ޚަބަރު

ޕީޕީއެމްގެ މެމްބަރުން ޖޯޝުގައި މަސައްކަތްކުރުމަށް ގޮވާލައްވައިފި


ޕީޕީއެމްގެ ދިރުމަށް އިޝާރާތްކުރައްވަމުން، އަސުރު މަލަކީ ހުރިހާ އިރަކަށްވެސް ފޮޅިފައި، އެމަލުގެ ނަލަކަމާއި ޗާލުކަން މުޅި ދިވެހި ޖީލަށް ފާއްދާލަދޭނެ މަލެއްފަދައޭ ވިދާޅުވެ، ޕާޓީގެ މެމްބަރުން ހުރިވާ ވަގުތެއްގައި ޖޯޝާއެކު ކުރާ މަސައްކަތަށް ރައީސް އަބްދުﷲ ޔާމީން ޢަބްދުލްޤައްޔޫމް ހިތްވަރުދެއްވައިފިއެވެ. 

ޕީޕީއެމްގެ އައު އޮފީސް ހުޅުވުމަށް ރޭ ބޭއްވި ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން ރައީސް ޔާމިން ވިދާޅުވީ ޕީޕީއެމްއަކީ ތަރައްޤީއަށް މަސައްކަތްކުރާ އެންމެ ބޮޑު ޕާޓީކަމަށެވެ.

ޕީޕީއެމްގެ ރަސްމީ އޮފީސް ހުޅުވުމަށް ބޭއްވި ޙަފްލާގައި ވާހަކަފުޅުދައްކަވަމުން ރައީސް ޔާމީން ވިދާޅުވީ، ޕީޕީއެމްގެ އޮފީސް ރަސްމީކޮށް ހުޅުވިގެން ދިއުމަކީ ވަރަށް ބޮޑު އުފަލެއް ލިބިވަޑައިގަންނަވާ ކަމެއްކަމަށެވެ. ޕީޕީއެމް އަކީ އެޕާޓީގެ އާއްމު މެމްބަރުންގެ ޕާޓީއެއްކަމަށާއި ޕާޓީގެ އޮފީހަކީ ޕާޓީގެ އާއްމު މެމްބަރުންނާއި އެހާ ބީރަށްޓަހި އޮފީހަކަށް ވެގެން ނުވާނެކަމަށް ރައީސް ޔާމީން ވިދާޅުވިއެވެ.

ރާއްޖޭގެ ތަރައްޤީއަށް އެންމެ ބޮޑެތި މަސައްކަތްތަކެއް ކުރާ ޕާޓީއަކީ ޕީޕީއެމްކަމަށާއި ރާއްޖޭގެ ތަރައްޤީގެ އެންމެ ވަރުގަދަ ބިނާ ހަދަމުންދާއިރު ސަރުކާރު ހިންގާ މައި ޕާޓީ ޕީޕީއެމަށްވުރެ އެހެން ޕާޓީއެއް އެ ބިނާއެއްގެ ކައިރީގައި ތިބެގެންނުވާނެކަމަށްވެސް ރައީސް ޔާމީން ވިދާޅުވިއެވެ.

img:http://s3.psmnews.mv/images/660x400/14866665841785.JPG|ރައީސުލްޖުމްހޫރިއްޔާ އަބްދުﷲ ޔާމީން އަބްދުލްޤައްޔޫމް ވާހަކަފުޅުދައްކަވަނީ ފޮޓޯ ޕީއެސްއެމް

"އެއީ އަޅުގަނޑާއި އަޅުގަނޑުގެ ޕާޓީގެ މެމްބަރުންނާއި އަޅުގަނޑުގެ ކެބިނެޓްގެ ވަޒީރުން އަޅުގަނޑަށް ދެއްވި ހިތްވަރާއި އެކީ އަޅުގަނޑުމެން ކުރާ މަސައްކަތެއް. އެހެންވީމަ މީގެ ފުރިހަމަ އުފަލާއި ޝަރަފު ލިބިގަންނަ ބަޔަކަށް ވާންވާނީ ހަމަ ޕީޕީއެމްގެ މެމްބަރުން،" ރައީސް ވިދާޅުވިއެވެ. 

