޅިވަރު

ޖުންއާއިއެކު ޔޫކްރެއިންގެ ތިން ކުޅުންތެރިން ގްރީން ސްޓްރީޓަށް


މިދިޔަ ސީޒަންގައި ނިއުރޭޑިއަންޓުން ފެނުނު ޖަޕާންގެ ކީޕަރު ޖުން ކޮޗީއާއިއެކު ބިދޭސީ އިތުރު ތިން ކުޅުންތެރިން ފުރަތަމަ ޑިވިޝަންގައި އަލަށް ވާދަކުރާ ގްރީން ސްޓްރީޓާ ގުޅިއްޖެއެވެ.

ކީޕަރު ޖުންގެ އިތުރުން ޓީމާއި ގުޅިފައިވަނީ ޔޫކްރެއިންގެ ތިން ކުޅުންތެރިންނެވެ. އެއީ ޑިފެންޑަރަކާއި، ފޯވާޑެއްގެ އިތުރުން މިޑްފިލްޑަރެކެވެ.

ގްރީން ސްޓްރީޓާއި އަލަށް ގުޅުނު ޑިފެންޑަރު ޕެޓްރޯ ކޮވަލްޗުކްއަކީ އޭޝިޔާގެ ފުޓްބޯޅައިގެ ތަޖުރިބާހުރި ކުޅުންތެރިއެކެވެ. އޭނާވަނީ އޭޝިޔާގެ ފުޓްބޯޅަ ތަޖުރިބާކުރުމުގެ ކުރިން ޔޫކްރެއިން ފުރަތަމަ ޑިވިޝަންގެ ޗޯރޮމޮނެޓްސް އޮޑެސާއަށް ކުޅެފައެވެ. އުމުރުން 32 އަހަރުގެ ކޮވަލްޗުކް އެންމެ ފަހުން ކުޅެފައިވަނީ ތަޖިކިސްތާންގެ ލީގް ޗެމްޕިއަން އިސްތިކްލާލްއަށެވެ.

އޭނާ އެ ކްލަބާއިއެކު 2015 އަދި 2016 ގެ ލީގު އުފުލާލިއެވެ. އަދި އެޓީމާއިއެކު 2015 ގެ އޭއެފްސީކަޕްގެ ފައިނަލްގައިވެސް އޭނާ ކުޅުނެވެ. މިދިޔަ ދެ އަހަރު އިސްތިކްލާލްއަށް ކުޅުމަށްފަހު އެ ކްލަބުން އޭނާ ދޫކޮށްލީ މިދިޔަ ޖެނުއަރީ މަހުއެވެ. 

ކޮވަލްޗުކްއާއިއެކު ދެން ގްރީން ސްޓްރީޓާއި ގުޅުނު ދެ ކުޅުންތެރިންނަކީ ދިމިތްރޯ ޒަންޑޯވް އަދި އިލިއާ ސޮބޯލްއެވެ.

ގްރީން ސްޓްރީޓްގެ ކޯޗް ސަބާހް މުޙައްމަދު ބުނީ ބިދޭސީ ތަޖުރިބާކާރު ޑިފެންޑަރެއް ގެންނަން ނިންމީ ގްރީން ސްޓްރީޓްކަހަލަ އާ ޓީމަކަށް ތަޖުރިބާ މުހިންމުވާތީކަމަށާއި، ދެން އައި ދެ ކުޅުންތެރިންނަކީ ވަރަށް ޒުވާން ދެ ކުޅުންތެރިންކަމަށެވެ. އަދި ޓީމްގައި ތިބި ދިވެހި ކުޅުންތެރިންގެ ފިޓްނަސް މިދިޔަ މަދު ދުވަސްކޮޅުގައި ވަރަށް ރަނގަޅުކޮށްފިކަމަށްވެސް ސޮބާ ފާހަގަކުރިއެވެ. 

"އަހަރުމެން ޓީމުގެ ފަހަތަށް ތަޖުރިބާ ވަރަށް މުހިންމު އެހެންވެ ކޮވަލްޗުކް ގެނައީ، ދެން މިއުޅެނީ ވަރަށް ޔަންގް ދެ ކުޅުންތެރިން، ވަރަށް ބަލާފަ މި ކުޅުންތެރިން މި ގެނައީ" ގްރީން ސްޓްރީޓް ފުރަތަމަ ޑިވިޝަނަށް ކޮލިފައި ކޮށްދިން ސޮބާހް ބުންޏެވެ.

މިދިޔަ ބުރާސްފަތި ދުވަހުން ފެށިގެން ގްރީން ސްޓްރީޓްގެ ބިދޭސީ ކުޅުންތެރިން އަންނަނީ އެޓީމްގެ ޕްރެކްޓިސްގައި ބައިވެރިވަމުންނެވެ.