ޕީޕީއެމްގެ އައު އޮފީސް ހުޅުވުމަށް ބޭއްވި ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން ރައީސް ޔާމީން ވަނީ ކުރީގެ ސަރުކާރަށް ފާޑު ވިދާޅުވެ ބަހުގެ ހަމަލާތަކެއް ދެއްވާފައެވެ. ރައީސް ޔާމީން ވިދާޅުވީ ޑިމޮކްރަސީގެ ޗެމްޕިއަންގެ ގޮތުގައި ވަކާލާތުކުރެއްވުމަށްފަހު ވެރިކަމަށް ވަޑައިގެން ކުރީގެ ސަރުކާރުން ކުރެއްވިހާވެސް ކަމަކީ މީހުން މަގުމައްޗަށް ނެރެ ތަންތަން ހަލާކު ކުރުމާއި ރާއްޖެ ހަލަބޮލިކޮށްލުންކަމަށެވެ. އަދި ރައްޔިތުންގެ ހައްޤުތަކަކީ އޮތް އެއްޗެއްކަމަށް ނުބައްލަވާ ޤާނޫނަކަށް ބެއްލެވުމެއްނެތި ސިޔާސީ މީހުން ހައްޔަރުކޮށް ކޯޓްތަކުގައި ތަޅު އަޅުވާ ފަނޑިޔާރުންވެސް ހައްޔަރުކޮށްފައިވާކަން ރައީސް ޔާމީން ފާހަގަކުރެއްވިއެވެ.

"މަގުމަތީގައި މީހުން ނެރެގެން ގުޖަޑު ހިންގަމުން ތަންތަން ހަލާކު ކުރަމުން، އެންމެ ފަހުން ގޮސް ޢަދުލު އިންސާފު ޤާއިމްކުރަން ތިއްބެވި ފަނޑިޔާރުން ހައްޔަރުކުރި، ސިޔާސީ މީހުން އެކަންޏެއް ނޫން ހައްޔަރުކުރީ. އެހާ ހިސާބުން އަޅުގަނޑުމެން ފިކުރަށް ކެތް ނުވީ. އެހާ ހިސާބުން އަޅުގަނޑުމެން ނިންމީ ދެން އިނަފް އިސް އިނަފް މިހާރު ފުދިއްޖޭ އަޅުގަނޑުމެން އެބަޖެހޭ ބަދަލު ކުރަން. އަޅުގަނޑުމެން ނުކުތީ ފުލުހުންނާ ސިފައިންނާއި ދެކޮޅަކަށް ނޫން،" ރައީސް ޔާމީން ވިދާޅުވިއެވެ.

img:http://s2.psmnews.mv/images/660x400/14867166880675.jpg|ޕީޕީއެމްގެ އޮފީސް ހުޅުވުމަށް ބޭއްވި ރަސްމިއްޔާތުގެ ތެރެއިން

ރައީސް ޔާމިން ތުހުމަތުކުރެއްވި ގޮތުގައި ކުރީގެ ސަރުކާރުގެ ވެރިކަމުގެ ތިންއަހަރަކީ ގައުމު ފަނާކުރި ތިން އަހަރެވެ. ރައްޔިތުންގެ ތާއިދު އޮތުމަކީ ކުށެއް ނޫންކަމަށް ބައެއް އިދިކޮޅު ފަރާތަކުން ވިދާޅުވަމުން ގެނަދަވާކަމަށާއި އެހެންމަވެސް އެ ބޭފުޅެއްގެ ކުށް މާ ބޮޑުކަމަށް ރައީސް ޔާމީން ވިދާޅުވިއެވެ. 

"ބޭފުޅުން ފަހަރުގައި ވިދާޅުވެދާނެ ކަންނޭނގެ އެބޭފުޅުންގެ ކުށެއް ނޫނޭ ރައީސް ޔަމީނަށް ތާއީދު ނެތުމަކީ، ތެދުފުޅެއްމެ. އެއީކީ ނޫން އެބޭފުޅާގެ ކުށަކީ. އެބޭފުޅާގެ ކުށް އެޔައްވުރެ މާ ބޮޑު،"  ރައީސް ވިދާޅުވިއެވެ.

ރައީސް ޔާމީން ވިދާޅުވީ ރިޔާސީ ޕްރައިމެރީއެއް ބާއްވަން ކެރުނު ހަމައެކަނި ޕާޓީއަކީ ޕީޕީއެމްކަމަށެވެ. އަދި ދެންވެސް އެކަން ކުރަން ކެރޭނީވެސް އެ ޕާޓީއަށްކަމަށްވެސް ރައީސް ޔާމީން ވިދާޅުވިއެވެ.